އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާއްމު މަސްލަހަތު ގެއްލޭފަދަ ކަންކަން ހިންގަމުންދާކަން ފާހަގަ ކުރެވޭތީ، އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން އެ ސަރަހައްދުތައް މޮނިޓަރކުރަން ފަށައިފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ އާއްމު މަސްލަހަތައް ނުރައްކާވާފަދަ މިފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، މި ހަރަކާތް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ހަރަކާތްތައް ކުރިއަށްދާއިރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ ޓާސްކުފޯހުން އެފަދަ ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ދާދިފަހުން މިފަދަ ހާދިސާތަކެއް ވަނީ ހިނގާފައެވެ. އޭގެ ތެރޭގައި ބިދޭސީންތަކެއް އާޓިފިޝަލް ބީޗްގައި މާރާމާރީ ހިންގި މައްސަލަ ހިމެނެއެވެ. މީގެ އިތުރުން، މިދިޔަ ޑިސެމްބަރު މަހުވެސް އާޓިފިޝަލް ބީޗުގައި މިފަދަ މާރާމާރީއެއް ހިންގާފައިވާކަންގާފައިވާކަން ފާހަގަކުރެވެއެވެ.
މި މައްސަލައާ ގުޅޭގޮތުން އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަޙީދު ވިދާޅުވެފައިވަނީ، އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، މިފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.

