ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭވުންތެރިކަމެއް ހުރުމަކީ ކާމިޔާބީގެ އެއް އަސާސް!

ރައީސް ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މައްސަލައެއް ހައްލުކުރުމުގެ އެންމެ ފުރަތަމަ މަރުހަލާތަކުގެ ތެރޭގައި ހުރިކަންކަން ދެނެގަތުމާއި އެކަންކަން ހުރިކަން ބަލައިގަތުން ހިމެނޭނެއެވެ. ދިމާވެފައިވާ މައްސަލަތައް ދެނެގަނެވޭނީ އެކަމުގެ ގާބިލުކަން ހުރެގެންނެވެ. ކަރަންޓު ޝޯޓެއް ވެއްޖެކަން ތަރައްގީގެ މި ޒަމާނުގައި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ނަމަވެސް ޝޯޓުވުމަށް ދިމާވީ ކޮންތަނަކު މައްސަލަތަކެއް ހުރެގެންކަން ބުނެދޭން ގިނަ މީހުންނަށް ދަތިވެއެވެ. ބްރޭކަރު އަލުން ހިއްލާލައިގެންނާއި ގުޅާފައިހުރި ޓޮޕުތައް ނައްޓުވާލައި ސްވިޗުތައް ނިއްވާލައިގެން ބައެއް ފަހަރު ވަގުތީ ހައްލެއް ލިބޭތަން ފެނެއެވެ. ނަމަވެސް ދުވަސްތަކެއް ނުވެ އަނެއްކާވެސް އެއްކަލަ މައްސަލައާއި ކުރިމަތިލާންޖެހެއެވެ. އެއީ ވަށާޖެހޭ ހައްލެއް ގެނެވިފައިނުވުމުންނެވެ. ދާއިމީ ގޮތެއްގައި އެކަމަށްޓަކައި ފިޔަވަޅުތަކެއް އެޅިފައި ނެތުމުންނާއި ހަގީގީ މައްސަލައާއި ހިސާބަށް ވާސިލުވެވިފައި ނެތުމުންނެވެ.

އިސްވެ ބަޔާންކުރި އާދައިގެ އުސޫލުން ނުވެއްޖެ ނަމަ ދެންޖެހޭނީ ކަން ދަންނަ ހާއްސަ މީހަކު ގެންނާށެވެ. މިއީ އާންމު ގިނަ ރައްޔިތުންނަށް އަމަލީގޮތުން ތަޖުރިބާކުރެވިފައިވާނެ ކަމެކެވެ. އެމީހަކު އައިސް އެ ހާވާ ހޭވުމެއް ނިންމާލުމަށްފަހު ދާނީ އަލުން ކަރަންޓު ޖައްސާލަދީފައެވެ. އެއީ ކޮންމެހެން ކަރަންޓާއި ގުޅޭ ކުންފުންޏެއްގެ މުއައްޒަފަކަށްވެސް ނުވެދާނެއެވެ. ތިމާއަށް ކުރިން ބަލައިގަނެވިފައިނުވާ ނުދަންނަ މީހަކަށްވެސް ވުން އެކަށީގެންވެއެވެ. ނަމަވެސް ކުރާ މަސައްކަތްތައް ފެނުމުންނާއި އެ މަސައްކަތްތަކާއި ހަވާލުވެ ރޭވުންތެރިކަމާއިއެކު ހަރަކާތްތެރިވާ މަންޒަރާއި ނިންމާލާ މަސައްކަތްތަކުގެ ފެންވަރު ފެނުމުން އިހުތިރާމް ކުރެވޭތަން އާދެއެވެ.

ކޮރަޕްޝަން ފަދަ މައްސަލަތަކަށް ހައްލެއް ގެނައުމާއި ސަރުކާރެއް ހިންގުމުގައިވެސް މި މިސާލުގެ ބޭނުން ހިފިދާނެއެވެ. މިސާލަކަށް ދަންނަވާނަމަ ޝޯޓެއް ވެއްޖެކަމަށް ކޮންމެ މީހަކަވެސް ބުނެވޭ އުސޫލުން ކޮރަޕްޝަންގެ މައްސަލަތައް ހުރިކަމަށް ބުނެވިދާނެއެވެ. އިވޭ ކޮންމެވެސް ވާހަކައެއް ނުވަތަ ހީވާ ހީވުމެއްގެ މައްޗަށް ބިނާކޮށެވެ. ނަމަވެސް އެއީ ކޮންގޮތަކުން ކާކު ހިންގާ ކޮރަޕްޝަންގެ އަމަލުތަކެއްކަން ސާބިތުވާ މިންވަރަށް ދެނެގަތުމުގެ ގާބިލުކަން ނެތްނަމަ ދެން ފެންނާނީ މަތިޖަހައި ފިއްތާލައިގެން ތިބޭ މަންޒަރު ނޫނީ އެކަމަކަށް ލޯމަރަލައިގެން ތިބޭ މަންޒަރެވެ. ހައްލެއް ގެނެވޭތަނެއް ނާންނާނެއެވެ. ގެނޭވޭކަށްވެސް ނޯންނާނެއެވެ. ކޮރަޕްޝަން ފަދަ މައްސަލައެއް ހުއްޓުވާނަމަ ކަރަންޓު ޝޯޓެއް ހައްލުކުރާ އުސޫލުން ހުރި މައްސަލަތައް ދެނެގަނެ ވިސްނުންތެރިކަމާއިއެކު އެ މައްސަލަތައް ދިމާވާ ސަބަބު ދެނެގަނެ އެކަން ހައްލުކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅަންޖެހެއެވެ.

ސަރުކާރެއް ހިންގުމުގައިވެސް މިއީ ހަމަ ފެންނަން ޖެހޭ ސިފަތަކެއް ކަމަށް ގަބޫލުކުރެވެއެވެ. ރޭވުންތެރިކަމެއް ނެތި ލާހޫރޭ ސިޔާސަތުތަކެއްގެ މައްޗަށް ގައުމުގެ ކަންކަން ބައްޓަންކުރުމުން ފައިދާއަށްވުރެ ބޮޑަށް ލިބިގެންދަނީ ގެއްލުންތަކެވެ. ޝޯޓެއްގެ ސަބަބުން ފުރަތަމަ ވެއްޓުނީ ބްރޭކަރެއް ނަމަވެސް ވަގުތީ ވާނުވާ ހައްލަކަށްފަހު ދެން މައްސަލަ ދިމާވާ ދުވަހު ގޭގައި ހުރި ހުރިހާ ކަރަންޓު ސާމާނެއް އަނދައިގެން ދިއުން އަދި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ފުރުސަތުވެސް އޮންނާނެއެވެ.

ނިމިދިޔަ ވެރިކަމުގެ ދައުރުން މިކަމުގެ މިސާލުތަކެއް ނެގިދާނެއެވެ. މަސައްކަތްތައް ކުރަމުން އައީ ރޭވުންތެރިކަމެއް ނެތިއެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަފްސީލުތަކަށް ބަލާއިރު ތަކުރާރުކޮށް އެމަނިކުފާނަށް ނުރައްކާތައް ކުރިމަތިވެގެންދިޔަކަން އެނގެއެވެ. ބޮޑު މައްސަލައެއް އޮތްއިރު އެކަމަށް ހައްލެއް ގެނައުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެއެވެ. ހައްޔަރާއި ހިސާބަށް ދިޔައީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާތަކެއް ކުރިމަތިވެގެންދިއުމަށްފަހުއެވެ.

ރޭވުންތެރިކަމެއް ނެތްކަމުގެ އިތުރު މިސާލަކަށް ބަލާއިރު، އޭރު ރައްޔިތުންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. މިއަދުވެސް އެކަމަށް ބަދަލެއް ނާދައެވެ. މައްސަލަ ދިމާވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ލާމަރުކަޒީ އުސޫލުން ގައުމުގެ ތަރައްގީގެ މިސްރާބު ޖެހިފައި ނެތުމުންނެވެ.

އަހަރުން އަހަރަށް ބަޖެޓު އެކުލަވާލައި ހަރަދުތައް ކުރަމުންދިޔައިރު ރާއްޖޭގެ ރައްޔިތުންނަށް އެބަޔަކު ނިސްބަތްވާ ރަށެއްގައި ތިބެގެން އާމްދަނީ، ސިއްހީ ހިދުމަތްތަކާއި ތައުލީމު އަދި އިޖްތިމާއީ ދުޅަހެޔޮކަމުގެ އިތުރުން ޒަމާނީ އުފާވެރިކަން ހާސިލުކުރެވޭނެ މަގު ކޮށިފައި ނެތުމުންނެވެ. އޭރުގެ ރައީސްއަށްވެސް އެކަން އެނގެއެވެ. ނަމަވެސް މައްސަލަ ހައްލުކުރުމަށް އެޅުއްވި ފިޔަވަޅުތައް ކިތަންމެ އިހުލާސްތެރިނަމަވެސް އެންމެ ރަނގަޅެއް ނޫނެވެ. ރަށްތަކުގައި މީހުންނަށް ތިބެވޭނެ އިންތިޒާމު ނުވަތަ ހަގީގީ ލާމަރުކަޒީ ތަރައްގީ ގެނައުމުގެ ބަަދަލުގައި ނިންމެވީ ރަށްރަށުގައި ބާކީ ތިބި މީހުންވެސް މާލެ ސަރަހައްދަށް ޖަމާވުމަށް މެދުވެރިވާނެ ފިޔަވަޅު އެޅުއްވުމަށެވެ. ނިންމެވީ ތިލަމާލެ ގުޅިފަޅު އަދި ގިރާވަރުގައި ތިބެވޭނެ ގޮތް ހެދުމަށެވެ.

އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކުނު ނަމަަވެސް، އެ މަސައްކަތްތަކުގައިވެސް ރޭވުންތެރިކަމެއް ނެތުމުން ބިން ހިއްކައި ގެދޮރު ބިނާކޮށް އެތަންތަނުގައި އާންމު ވަސީލަތްތަކާއި ދިރިއުޅެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ ބަދަލުގައި ފެށްޓެވީ ބުރިޖެއް އެޅުއްވުމަށެވެ. ރާއްޖޭގެ ރައްޔިތުންނަކީ ކަނޑު ދަތުރުފަތުރަށް ފަރިތަ ބައެއްކަން ހަނދުމަފުޅެއް ނެތެވެ. އެހެންކަމުން ދައުރު ނިމިގެންދިޔައީ ރައްޔިތުންގެ ނުުރުހުމުގެ އަޑުތައް ގަދަވެގެންދިއުމާއިއެކުއެވެ.

މިއަދުވެސް ހުންނެވީ ވަރުގަދަ ތަސައްވުރެއްގެ މަތިން ވަޑައިގެންނެވި ރައީސްއެވެ. ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކިބައިން ފެނިގެންދާ އެންމެ ރަނގަޅު ސިފައަކީ ރޭވުންތެރިކަމެވެ. އެއް ބުރިޖު ހަގީގަތަކަށް ހައްދަވައިފިއެވެ. ދެވަނަ ބުރިޖެއް އަޅުއްވަން މަސައްކަތްތައް ފަށަން އެމަނިކުފާނު އެންމެ ރަނގަޅެވެ. އެކަމުގެ ކާމިޔާބު ޓްރެކް ރެކޯޑެއް އޮތުމުންނެވެ.

ނަމަވެސް އޭގެ ބަދަލުގައި އެމަނިކުފާނުގެ އަމިއްލަ ނަފްސުގެ ކުރިއެރުން އެއް ފަރާތަށް ޖައްސާލުމަށްފަހު އިސްކަމެއް ދެއްވީ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރަންށެވެ. އެއްކަލަ ބުރިޖުގެ މަސައްކަތްތައްވެސް އިހަށްވުރެ ދުވެލި ބާރެވެ. ކޮރަޕްޝަންގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ އެކަކުގެ މައްޗަށް ދައުވާކޮށްގެން ވަށާ ޖެހޭ ހައްލެއް ނުލިބޭނެކަން ގަބޫލުކުރައްވާތީ މި ދައުރުގައި ބޮޑެތި މައްސަލަތަކުުގައި ތުހުމަތުކުރެވޭ އެންމެންގެ މައްސަލަތައްވެސް ބަލަން ނިމިގެން ގޮސްފިއެވެ. މިއަދު އެފަދަ ކަންކަމުގައި ދުރުދުރުންވެސް ޝާމިލުވާން މީހުން ފަސްޖެހޭނެއެވެ. އެކަކު ޖަލަށް ލުމަށްފަހު ނިންމާ ނުލާނެކަން އެނގޭނެއެވެ. އެންމެންގެ މައްޗަށް ފިޔަވަޅު އަޅާނެކަން ޔަގީންވާނެއެވެ. ކޮރަޕްޝަންގެ މައްސަލަތައް ހައްލުކުރަން އެ ނޫން ގޮތެއް ނެތެވެ. އެމަނިކުފާނުގެ ސަރުކާރުގައި ހިމެނޭ މީހެއްގެ ފަރާތުން އެފަދަ ކަމެއް ފެނުނަސް ބޭރުކުރާނެކަން މިއަދު ތިއްބެވި ބޭފުޅުންނަށް ސާފުވެވަޑައިގަންނަވާނެއެވެ. އެއަށްފަހު ފިޔަވަޅުވެސް އެޅިގެންދާނެކަން ފެންމަތިވެފައިވާ މައްސަލަތަކުގައި އަމަލުކުރެވިގޮތުން އެނގެއެވެ.

ރަސްމާލޭގެ މަސައްކަތްތައް ކުރިއަށް ގެންދާނަމަވެސް، އެ ވާހަކަ ދެއްކެވުމުގެ ބަދަލުގައި ރައީސް އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުންދަނީ ލާމަރުކަޒީ އުސޫލުން ގައުމު ހިންގުމުގެ މަސައްކަތްތަކެވެ. އިގްތިސާދީ ދަތިކަމުން އަރައިގަނެ މާލީ ހާލަތު ރަނގަޅުވަމުންދާކަމުގެ މަލަމަތި ފެނުމާއިއެކު އަވަސްވެގެންނެވީ ރާއްޖޭގެ ރަށްތަކުގައި އެރަށެއްގެ ރަށްވެހިންނަށް ތިބެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށެވެ. ނިމިދިޔަ ދައުރުގައި ފައިސާ ހަވާލުކޮށް ނިންމާފައިވާ އަމަލީ ގޮތުން ކުރިއަށް ނުގޮސް ހުރި މަސައްކަތްތައް ނިންމަމުން އެބަދެއެވެ. އެކަންކަން ކުރައްވަނީ ތަރުތީބެއްގެ މަތިންނެވެ. އެންމެ އިސްކަން ދެއްވަނީ ރައްޔިތުންގެ ބޯހިޔާވަހިކަމަށެވެ.

ނަމަވެސް ގެދޮރު ބިނާކުރުމުގެ ކުރިން ފެނާއި ނަރުދަމާގެ މަސައްކަތްތައް އަދި މަގުތައް ހެދުމުގެ މަސައްކަތްތައް ކުރަން ޖެހޭތީ ނުނިންމާ ހުރި މަސައްކަތްތައް ނިންމުމަށްފަހު އެކަންކަން ކުރައްވަންވަނީ ރާވާފައެވެ. ނިމިފައިވާ ރަށްތަކުގައި ކުރިއަށްދާނީ ބޯހިޔާވަހިކަމުގެ މަސައްކަތްތަކެވެ. ގެދޮރު ބިނާކޮށް ރައްޔިތުންނަށް ވަންނާނެ ތަނެއް ހަމަޖައްސަވައިދެއްވުމަށްފަހު ދެން ނިންމަވާފައިވަނީ ރަށްތަކުގައި ހަމަޖެހިގެން ތިބެވޭނެ ގޮތް ހެއްދެވުމަށެވެ. ސިއްހަތާއި ތައުލީމު އެމަނިކުފާނު އެއްވާނެއްގައި ނަންގަންނަވަނީ މިސަބަބާއި ގުޅިގެންނެވެ. އެދަކަމަކީ ރައްޔިތުންނަށް ކޮންމެހެންވެސް ބޭނުންވާ ދެކަމެކެވެ. އެންމެ ގިނައިން މާލެ ސަރަހައްދަށް ހިޖުރަކުރާ އެއް ސަބަބެވެ. މިކަންކަން ކުރިއަށްދާއިރު އިގްތިސާދީ މަސައްކަތްތައްވެސް އެބަ ކުރިއަށް ދެއެވެ. ރާއްޖޭގައި އިތުރު ރިސޯޓުތައް ބިނާކުރުމާއި އެއަރޕޯޓުތައް އެޅުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުންވަނީ ނިންމާފައެވެ. ސަބަބަކީ ރަށްތަކުގައި ތިބެގެން އާމްދަނީއެއް ހޯދޭނެ ނިޒާމެއް ގާއިމުކޮށްދިނުމެވެ. އެހެންކަމުން ކާމިޔާބު މަސައްކަތްތަކެއް ދައުރު ނިމިގެންދާއިރު ފެނިގެންދާނެކަމުގެ އުންމީދުކުރެވެއެވެ. ކާމިޔާބީގެ ފަހަތުގައިވާ އެއް އަސާސަކީ ރޭވުންތެރިކަމެއް ހުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: