ގދ. ތިނަދޫގެ 200 ހައުސިން ޔުނިޓަށް ކުރިމަތިލާން އެ ރަށު ސިޓީ ކައުންސިލުން ކުރި އިއުލާން ބާތިލުކުރަން ހައުސިން މިނިސްޓްރީން އެ ކައުންސިލަށް އަންގައިފިއެވެ.
ހައުސިން މިނިސްޓްރީން އެ އެންގުން އަންގާފައިވަނީ ތިނަދޫ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގެ ޒަރިއްޔާއިންނެވެ.
ޑެޕިއުޓީ މިނިސްޓަރު ހަސަން ވިސާލް ސޮއިކުރައްވައި ފޮނުއްވި އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި ސިޓީ ކައުންސިލުން އެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން އާންމުންނަށް ހުޅުވާލީ މިނިސްޓްރީއަށް އެންގުމެއްވެސް ނެތި، އަދި ހުއްދަ ހޯދުމެއް ވެސް ނެތިއެވެ.
އެހެންނަމަވެސް ތިނަދޫގައި މިހާރު އިމާރާތްކުރަމުން އަންނަ 200 ހައުސިން ޔުނިޓަކީ ވެސް މިނިސްޓްރީގެ ބެލުމުގެ ދަށުން އިމާރާތް ކުރަމުން އަންނަ ތަނަކަށް ވާތީ، އެ ތަންތަން ދޫކުރުމަށް އިއުލާންކުރުމުގެ ކުރިން، އުސޫލު ފައިނަލް ކުރުމާއި އެޕްލިކޭޝަންގެ މަރުހަލާ ކުރިއަށް ގެންދަން ވާނީ މިނިސްޓްރީގެ އިރުޝާދުގެ ދަށުންކަން މިނިސްޓްރީން ހަނދާންކޮށްދެއްވާފައިވެއެވެ.
މިނިސްޓްރީން ބުނީ، ސަރުކާރުން އިމާރާތްކުރާ ހައުސިން ޔުނިޓްތައް އިމާރާތްކުރުމާއި ދޫކުރުމުގެ މަސައްކަތްކުރުމާއި ވިލަރެސްކުރުމުގެ މަސައްކަތަކީ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނިފައިވާ ކަމެއް ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތްކުރާ ހައުސިން ޔުނިޓްތައް ހަވާލުކުރަނީ މިނިސްޓްރީން އެންޑޯސްކޮށް، ހުއްދަ ދޭ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް އެ ސިޓީގައި ބުންޏެވެ.

