ހެލްމެޓު އެޅުން ލާޒިމުކުރާ ސަރަޙައްދުތައް ފިޔަވައި އެހެނިހެން ސަރަޙައްދުތަކުގައި ހެލްމެޓު އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުނަށް ފާރަވެރިވެ، ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސް ކުރާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކުރި ބަޔާނެއްގައި ބުނީ، ހެލްމެޓު އެޅުން ޤާނޫނުން ލާޒިމުކޮށްފައި ނުވާ ސަރަޙައްދުތަކުގައި ކާކުކަން ނޭނގޭގޮތަށް، ކުށް ކުރުމުގެ ނިޔަތުގައި ހެލްމެޓު އަޅައިގެން ވަނުން ފަދަ ކަންކަން ހިނގަމުންދާކަމަށް ފުލުހުންނަށް އަނެއްކާވެސް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން ހެލްމެޓު އަޅައިގެން ޚިދުމަތް ދޭ ތަންތަނަށާއި ވިޔަފާރި ކުރާ ތަންތަނަށް ވަންނަމުންދާކަން ފާހަގަވެފައިވާކަމަށްވެސް ފުލުހުން ފާހަގަ ކުރެއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި އޭ1 އަދި އޭ0 ގިންތީގެ އުޅަނދުތައް ދުއްވާއިރު އުޅަނދު ދުއްވަން އިންނަ މީހާއާއި ފަހަތުގައި އިންނަ މީހާ ހެލްމެޓު އެޅުން ލާޒިމުކޮށްފައިވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަޙައްދުތަކުގައެވެ.
މީގެ އިތުރުން، އެ ސަރަޙައްދުތަކުގައި އުޅަނދު ދުއްވޭ ބާރުމިން އަންގައިދޭ ބޯޑުވެސް ހަރުކޮށްފައި ހުންނާނެކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ފުލުހުން ވަނީ ހެލްމެޓު އެޅުން ލާޒިމުކުރާ ސަރަޙައްދުތައް ފިޔަވައި އެހެނިހެން ސަރަޙައްދުތަކުގައި ހެލްމެޓު އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުނަށް ފާރަވެރިވެ، ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސް ކުރާނެކަމަށް ބުނެފައެވެ. އަދި މިއީ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްކަންވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.
ހެލްމެޓުގެ ނަހަމަ ބޭނުންކޮށް ކެމެރާތަކަށް މޫނު ނާރާނޭހެން ނިވާކޮށްގެން ކުށްތަކަށް އަރައިގަންނަ މިންވަރު އިތުރުވެފައިވާ ކަމަށާއި އެ ކަމަށް ގާނޫނުގެ ތެރެއިން ހޯދެން އޮތް ހައްލެއް ހޯދަން މަސައްކަތް ކުރަމުންދާކަމަށް ފުލުހުން މީގެ ކުރިންވެސް ބުނެފައިވެއެވެ.
އެއްގަމު އުޅަނދު ދުއްވުމުގެ އާއްމު ގަވައިދުގައިވާ ގޮތުން، ދެ ފުރޮޅުލީ އުޅަނދު ދުއްވާއިރު، އެ އުޅަނދު ދުއްވަން އިންނަ މީހާ އާއި ފަހަތުގައި އިންނަ މީހާ ހެލްމެޓް އެޅުން ލާޒިމްކޮށްފައިވަނީ 30 ކިލޯ މީޓަރަށް ވުރެ ބާރަށް ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައެވެ. އެގޮތަށް ބަލާއިރު، މާލެ ސަރަހައްދުގައި ހެލްމެޓް އެޅުން ލާޒިމްކޮށްފައިވަނީ ސިނަމާލެ ބްރިޖާއި ހައިވޭގައި ދުއްވާއިރު އެކަންޏެވެ.
ދާދި ފަހުން ހުޅުމާލޭގައި ހުންނަ ޓޭކްއަވޭ ކެފޭއެއްގެ ތެރެއަށް ހެލްމެޓު އަޅައިގެން ތިބި ބަޔަކު ވަދެ މަރުތޭލުން އެ ތަނަށް ގެއްލުންދިން މައްސަލައެއްވެސް ފެންމަތިވެފައިވެއެވެ.

