ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚަކީ އަލިގަދަ ވަގުތުތަކާއި އަނދިރި ދުވަސްތައް އެކުލެވިގެންވާ ތާރީޚެކެވެ. ކާމިޔާބީތަކާއި ހިތާމަވެރި ހާދިސާތައް ފެނިފައިވާއިރު، މިއަދު އެ ތާރީޚަށް އައު ބާބެއް އިތުރުވެގެން ހިނގައްޖެއެވެ. ވެރިކަމުގައި އޮތް ޕާޓީއަކުން އިދިކޮޅު މައި ޕާޓީން ބޭއްވި ބޮޑު އެއްވުމަކަށް ހުރަސް ނާޅައި، ފުރިހަމަ އެއްބާރުލުން ދިން މަންޒަރު ފެނިގެން ދިޔައީ އެގޮތުންނެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ ކަމުގައިވާ އެމްޑީޕީން ވަނީ ސުލްހަވެރި ހިނގާލުމެއް ކުރިއަށް ގެންގޮސްފައެވެ. މިފަދަ ހަރަކާތްތަކުގައި މައްސަލަތައް ދިމާވުމުގެ ފުރުސަތު އޮންނަކަން އެންމެންނަށްވެސް އެނގެއެވެ. ނަމަވެސް ޖެނުއަރީ 31 ވަނަ ދުވަހުގެ ރޭގައި އެމްޑީޕީން ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތް ނިމިގެން ދިޔައީ ސުލްހަވެރިކަމާއެކު، އެއްވެސް ހާދިސާއެއް ނެތިއެވެ.
އެމްޑީޕީން ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، ތަންފީޒީ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދިންކަން ފާހަގަކުރަންޖެހެއެވެ. އެ ޕާޓީން މަގުތަކަށް ނުކުތީ ސަރުކާރުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށް ބުނެއެވެ. ނަމަވެސް އެ ހަރަކާތް ކުރިއަށްދިޔަ ގޮތުން، އެފަދަ ހައްގުތަކެއް ގެއްލިފައި ނުވާކަން ސާފުކޮށް ފެނިގެން ދިޔައެވެ.
މީގެ ކުރިން ރައްޔިތުންގެ އަޑު ކަނޑުވާލުމަށް މަސައްކަތްކުރާ ކަމަށް ބުނެފައިވީނަމަވެސް، މިއަދު އެފަދަ ޖާގައެއް ނެތްކަން ސާބިތުވެއްޖެއެވެ. އެމްޑީޕީން ދެއްކި ވާހަކަތައް އެއްވެސް ހުރަހަކާ ނުލައި ދެއްކުނެވެ. އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. ސަރުކާރުގެ ފަރާތުން އެއްވެސް ވަރަކަށް ހުރަހެއް ނާޅައެވެ.
ވެރިކަން ކުރާ މައި ޕާޓީއަށް މިއީ ފަޚުރުވެރިވާންޖެހޭ ކަމެކެވެ. ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ބާރުތައް ކަށަވަރުކޮށްދިނުމަކީ ސަރުކާރާމެދު އޮތް ނުތަނަވަސްކަން ފިލުވައިދޭނެ ކަމެކެވެ. ރާއްޖޭގެ ސިޔާސީ ތާރީޚުގައި އުޖާލާ ސަފުހާއެއް އިތުރުކޮށްދެއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މަރުހަބާ ދަންނަވަމެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުތަކުން ވަކި ޕާޓީއަކާމެދު ވަކި ގޮތަކަށް އަމަލުކުރައްވާ ކަމެއް ނުފެނެއެވެ. އެމަނިކުފާނު ވިދާ ޅުވެފައިވަނީ، ސަރުކާރަށް ފާޑުކިޔުމަކީ މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް އެކަން ކުރަންވާނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް، ރީތި އަޚްލާޤާއެކު ކަމަށެވެ. މީގެ އިތުރުން، ރައީސް ވިދާޅުވެފައިވަނީ ހުރިހާ ރައްޔިތުންނަކީވެސް ހަމަހަމަ ބައެއް ކަމަށާއި، ސަރުކާރުން ޚިދުމަތް ދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށެވެ.
ރައީސްގެ މި ވާހަކަފުޅުތަކުން ދޭހަވަނީ، އެމަނިކުފާނުގެ ސަރުކާރުން ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ތެރެއިން ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރައްވާ ކަމެވެ. އަދި ތަފާތު ޚިޔާލުތަކަށް ޖާގަ ދެއްވާ ކަމެވެ. ނަމަވެސް އެކަން ކުރަންވާނީ އަޚްލާޤީ މިންގަނޑުތަކުގެ ތެރެއިން ކަމަށް އެމަނިކުފާނު އިލްތިމާސް ކުރައްވައެވެ.ރާއްޖެއަކީ އިސްލާމީ ޤައުމަކަށްވުމާއެކު، ބައެއް ކަންކަމަކީ ދިވެހިން ޤަބޫލުކުރާނެ ކަންކަން ނޫން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ މި ވާހަކަފުޅުތަކަކީ ގިނަ ރައްޔިތުން ބަލައިގަންނާނެ ވާހަކަތަކެއް ކަމަށް ޤަބޫލުކުރެވެއެވެ. ސަބަބަކީ، ޤައުމުގެ ކުރިމަގު ބިނާކުރާނީ ރައްޔިތުން ކަމަށްވުމާއެކު، މި ޤައުމަކީ ފަސާދައާއި ނޭދެވޭ އެންމެހައި ކަންކަމުން ދުރުހެލިވެފައިވާ، އަމާން ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކަށް އެއްވެސް ބަޔަކު އިދިކޮޅުވެރިނުވާނެ ކަން ޔަޤީން ކަމެވެ.
ނިންމާލުމުގެ ގޮތުން ދަންނަވާނީ، އެމްޑީޕީގެ ހިނގާލުމަށް ސަރުކާރުން ހުރަސްނޭޅުމުން ފެނިގެން ދިޔައީ، އެ ޕާޓީން ތުހުމަތުކުރާ ފަދައިން ރައްޔިތުންގެ ޙައްޤުތައް ގެއްލިފައި ނުވާ ކަމެވެ. އަދި ސަރުކާރުން ޑިމޮކްރަސީގެ އަސާސްތަކަށް އިޙްތިރާމްކުރާ ކަމެވެ. މިފަދަ ހަރުދަނާ ފިޔަވަޅުތަކަކީ ރާއްޖޭގެ ސިޔާސީ މަޝްރަޙު އިތުރަށް ހަރުދަނާކޮށް، ޤައުމުގެ ކުރިމަގު އުޖާލާކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.ކެކެވެ.

