ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދާއި އެއްގޮތަށް ޑިޖިޓަލް އައިޑީކާޑް ތައާރަފު ކުރުމުގެ މަސައްކަތް ކުރާނެކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ، ޑިޖިޓަލް އައިޑީކާޑް ތައާރަފު ކުރުމުން އެއްވެސް އިދާރާއަކުން އެއަށް އެކްސެސްވާ ނަމަ، އެ މީހަކަށް އެނގޭނެކަމަށެވެ.
ޒަމާނަށް ފެތޭ ފެންވަރުގެ ޑިޖިޓަލް އައިޑެންޓިޓީއެއް ހެދުމުގެ މަސައްކަތް ކުރާނެކަމަށް ފާހަގަކުރައްވާ، އިހުސާން ވިދާޅުވީ މި އައިޑީކާޑު ގާއިމްކުރަނީ އިންޓަނޭޝަނަލް ސްޓޭންޑަޑްގައިކަމަށެވެ.
އޭރަށް ރައްޔިތު މީހާއަށް ފެންނާނީ އެއްވެސް އެޖެންސީއަކުން ނުވަތަ ޕްރައިވެޓް ސެކްޓާގެ ފަރާތަކުން ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން އެކްސެސްވާ ކަމަށްވާ ނަމަ.
މިނިސްޓަރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ އިދާރާތަކުން އެކަން ކުރާނީ އެ ކޮންސެންޓާ އެކުގައިކަމަށެވެ. ކޮންސެންޓް ދިނުމަށް ފަހުވެސް އައިޑީކާޑަށް އެކްސެސްވީ ކާކުތޯ ކޮން ސަބަބަކާ ހުރެތޯ ބެލޭނެކަމަށް އިހުސާން ވިދާޅުވިއެވެ.
އައިޑީކާޑުތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ދާދި ފަހުން ވަނީ ވަގަށް ޒާތީ މައުލޫމާތު ނެގި މައްސަލައެއް ފެންމަތިވެފައެވެ. މައުލޫމާތު ވަގަށް ނަގައިގެން، ޕީއެންސީއަށް މީހުން ވެއްދި މައްސަލަ މިހާރު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ފުލުހަށްވެސް ހުށައަޅާފައެވެ. މި މައްސަލައިގައި އިހުސާންގެ މައްޗަށްވެސް ތުހުމަތުކުރެއެވެ.
މި މައްސަލައާއި ގުޅިގެން އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް އެމްޑީޕީއިން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ.

