އިސްރާއީލަށް 7 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެދޭކަން އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުން ގާނޫނުހަދާ މަޖިލީހަށް އަންގައިފިއެވެ.
ނޫސްތަކުން ބުނާގޮތުން އެމެރިކާއިން އިސްރާއީލަށް ގިނަ އަދަދެއްގެ ހަތިޔާރުތައް ވިއްކުމަށް އެދޭކަން ހިއްސާކޮށްފައިވަނީ އެގައުމުގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕު އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާއި ބައްދަލުކުރެއްވިތާ މަދު ދުވަސްތަކެއްގެ ތެރޭގައިކަމަށެވެ. ވިއްކުމަށް މަސައްކަތްކުރާ ހަތިޔާރުތަކުގެ ތެރޭގައި އެތައް ހާސް ބޮމަކާއި މިސައިލުވެސް ހިމެނޭކަން ރިޕޯޓުތަކުން ފާހަގަކޮށްފައިވެއެވެ.
ގިނަ އަދަދެއްގެ ހަތިޔާރުތައް ވިއްކުމަށް ކަނޑައަޅާފައިވާއިރު މިފަހުން އިސްރާއީލު އަދި ހަމާސް ޖަމާއަތުގެ ދެމެދު ބަލިކަށި ސުލްހައިގެ އެއްބަސްވުމެއް ގާއިމުކޮށްފައިވަނިކޮށެވެ. އެމެރިކާގެ ރައީސް ޓްރަމްޕުވަނީ ފަލަސްތީނުގެ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ވިސްނުންތަކެއް ގެންގުޅުއްވާކަން ހިއްސާކުރައްވާފައެވެ.
ނޫސްތަކުން ބުނާގޮތުން ހަތިޔާރުތަކެއް ވިއްކުމަށް ޓްރަމްޕު ފަށާފައިވާ މަސައްކަތްތަކަކީ އަސްކަރީގޮތުން އިސްރާއިލު ވަރުގަދަކުރުމަށްޓަކައި އަޅުއްވާފައިވާ ފިޔަވަޅެއްކަމަށެވެ. އެގޮތުން ޖެނުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ހުވާކުރެއްވުމާއިއެކު އޭނާވަނީ އިސްރާއީލަށް 2000 ޕައުންޑުގެ ބޮން ވިއްކުން މަޑުޖެހިފައި އޮތް އޮތުން ބަދަލުކޮށް އެކަމަށް ފަހިކޮށްފައިކަންވެސް ރިޕޯޓުތަކުގައިވެއެވެ. ކުރީގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން އެ ޝިޕުމެންޓު ހުއްޓުވީ ގިނަ އަދަދެއްގެ އާންމު ރައްޔިތުންނަށް ބޮޑެތި ގެއްލުންތައްވުމުގެ ކަންބޮޑުވުން އޮތުމާއިއެކުކަމަށާއި ހާއްސަ ގޮތެއްގައި ރަފާ ސަރަހައްދުގެ ދެކުނުގައި ހަމަލާއެއް ދިނުމަށް ވިސްނަމުންދިއުމާއި ގުޅިގެންކަމަށެވެ.
މިކަމާއިމެދު ނޫސްވެރިން ސުވާލުކުރުމުން ޓްރަމްޕު ވިދާޅުވީ، އޭނާ އެ ހަތިޔާރުތައް އިސްރާއީލަށް ދޫކޮށްލާފައިވަނީ އެތަކެއްޗަކީ އިސްރާއީލުން ގަނެފައިވާ މުދަލަށް ވުމުންކަމަށެވެ. ސްޓޭޓް ޑިޕާޓުމެންޓުން މައުލޫމާތު ދީފައިވާގޮތުން ހަތިޔާރު ވިއްކުމަށް ވަކިވަކި ދެ ލިޔެކިއުމެއް މަޖިލީހަށް ހުށައެޅިފައިވެއެވެ. އެގޮތުން އެއް ލިޔުމުގައި 6.75 ބިލިއަން ޑޮލަރުން އަގުކުރެވޭ ވަޒަނާއި ގައިޑެންސް ކިޓު އަދި އެހެނިހެން ގުޅުންހުރި ސާމާނު ހިމެނޭއިރު މައިގަނޑު ގޮތެއްގައި ގިނައީ ބޮމާއި އެތަކެއްޗާއި ގުޅުންހުރި ވަސީލަތްތައްކަމަށް ރިޕޯޓުތަކުން ފާހަގަކުރެއެވެ.

