ވ އާރަށު މައްސަލައިގައި ހިމެނޭ 1 މިލިއަން ޑޮލަރާ ގުޅޭގޮތުން ތަހުގީގުގައި ސުވާލު ކުރުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީނު ހަނު ހުންނެވީ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތުގެ ސަބަބުންކަމަށް ރައީސް ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޔާމީނުގެ ފަރާތުން އެހެން ވިދާޅުވީ، ވ އާރަށު މައްސަލައިގެ ދައުލަތުގެ އައު ހެކިތައް އެއްފަރާތް ކުރުމަށް އެންގި އެންގުން އިސްތިއުނާފުކޮށް ދައުލަތުން ސުޕްރީމް ކޯޓުގައި ދެއްކި ވާހަކައަށް ރައްދު ދެއްވަމުންނެވެ.
ރައީސް ޔާމީނުގެ ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ، ދައުލަތުގެ އިސްތިއުނާފީ ނުކުތާއާ އެއްގޮތަށް ނިންމުމުގެ ނަތީޖާއަކަށްވާނީ ޝަރީއަތުގެ ކޮންމެ މަރުޙަލާއެއްގައިވެސް އައު ހެކިތައް ހުށަހެޅުން ހުއްދަވުން ކަމަށާއި، އެއީ 21 ވަނަ ޤަރުނުގެ ޝަރީއަތް ކުރުން އޮންނަންވާ ގޮތެއް ނޫންކަމަށެވެ. އެގޮތުން ޝަރީއަތް ކުރުމަކީ ވަކި މަރުޙަލާތަކެއް ކަނޑައެޅިފައި އޮންނަ ކަމެއްކަން ވަކީލު ފާހަގަ ކުރެއްވިއެވެ.
ވަކީލު ވިދާޅުވީ، އިބްތިދާއީ މަރުޙަލާގެ ފަހުން ހެކި ހުށަހެޅޭނެ ގޮތެއް އޮންނަ ކަމަށާއި، ނަމަވެސް އެއީ ޝަރީއަތް ނިމުމަށްފަހު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 153 ވަނަ މާއްދާގެ (ނ) ގައި ބުނާ ގޮތުގެ މަތިން ޝަރީއަތް އަލުން ހުޅުވާލާ ޙާލަތް ކަމަށެވެ.
އެހެންނަމަވެސް މި މައްސަލައިގައި އޮތީ އެ ޙާލަތެއް ނޫންކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ވަކީލު ވިދާޅުވީ، ސުޕްރީމް ކޯޓުގައި ދައުލަތުން ވާހަކަ ދައްކަމުންދަނީ ދަށު ކޯޓުގައި ދައްކަމުން ދިޔަ ގޮތަކަށް ނޫން ކަމަށެވެ. އެގޮތުން ދަށު ކޯޓަށް ހުށަހެޅި ސިޓީގައި އެ ހެކިތަކަކި މައްސަލައިގެ ބަލަމުންދާ ހަގީގަތެއް ސާބިތު ކުރުމަށް ހުށަހެޅި ހެކިތަކެއް ނޫންކަމަށް ދައުލަތުން ފާހަގަކޮށްފައިވާކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
އޭގެ އިތުރުން، ރައީސް ޔާމީނު ތަހުގީގުގައި ހަނު ހުންނެވީ އެތައް ދުވަހެއްގެ މަތިން ފުލުހަށް ހާޒިރުކޮށް، ތަކުރާރުކޮށް ސުވާލުކޮށް ”ހެރޭސް ކުރާ ހިސާބަށް“ ދިއުމުން އެންމެ ފަހުން އެކަންކަމަށް ކެތް ނުކުރެވިގެން ކަމަށާއި، އެއީ ފުލުހުން އަމަލުކުރި ގޮތުން ދިމާވި ކަމެއް ކަމަށްވެސް ވަކީލު ހަމްޒާ ވިދާޅުވިއެވެ.
މި މައްސަލައިގައި ހިމެނޭ 1 މިލިއަން ޑޮލަރާ ގުޅޭގޮތުން ރައީސް ޔާމީނާއި ޔޫސުފް ނައީމާ ތަހުގީގުގައި ސުވާލު ކުރުމުން ހަނު ހުންނަވައި، ފަހުން ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއްކަމަށް ބުނެ ޝަރީއަތުގައި ހެކިތައް ހުށަހެޅުމުން ޝައްކުތަކެއް އުފެދިފައިވާކަމަށް ދައުލަތުގެ ވަކީލު ވަނީ ސުޕްރީމް ކޯޓުގައި ވިދާޅުވެފައެވެ. އެގޮތުން ދިފާއީ ހެކިވެރިން ދިން ހެކިބަސްތަކުގައިވެސް ހަގީގަތާ ޚިލާފު އެތައް ވާހަކަތަކެއް އެބަހުރި ކަމަށާއި، ދައުލަތުން އައު ހެކިތަކެއް ހުށަހަޅަން ޖެހޭ ޙާލަތު އައީވެސް އެ ސަބަބާހުރެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ޔޫސުފް ނައީމްގެ ފަރާތުންވެސް ވަނީ ދައުލަތުގެ އައު ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން އެންގި އެންގުމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވާފައެވެ.
އެއަށްފަހު ފަނޑިޔާރުން ސާފު ކުރައްވަން ހުރި ކަންކަން ސާފު ކުރެއްވުމަށްފަހު މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމަވާލައްވާފައެވެ. އެހެންކަމުން ދެން އޮންނާނީ މި މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ބާއްވާ އަޑުއެހުމެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހިމް، އަދި ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރެވެ.

