ދަރިވަރުންގެ މަޢުލޫމާތުތައް ބެލެނިވެރިންނަށް ވަގުތުން ފެންނާނެ ނިޒާމެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެފަދައިން ވިދާޅުވީ ރިޔާސީ ބަޔާން 2025 ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، ދަރިވަރުންގެ މަޢުލޫމާތުތައް ބެލެނިވެރިންނަށް ވަގުތުން ފެންނާނެގޮތަށް އައު އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމެއް ޤާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން މި ނިޒާމުގެ ޒަރިއްޔާއިން ދަރިވަރުންގެ ހުރިހާ މައުލޫމާތުތަކެއް ވަގުތުން ބަލާލެވެން ހުންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އޭގެ އިތުރުން، އެޕްލިކޭޝަންތައް މެދުވެރިކޮށް މި ސިސްޓަމްގެ ތެރެއިން މުދައްރިސުންނާ ގުޅޭ މައުލޫމާތުތައް މުދައްރިސުންނަށްވެސް ބަލާލެވެން ހުންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ހައްތަހާވެސް ޓެކްނޮލޮޖީއަށް އަހުލުވެރި ޓީޗަރުންތަކެއް ބިނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިނގާ ކަންކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ ޓެކްނޮލަޖީއަށް އަހުލުވެރި ޓީޗަރުންގެ ފޯސްއެއް ބިނާ ކުރުމަށް އެންއައިއީގެ ތެރެއިން ޚާއްސަ ޕްލެޓްފޯމެއް ޤާއިމްކޮށްދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ.
“ ދަރިވަރުންގެ ހުރިހާ މަޢުލޫމާތުތަކެއް ލިބިގެންދާނެ. އަދި އެޕްލިކޭޝަންތައް މެދުވެރިކޮށް މި ސިސްޓަމްގެ ތެރެއިން މުދައްރިސުންނާ ގުޅޭ މަޢުލޫމާތުތައްވެސް މުދައްރިސުންނަށް ފެންނާނެ. ޓެކްނޮލަޖީއަށް އަހުލުވެރި ޓީޗަރުންގެ ފޯސްއެއް ބިނާ ކުރުމަށް އެންއައިއީގެ ތެރެއިން ޚާއްސަ ޕްލެޓްފޯމެއް ޤާއިމްކޮށްދޭނަން.“ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވިއެވެ.
ރިޔާސީ ބަޔާނުގައި ރައީސް ޑރ މުޙައްމަދު މުއިއްޒުވެސް ވަނީ ތައުލީމީ ދާއިރާގެ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ފާއިތުވެދިޔަ އަހަރުތަކުގައި ތަޢުލީމުގެ ދާއިރާއަށް ވެފައިވާ އިހުމާލަކީ، އޭގެ ގެއްލުން ފޫބައްދަން އެތައް މަސައްކަތެއް ކުރަން ޖެހިފައިވާ ކަމެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

