މީގެ ކުރިން ބައެއް ގައުމުތަކުން ދިވެހިރާއްޖެއަށް ލޯނުތައް ދީފައިވަނީ އެކަށީގެންވާ ގޮތަކަށްވުރެ ރާއްޖެއަށް އެކަމުން އަނިޔާތައް ލިބިގެންދާނެ ގޮތަކަށް ބަލައިގެންކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އިންނަމާދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ފަލާހު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ދަރަނި އޮތީ ސަލާމަތް ނުވާ މިންވަރުގައިކަމަށެވެ.
ފަލާހު ވިދާޅުވީ، ”މީގެ ކުރިން ބައެއް ލޯނުތައް ރާއްޖެއަށް ނަގާފައިވަނީ އަދި ދޫކުރި ބައެއް ގައުމުތަކުން ދީފައިވަނީވެސް އެންމެ އެކަށީގެންވާ ގޮތަށްވުރެ ބޮޑަށް ދިވެހިރާއްޖެއަށް އެކަމުން އަނިޔާތަކެއް ލިބިގެންދާ ގޮތަކަށް ބަލައިގެން“ ކަމަށެވެ.
މީގެއިތުރުން، ފަލާހު ފާހަގަކުރެއްވީ ރައީސް މުއިއްޒު މަސައްކަތްކުރައްވަމުންދަނީ ދެވަނަ ދައުރެއް ހޯއްދެވުމަށް ނޫންކަމަށެވެ. އޭނާ ވިދާޅުވީ ރައީސް މުއިއްޒުގެ އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެއްވުމާއި ރާއްޖެ އަމާން ބަނދަރަކަށް ގެންގޮސްދެއްވުންކަމަށެވެ.
ފަލާހު އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ވަނީ އެއް އަހަރާއި މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުރީގެ ވެރިންނަށް ހައްލުނުކުރެވުނު އެތައް މައްސަލައެއް ހައްލުކޮށްދެއްވާފައިކަމަށެވެ. އަދި މަސްތުވާތަކެއްޗާއި މުޖުތަމައުގެ ތެރޭގައި އަށަގަނެފައިވާ ނުބައި އާދަތައް ހައްލުކުރުމަށް ދެއްވާ އިސްކަމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ފަލާހު ވިދާޅުވީ، ”ރާއްޖޭގެ ޒުވާން ޖީލު ސަލާމަތްކުރެއްވިޖެ ހާލަތުގައި ގައުމުގެ މުސްތަގުބަލު ވަރަށް އުޖާލާވެގެންދާނެ“ ކަމަށާއި ރައީސް މުއިއްޒު އަޅުއްވަމުން ގެންދަވަނީ އެ ފިޔަވަޅުތައްކަމަށެވެ.

