ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވިސްނުމަކީ ދިވެހިރާއްޖޭގައި ނަޒާހާތްތެރި ރައްޔިތުންގެ މަޖިލީހެއް ބިނާކޮށްދެއްވައި ދެމެހެއްޓެވުންކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ފްލޯ ކްރޮސިންގް ބިލާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، ފްލޯކްރޮސިންގް ގާނޫނަކީ 1932 ވަނަ އަހަރު ގާނޫނުއަސާސީ ވުޖޫދުވެގެން އައިއިރުވެސް ހިމެނިފައިވާންޖެހޭ ބާބެއްކަމަށެވެ. ނަމަވެސް ފަހަކަށް އައިސް މަލްޓިޕާޓީ ޑިމޮކްރެސީ ދިވެހިރާއްޖެއިން ބަލައިގަތް ހިސާބުން ފެށިގެން ފެނިފައިވާ ހަތަރު ވެރިކަމުގެ ދައުރުގައިވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ނަޒާހާތްތެރިކަމެއް ނެތް ބައެއްގެ ގޮތުގައި ރައްޔިތުންގެ ތެރޭގައި ދެކެމުން އަންނަކަމަށެވެ.
މެމްބަރު ވިދާޅުވީ، ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑަށް އެ ވާހަކަތައް ދެކެވޭކަމަށާއި ކުއްލި މުއްސަނދިކަން ލިބިގެންދިއުމުގެ ވާހަކައިން ފެށިގެން ރައްޔިތުންގެ މެމްބަރުންނަކީ ވަރަށް ބޮޑަށް ކޮރަޕްޓު ބައެއްގެ ގޮތުގައި ފާހަގަކުރާކަމަށެވެ. މުހައްމަދު އިސްމާއިލް ވިދާޅުވީ، ރައީސް ޑރ މުއިއްޒު ގެންގުޅުއްވަނީ ރާއްޖޭގައި ނަޒާހާތްތެރި ރައްޔިތުންގެ މަޖިލީހަށް ބިނާކުރެއްވުމުގެ ވިސްނުންފުޅުކަމަށާއި ރައްޔިތުންނާއި ގައުމަށް ފައިދާހުރި މަސައްކަތްތަކެއް މިނިވަންކަމާއިއެކު ކުރެވޭނީ ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއް އޮވެގެންކަމަށް ފާހަގަކުރެއްވިއެވެ.
އެހެންކަމުން ފްލޯކްރޮސިންގް ގާނޫނު އޮތުމުގެ ސަބަބުން މި ދައުރުގެ މެމްބަރުންނާއި ކުރިއަށް އޮތްތާނގައި ހަވާލުވެވަޑައިގަންނަވާނެ މެމްބަރުންނާއި ދޭތެރޭގައިވެސް ރައްޔިތުން ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެގެންދާނެކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ނަޒާހާތްތެރި ބައެއްގެ ގޮތުގައި ފާހަގަވެގެންދާނެކަމަށް މެމްބަރު ވިދާޅުވިއެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ، ރާއްޖޭގައި މަލްޓިޕާޓީ ޑިމޮކްރެސީ ބަލައިގަތް ފަހުން އެކި ސިޔާސީ ޕާޓީތަކަށް ބަދަލުތައް އައިރު ޕާޓީ ބަދަލުކުރެއްވި މެމްބަރުންނާއި ގުޅޭގޮތުން ރައްޔިތުންގެ ތެރޭގައި ދެކެވުނު ވާހަކަތަކާއިމެދު ވިސްނާލަން ޖެހޭކަމަށެވެ. މެމްބަރު ވިދާޅުވީ، އެކަންކަމުގެ ސަބަބުން އެމީހެއްގެ އިތުރުން އަނބި ދަރިންނާއި އާއިލާއަށް ނަފްސާނީގޮތުން ގެއްލުންތަކެއް ވެގެންގޮސްފައިވާނެކަމަށެވެ.
މެމްބަރު ވިދާޅުވީ، ގާނޫނު ނެތަސް އަދި އޮތަސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި އަދުލްވެރިކަން އިސްކޮށްގެން ނަޒާހާތްތެރިކަމާއިއެކު މަސައްްކަތްކުރައްވާ ބޭފުޅުން މަދު ނޫންކަމަށާއި ގާނޫނު ނެތުމުގެ ސަބަބުން ޕާޓީ ބަދަލުކޮށް ސަރުކާރަށް ޖެއްސުން ކުރުން ފަދަ އަމަލުތައް ހިނގިކަމަށާއި އެކަންކަމުގެ ސަބަބުން މެމްބަރުންނާއި ގުޅޭގޮތުން ރައްޔިތުންގެ ތެރޭގައި ނޭދެވޭ ވާހަކަތައް ދެކެވިފައިވާކަމަށެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ، ގާނޫނުގެ ސަބަބުން މެމްބަރުންގެ މިނިވަންކަން ގެއްލިގެން ނުދާކަމަށާއި ގާނޫނު މެދުވެރިކޮށް މެމްބަރުން ނިސްބަތްވާ ޕާޓީއަކަށް ވަކި ގޮތަކަށް އަމަލުކުރަން އަމުރުކުރުން ފަދަ އަމަލުތަކެއް ހިންގަންވެސް ޖާގަ ލިބިގެން ނުދާކަމަށެވެ. އަދި ގާނޫނުއަސާސީގައި މެމްބަރުން ކުރައްވަން ޖެހޭ މަސައްކަތްތައް ސާފުކޮށް ފާހަގަކުރެވިފައިވާކަމަށާއި ރައީސް ޑރ މުއިއްޒު މި ގާނޫނު ވުޖޫދަށް ގެނައުމަށް އެދިވަޑައިގަތީ ރާއްޖޭގައި ނަޒާހާތްތެރިކަމާއިއެކު މަސައްކަތްކުރާ މަޖިލީހެއް އޮތުމަށް ބޭނުންވެވަޑައިގަންނަވާތީކަމަށެވެ. މެމްބަރު ވިދާޅުވީ، މުޅި ގާނޫނުގެ މަގުސަދަކީވެސް އެއީކަމަށާއި ގާނޫނުގެ ސަބަބުން މެމްބަރުންގެ މިނިވަންކަން ގެއްލިގެންދާ ހާލަތު މެދުވެރިނުވާކަމަށެވެ.

