ރާއްޖޭގެ ހަކަތައިގެ ސަޕްލައިއަކީ އެކަށީގެންވާ، އިތުބާރު ހިފޭ، ދެމެހެއްޓެނިވި، ރައްކައުތެރި އަދި ހެޔޮ އަގުގައި ހަކަތަ ފޯރުކޮށްދެވޭ ނިޒާމަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ސާފު ހަކަތައިގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ މި ދުވަހުގެ މުހިންމުކަން ފާހަގަކުރައްވައި، ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު ދަށްކޮށް ސާފު ހަކަތައަށް ބަދަލުވުމުގެ މުހިންމުކަން އަލިއަޅުވާލައްވާފައިވެއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ”ދުނިޔެއަށް އަންނަމުންދާ މޫސުމީ ބަދަލުތަކުގެ ދަތިތައް އިންތިހާއަށް ކުރިމަތިވެގެންދާ ބިންތިރި ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ މުސްތަޤުބަލަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.“
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖެއިން ވަނީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއަރުވައި، އިރުގެ އަވިން ހަކަތަ އުފެއްދުމުގެ ރޮނގުން ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިކަމަށެވެ. އަދި 2028 ވަނަ އަހަރު ނިމޭއިރު ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހަކަތައިގެ ޤާނޫނާއި އެ ދާއިރާގެ މަގުޗާޓުގައި ހަކަތައިގެ ސަޕްލައިއަކީ އެކަށީގެންވާ، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި އެއްޗެއްގެ ގޮތުގައި ކަނޑައެޅި ބިނާކުރެވެންޖެހެއެވެ. އަދި މިކަމުގައި ޕްރައިވެޓް ސެކްޓަރުގެ ދައުރު މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
މި މަސައްކަތްތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ގޮތުން ކަނޑައަޅާފައިވާ މޫސުމީ ލަނޑުދަނޑިތައް ހާސިލުކުރުމުގެ އިތުރުން ހަކަތައިގެ ރައްކައުތެރިކަމާއި ރާއްޖޭގެ އިޤްތިޞާދީ ހަރުދަނާކަންވެސް އިތުރުވެގެންދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު މި މެސެޖު ނިންމަވާލެއްވީ، ސާފު ހަކަތައިގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވިމާލީ އެހީތެރިކަން ދެއްވާ ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުންނެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށް މި ދާއިރާއިން ދޭ އެހީ ކުރިއަށް އޮތް އަހަރުތަކުގައި އިތުރުކުރަންޖެހޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މެސެޖުގައި ރައީސް މުއިއްޒު ވަނީ ސާފު ހަކަތައިގެ ދާއިރާގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަތީގައި ދެމިތިބުމަށް ހިތްވަރުދެއްވާފައެވެ. އަދި މި މަސައްކަތްތަކަކީ ހަމައެކަނި ރާއްޖެއަށް މުހިންމު ކަމެއް ނޫންކަމާއި، ދުނިޔޭގެ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަންވެސް ފާހަގަކުރެއްވިއެވެ.

