ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިވަގުތުވެސް 230ށް ވުރެ ގިނަ ޕްރައިމަރީ ޓީޗަރުން ބޭނުންވޭ: މިނިސްޓަރ

އެޑިއުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީއު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓީޗަރުންގެ ދަތިކަން އެބައޮތް ކަމަށާއި، މިވަގުތުވެސް 230ށް ވުރެ ގިނަ ޕްރައިމަރީ ޓީޗަރުން ބޭނުންވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

”ރިޔާސީ ބަޔާން ފޯރަމް 2025“ ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ތައުލީމު ފޯރުކޮށްދެވެނީ މުދައްރިސުންގެ ބުރަ މަސައްކަތުން ކަމަށާއި، މި މަސައްކަތުގައި އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ބަޔަކީވެސް މުދައްރިސުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ މުދައްރިސުންގެ އާބާދީގެ 86 އިންސައްތައަށްވުރެ ގިނައީ އަންހެނުން ކަމަށާއި، އެއީ ނުހަނު ބޮޑު ޒިންމާއެއް ކަމަށެވެ. އެގޮތުން ވަޒީފާގެ އިތުރުންވެސް އިތުރު އެތައް ޒިންމާއެއް އެ ފަރާތްތަކުން އަދާކުރަން ޖެހޭކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މުޅި ގޭތެރެ ބެލެހެއްޓުމުގެ ޒިންމާވެސް ހަގީގަތުގައި އަދާކުރަނީ އަންހެން ބޭފުޅުން

ކަން އެހެން އޮތުމާއެކު، މުވައްޒަފުންގެ މަސައްކަތުގެ ލޯޑު ކުޑަކުރުމަކީ ރައީސްގެވެސް އިރުޝާދުކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެގޮތުން ޓީޗަރުންގެ ދުޅަހެޔޮކަން އިތުރު ކުރުމަށްޓަކައިވެސް މަސައްކަތްތަކެއް ކުރަންޖެހޭނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ޓީޗަރުންގެ ދަތިކަންވެސް އޮތްކަން ފާހަގަ ކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ، 230ށް ވުރެ ގިނަ ޕްރައިމަރީ ޓީޗަރުންނާއި، ޚާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ޚާއްސަ 600ށް ވުރެ ގިނަ ޓީޗަރުން ބޭނުންވާ ކަމަށެވެ. އެހެންކަމުން މިކަންކަމަށް ޙައްލު ހޯދުމަށް ރައީސްގެ އިރުޝާދުގެ ދަށުން މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ދާއިރާ ބައްޓަން ކުރުމަށް ކުރެވޭ ހަރުދަނާ މަސައްކަތްތަކުގެ ދަށުން ރަނގަޅު ޓީޗަރުންތަކެއް ޤާއިމު ކުރެވިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައިވެސް މި ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި، ސްކޫލުގައި ހޭދަކުރާ މަސައްކަތުގެ ވަގުތު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ހުކުރު ދުވަހަކީ ސްކޫލުތަކުގައި އާއްމުކޮށް ހަރަކާތްތައް ނުހިންގާ ދުވަހެއްގެ ގޮތުގައި ކަނޑައަޅައި ތަންފީޒުކުރަން މި ސަރުކާރުން ފަށާފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެކަމުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށެވެ.

މީގެ އިތުރުން، ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ޤާއިމްކޮށްފައިވާ ހެލްޕްލައިންގެ ޚިދުމަތް މުދައްރިސުންނަށް ވެސް ބޭނުންކުރެވޭނެ ގޮތް ހަމަޖައްސާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރަށް ވެސް ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށްޓަކައި އެތައް ފިޔަވަޅުތަކެއް މި ދިޔަ އަހަރު އަޅުއްވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފާއިތުވި އަހަރު ވަނީ ފަށާފައިވާ ކަމަށާއި، މި ޕްރޮގްރާމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ މުދައްރިސުން ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުންކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: