މާލޭގައި ދިމާވެފައިވާ ޕާކިންގ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، މާލޭގެ 4 ސަރަހައްދެއްގައި ތިމާވެއްޓާ ރަށްޓެހި، އިއާދަކުރަނިވި ހަކަތައިން ހިންގާ ޕާކިންގ ބިލްޑިންގތަކެއް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަމާއި ގުޅޭ ގޮތުން މައުލޫމާތުދެއްވާ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސިންގ އެހީގެ ދަށުންނެވެ.
މި ޕްރޮޖެކްޓުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށުމަށް މަސައްކަތް ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ސަބަބުން މާލޭގައި ދިމާވެފައިވާ ޕާކިންގ ދަތިކަމަށް ޙައްލެއް ލިބި، އަދި ތިމާވެއްޓާ ރަށްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ.
މާލެ ސަރަހައްދުގައި އޮތް ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް ހުޅުމާލޭގައި 15 ޕާކިން ބިލްޑިންގެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށްވެސް ސަރުކާރުން މައުލޫމާތުދިނެވެ.

