ހދ. ހިރިމަރަދޫ ރައްޔިތުންގެ އެދުންތަކާއި އެއްގޮށް އެ ރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން ސަރުކާރުން ނިންމަވައިފިއެވެ.
ހިރިމަރަދޫގެ ރައްޔިތުންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ އެހެން ރަަށަކަށް ބަދަލުކޮށްދިނުމަށް ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސަރުކާރަށް ހުށައަޅާފައިވާއިރު ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުވަނީ ސަރުކާރުން އެ އެދުމަށް އިހުތިރާމްކޮށް ރަށުގެ ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ.
އެ ރަށުގެ ރައްޔިތުންގެ އާބާދީއަކީ 293 މީހުންކަމަށްވާއިރު ރަށުގެ ތިލަވުމާއިއެކު އިތުރު ތަކުލީފުތައް ކުރިމަތިވެގެންދާކަން ނިމިދިޔަ އަހަރުގެ ތެރޭގައި ރަށުގެ ކައުންސިލުންވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ހިއްސާކޮށްފައެވެ.
މީގެ ކުރިން ވަޒީރު އާދަމް ޝަރީފް ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައިވާގޮތުން ރަށެއްގެ ރައްޔިތުން އަމިއްލައަށް ބޭނުންވެއްޖެ ހާލަތެއްގައި އެހެން ރަށަކަށް ބަދަލުކުރުމަށް ސަރުކާރަށް ހުށައެޅުމުގެ ފުރުސަތު ހުޅުވިފައިވާކަމަށެވެ. އަދި އޭރު ދެ ރަށަކުން މިކަމަށް އެދިފައިވާކަން ހާމަކުރެއްވިއިރު ރައީސް ޑރ މުހައްމަދު މުއިއްޒު ރައްޔިތުންގެ އެދުމާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް އަންގަވާފައިވާކަން އަދި އެކަމުގެ ސަބަބުން މަޝްވަރާތައް ކުރިއަށް ގެންދާކަން ހާމަކޮށްފައިވެއެވެ.
ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ރަށެއްގެ ރައްޔިތުން އަމިއްލައަށް ބޭނުންވެގެން އާބާދީ އެހެން ރަށަކަށް ބަދަލުކުރަން ބޭނުންވާނަމަ ސަރުކާރަށް އެކަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. މިގޮތުން މިހާތަނަށް ދެ ރަށަކުން އެކަމަށް އެދިފައިވެއެވެ. ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމާ އެއްގޮތަށް ހދ. ހިރިމަރަދޫގެ ރައްޔިތުން އެހެން ރަސަކަށް ބަދަލުކުރުމަށް މަޝްވަރާތައް މިހާރު ފަށްޓަވާފައިވާކަމަށެވެ.

