ވައުދުވެވަޑައިގެންނެވި ހުރިހާ މަޝްރޫޢުތަކެއް ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގުމަށްޓަކައި އެކި ފަރާތްތައް ހޯދުމަށް މި މަހު އިޢުލާނުކުރެވިގެންދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރ. އިންނަމާދޫއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު މި ވާހަކަ ވިދާޅުވިއެވެ. މި ޖަލްސާގައި ރައީސް ވަނީ ރަށުގެ ތަރައްޤީއަށް ރޭވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ތަފްސީލީ މަޢުލޫމާތު ދެއްވާފައެވެ.
ރައީސް ވިދާޅުވީ މިއަހަރަށް ފާސްކުރި ބަޖެޓުގައި އެންމެ އިސްކަމެއް ދެއްވާފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް ކަމަށެވެ. އެގޮތުން ބަޖެޓުގައި އެންމެ ބޮޑަށް އިސްކަންދީފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރުގެ މަޝްރޫޢުތައް ހިންގުމަށާއި ބޯހިޔާވަހިކަމުގެ މައްސަލައަށަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ކަމަށް ފާހަގަކުރެއްވިއެވެ.
”އިންނަމާދޫގައިވެސް ގެދޮރުގެ މައްސަލަ ޙައްލުކުރުމަށް ކެމްޕޭނުގެ ތެރޭގައި ވައުދުވެވަޑައިގެންނެވި. އެ މައްސަލައަށް ޙައްލެއް ގެނައުމުގެ ގޮތުން ހައުސިންގ މަޝްރޫޢުތައް ހިންގާނެ ވާހަކަ މީގެ ކުރިން ހިއްސާކުރެވިފައިވާނެ,“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި މަހުގެ ބާކީ އޮތް ދުވަސްކޮޅުގެ ތެރޭގައި ހައުސިންގ އަދި ފިނޭންސް މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތައް މެދުވެރިކޮށް އިންނަމާދޫގައި އަޅާ ހައުސިންގ ޔުނިޓުތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށެއްގައި ވައުދުވެވަޑައިގެންނެވި ހުރިހާ މަޝްރޫޢުތަކެއް ހިންގުމަށްޓަކައި އެކި ފަރާތްތައް ހޯދުމަށް އިޢުލާނުކުރެވިގެންދާނެ ކަމަށެވެ.
”މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މި މަހުގެ ތެރޭގައި ބިޑަށް ހުޅުވާލެވިގެންދާނެ. އިންނަމާދޫގައި ކައުންސިލުން ބިން ކަނޑައަޅައިދިންހާ އަވަހަކަށް ކޮންޓްރެކްޓަރެއް ހަމަޖެހުމާއެކު 50 ޔުނިޓުގެ ހައުސިންގ މަޝްރޫޢުއެއް ކުރިއަށް ގެންދެވޭނެ,“ ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ދެން އެންމެ އިސްކަމެއް ދެއްވަނީ ބާކީ މަޝްރޫޢުތަކަށް ޢަމަލީ ސިފައެއް ގެނައުމުގެ ގޮތުން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
މި ޖަލްސާގައި ރައްޔިތުންގެ ފަރާތުން ހުށަހެޅުނު ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ރާވާފައިވާ މަޝްރޫޢުތައް ވީހާވެސް އަވަހަކަށް ފެށުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ރަށުގެ އެހެނިހެން ދާއިރާތަކުގެ ތަރައްޤީއަށްވެސް ސަމާލުކަން ދެއްވާނެ ކަމަށް އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.
މި މަހުގެ ތެރޭގައި އިޢުލާނުކުރެވޭ މަޝްރޫޢުތަކުގެ ތެރޭގައި ހައުސިންގ ޔުނިޓުތަކުގެ އިތުރުން އެހެނިހެން ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައްވެސް ހިމެނޭނެ ކަމަށް ލަފާކުރެވެއެވެ. މިކަމުން ރާއްޖޭގެ އެކި ރަށްރަށުގެ ރައްޔިތުންނަށް ތަފާތު ގިނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

