ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ ތަރައްގީ ގެނައުމުގެ މަގްސަދުގެ އިތުރަށް ވަކި ވަކި ފަރުދުންގެ ތަރައްގީއަށްވެސް މަސައްކަތްތަކެއް ކުރަން ޖެހޭ!

މާލާގެ ކާރުބާރު ބޮޑު މަގުމަތި: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އާމްދަނީގެ ނުތަނަވަސްކަމަކީ މިހާރު އަވަސް ހައްލެއް ބޭނުންވެފައިވާ އިޖުތިމާއީ މައްސަލައެކެވެ. ފާއިތުވި އަހަރުތަކުގައި މުއްސަނދިންނާއި ފަގީރުންގެ މެދުގައި އޮތް ފަރަގު ފުޅާވަމުން ގޮސްފައިވާއިރު، ވަސީލަތްތަކާއި ފުރުސަތުތައް ލިބުމުގައި ބޮޑެތި ތަފާތުތަކެއް ހުރިކަމަށް ފާހަގަކުރެވެއެވެ.

ވަކިވަކި ފަރުދުންގެ ކުރިއެރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާއިރު، ޤައުމަށް ލިބޭ ކާމިޔާބީގެ މަންފާ ލިބެނީ ވަކި ބަޔަކަށް ކަމަށް ބުނެވިދާނެއެވެ. އަދި ޤައުމު ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގައިވެސް އެންމެންގެ ދުޅަހެޔޮކަމަށް އަމާޒުކުރެވޭ މަސައްކަތްތައް މަދުކަން ފާހަގަކުރެވެއެވެ.

މިކަމުގެ ސަބަބުން އިޖުތިމާއީ އެއްބައިވަންތަކަމާއި އިޤްތިޞާދީ ހަމަޖެހުމަށް ނޭދެވޭ އަސަރުކޮށް، ފަގީރުކަމުގެ މިންވަރާއި، ކުށުގެ ނިސްބަތާއި، އިޖުތިމާއީ ހަމަނުޖެހުން އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

އެކި ދާއިރާތަކުން ކާމިޔާބީތައް ހާސިލުކުރެވެމުންދިޔަ ނަމަވެސް، ޚާއްޞަކޮށް ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ދިރިއުޅުން ކުރިއަރުވަން ދަތިވެފައިވެއެވެ. ރަށު ފެންވަރުގައި ތަރައްޤީ ގެނައުމަށް މި ސަރުކާރުންވެސް މަސައްކަތްތަކެއް ކުރަމުންދެއެވެ. ނަމަވެސް، ދިގު މުއްދަތެއް ވަންދެން ދެމިގެން އައިސްފައިވާ މި މައްސަލައަށް ހައްލެއް ހޯދުމަށް ގިނަ ދުވަސްތަކެއް ހޭދަވާނެއެވެ.

ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ފެންވަރު ރަނގަޅު ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތައް ނުލިބުމުން މި މައްސަލަ އިތުރަށް ގޯސްވަމުންދާއިރު، ގިނަ ޒުވާނުން ތިބީ ވަރަށް ދަތި ހާލަތެއްގައެވެ. މިކަމުގެ ސަބަބުން ޤައުމުގެ ޖުމްލަ ތަރައްޤީއަށް ހުރަސްއެޅިގެންދާކަމީ ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ.

އާމްދަނީގެ ނުތަނަވަސްކަން ދެމެހެއްޓެނިވި ގޮތެއްގައި ޙައްލުކުރުމަށްޓަކައި، އެންމެންގެ ބައިވެރިވުން ހިމެނޭ ފުޅާ ދާއިރާއެއްގެ މަސައްކަތްތައް ކުރަން ޖެހެއެވެ. މިގޮތުން ތަޢުލީމަށް އިންވެސްޓްކުރުމަކީ އަސާސީ ފިޔަވަޅެކެވެ. މުޖުތަމަޢުގެ ފުޅާ ދާއިރާއަކަށް ފެންވަރު ރަނގަޅު ތަޢުލީމާއި ވޮކޭޝަނަލް ތަމްރީނު ފޯރުކޮށްދިނުމުން، ރަނގަޅު އުޖޫރައެއް ލިބޭ ވަޒީފާތައް ހޯދުމަށް ގިނަ ބަޔަކަށް މަގުފަހިވެގެންދާނެއެވެ. އެބައެއްގެ އުފަންރަށުގައި ތިބެގެން މިފަދަ ފުރުޞަތުތައް ހޯދޭނެ ގޮތްތަކަށް ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގައި އިސްކަންދޭންޖެހެއެވެ.

މިފަދަ ގޮތަކަށް ރައްޔިތުން ބާރުވެރިކުރުވުމުގެ މަސައްކަތްތައް ސަރުކާރަށް ކުރެވޭނަމަ، މި މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ލިބިގެންދާނެއެވެ. އަދި ރައްޔިތުން ވަކި ބަޔަކަށް ނުވަތަ ވަކި ތަނަކަށް ބަރޯސާވާންޖެހޭ މައްސަލައަށްވެސް ފަރުވާއެއް ލިބިގެންދާނެއެވެ. އިންސާނީ ވަސީލަތްތަކަށް ކުރެވޭ މި އިންވެސްޓްމަންޓަކީ ފަގީރުކަމުގެ ސަރކަލް ނައްތާލައި، އިޤްތިޞާދީ ކުރިއެރުން ހޯދުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މީގެ އިތުރުން، ވިޔަފާރިތައް ކުރިއެރުވުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަކީ އާންމު ފަރުދުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް މުހިންމު ފިޔަވަޅެކެވެ. މި މަގުން އިތުރު ވަޒީފާގެ ފުރުޞަތުތައް އުފެދިގެންދާނެއެވެ. އަދި ހަމައެއާއެކު، މިފަދަ ފުރުޞަތުތައް މަދު ސަރަޙައްދުތަކުގައި، މާލީ އެހީތެރިކަމާއި، ތަމްރީނާއި، ވަސީލަތްތައް ސަރުކާރުން ފޯރުކޮށްދިނުމަށް އިސްކަންދޭންވާނެއެވެ. މަސައްކަތްތެރިންނަށް އިންސާފުވެރި އުޖޫރައެއް ލިބޭނެކަން ކަށަވަރުކުރުމަކީވެސް ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށާއި އާމްދަނީގެ ނުތަނަވަސްކަން ކުޑަކުރުމަށް އަސާސީ ކަމެކެވެ.

ހަމަ މިއާއެކު، އާމްދަނީގެ ނުތަނަވަސްކަން ޙައްލުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިގޮތުން މި މައްސަލައިގައި އާންމު ފަރުދުންނާއި މުޖުތަމަޢުގެ ދައުރު ރައްޔިތުންނަށް އިހުސާސްކުރެވޭނެއެވެ. މި މަޝްވަރާތަކުގައި ބައިވެރިވުމަށް ހިތްވަރުދިނުމާއި، ހަމަހަމަކަން ކުރިއެރުވުމަށް އެކުލަވާލާ ސިޔާސަތުތަކަށް ވަކާލާތުކުރުމަށް މަގުފަހިވާނެފަދަ ހަރަކާތްތައް ހިންގުމަކީ މި މައްސަލައަށް ހައްލު ހޯދުމަށްޓަކައި އަސާސީ ކަމެކެވެ.

ޙަޤީޤަތަކީ ހަމަޖެހޭ އަދި ދެމެހެއްޓެނިވި މުސްތަޤްބަލެއް ކަށަވަރުކުރުމަށްޓަކައި، އާމްދަނީގެ ނުތަނަވަސްކަމަކީ ދިވެހިރާއްޖޭގައި އަވަސް ހައްލެއް ހޯދަންޖެހިފައިވާ މުހިންމު މައްސަލައެއްކަމެވެ. ޕްރޮގްރެސިވް ޓެކްސް ސިޔާސަތުތައް ތަންފީޒުކުރުމާއި، ތަޢުލީމަށް އިންވެސްޓްކުރުމާއި، ވިޔަފާރިވެރިކަން ކުރިއެރުވުމާއި، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ސަބަބުން، އާމްދަނީގެ ތަފާތުތައް ކުޑަކުރުމާއި، ހަމަހަމަ މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.

ހަމައެކަނި ޤައުމީ ތަރައްޤީ ގެނައުމުގެ މަޤްޞަދުގައި ކުރާ މަސައްކަތްތަކުން ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަކީ ދަތިކަމަކަށް ވެދާނެއެވެ. އެހެންކަމުން، ވަކިވަކި ފަރުދުންގެ ކުރިއެރުމަށްޓަކައިވެސް ޚާއްޞަ މަސައްކަތްތަކެއް ކުރަންޖެހެއެވެ.

އާމްދަނީގެ ނުތަނަވަސްކަން ޙައްލުކުރުމަށް އަޅަންޖެހޭ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި: ސަރަޙައްދީ ތަރައްޤީ ގެންނަން ޖެހެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޤްތިޞާދީ ފުރުޞަތުތައް އުފެއްދުމަށް އަމާޒުކޮށްގެން ސަރަޙައްދީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުން ޖެހެއެވެ. އޭގެއިތުރުން އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަކީ މިއަދު ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. އެންމެ ނިކަމެތި ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ފުޅާކޮށް، އެހީތެރިކަން އިތުރުކުރަން ޖެހެއެވެ.

މީގެއިތުރުން ޓެކްނޮލޮޖީގެ ބޭނުން ހިފުމަކީ ތަރައްގީވެފައިވާ މި. ޒަމާނުގައި ކޮންމެހެން މުހިންމު ކަމެކެވެ. ޑިޖިޓަލް ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ޒަރީޢާއިން ރަށްރަށުގައި ތިބެގެން މަސައްކަތްކުރެވޭނެ ފުރުޞަތުތައް އިތުރުކުރުމަކީ މިއަދު ކުރަން މާ ދަތި ކަމެއް ނޫނެވެ.

ހަމައެހެންމެ ތިމާވެށްޓާ ރައްޓެހި، ދެމެހެއްޓެނިވި އިޤްތިޞާދީ ޙަރަކާތްތައް ކުރިއެރުވުމަށް އިސްކަންދޭން ޖެހެއެވެ. އަދި  އަންހެނުންނަށް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމާއި، އިޤްތިޞާދީ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުން ޖެހެއެވެ.

އަޅުގަނޑުގެ ހިޔާލުގައި އެންމެ މުހިންމު އެއް ކަމަކީ ދަރަނީގެ ބުރަ ލުއިކުރުމެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ލޯނު ދޫކުރުމާއި، ދަރަނި އަދާކުރުމަށް ލުއިފަސޭހަ ގޮތްތައް ހަމަޖެއްސުމެވެ. މީގެއިތުރުން ބޯހިޔާވަހިކަމުގެ ޙައްލު ހޯދުމަކީ ހުރިހައި ކަމެއްގެ ވެސް އަސްލު ހައްލެވެ. އަތްފޯރާފަށުގައި ބޯހިޔާވަހިކަން ލިބޭނެ ގޮތްތައް ހޯދައިދިނުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން މަސައްކަތްކުރަން ޖެހެއެވެ.

ކޮންމެއަކަސް އާމްދަނީގެ ނުތަނަވަސްކަން ޙައްލުކުރުމަކީ ދިގު މުއްދަތެއްގެ މަސައްކަތެކެވެ. މިކަމަށް ސަރުކާރާއި، އަމިއްލަ ވިޔަފާރިތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، އަދި ޢާންމު ރައްޔިތުންގެ ގުޅިލާމެހިފައިވާ މަސައްކަތް ބޭނުންވެއެވެ. ހަމަހަމަކަމާއި އިންސާފުވެރިކަމުގެ މައްޗަށް ބިނާކުރެވިފައިވާ މުޖުތަމަޢެއް ބިނާކުރުމަށް، އެންމެން އެކުގައި މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. މިގޮތުން އެޅޭ ކޮންމެ ފިޔަވަޅަކީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށާއި، އިޖުތިމާޢީ ތަރައްޤީއަށް އެޅޭ ހަރުދަނާ ފިޔަވަޅަކަށް ވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: