ސިނަމާލެ ބްރިޖުގެ ހައިވޭގައި ހިނގި އެކްސިޑެންޓުގައި ނިޔާވި ބިދޭސީ މީހާގެ ގައިމަތިން ސައިކަލެއް ދިޔަ މައްސަލައިގެ ތަހުގީގުތައް ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާގައި ބިދޭސީ މީހާ ނިޔާވެފައި ވަނީ ހުޅުމާލެއިން، މާލެއަށް އަންނަ ފަޅީގެ ސީޕްލޭން ޖައްސާ ހިސާބުގައެވެ. އަދި ސައިކަލު ޖެހިފައި ވަނީ ހެނދުނުގެ 08:11 ހާއިރު ސޯލަރ ޕެނަލްގެ މަސައްކަތްތަކަށް މަގުގެ އަރިމަތީ ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިއެވެ.
އެވަގުތު ސައިކަލު ކަހާލައި އޭނާ ވެއްޓޭތާ، ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ދުއްވާފައި އައި އެހެން ސައިކަލެއް އޭނާގެ ގައިމަތިން ދެއެވެ. މި މަންޒަރު ފެންނަ ސީސީޓީވީ އާންމުވެފައިވާއިރު، 7 ސިކުންތުގެ އެ ވީޑިއޯގައި ފެންނަނީ ބިދޭސީ މީހާ ވެއްޓުމުން ޖެހިގެން އައި ސައިކަލު އޭނާގެ ބޯމަތިން ދާތަނެވެ. އެހެން ނަމަވެސް ސައިކަލު ދަނީ އޭނާގެ ބޯމަތީން ތޯ، ނުވަތަ ގައިގަ ޖެހިފަތޯ އެކަން ފުލުހުން މިހާތަނަށް ވެސް ކަށަވަރުކޮށްދީފައި ނުވެއެވެ.
ބިދޭސީ މީހާ ނިޔާވެފައި ވަނީ އައިޖީއެމްއެޗުގައި ފަރުމާ ދެމުން ދަނިކޮށް، ހަމަ އެ ދުވަހުގެ ހެނދުނު 09:05 ހާއިރު އެވެ.
މި އެކްސިޑެންޓުގައި ފުލުހުން އެންމެ ފުރަތަމަ ހާމަކުރީ، ބްރިޖު ހައިވޭގައި ހުރި ކޯނެއްގައި ޖެހި ސައިކަލު ދުއްވާފައި ދިޔަ ބިދޭސީއަކު ނިޔާވިކަމަށެވެ. އެކަމަކު އޭގެ ފަހުން ބައެއް މީޑިއާތަކުން އެހެން ސައިކަލެއް ބިދޭސީ މީހާގެ ބޯމަތިން ދިޔަކަމަށާއި އޭނާއަށް ބޮޑެތި އަނިޔާތައް ލިބުނީ އެ ސަބަބާއި ހުރެކަމަށް ރިޕޯޓު ކުރިއެވެ.
އެކަން ކަށަވަރު ކުރުމަށް އެކިފަހަރު މަތީން ފުލުހުންނާއި ނޫސްވެރިން ތަކުރާރުކޮށް ވެސް ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ނުދެއެވެ. އަދި އެއް ދުވަސް ފަހުން މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ އެކްސިޑެންޓު ހާދިސާގައި 60 އަހަރުގެ އަންހެނަކާއި ސުވާލުކޮށް، އޭނާގެ ސައިކަލު ޓޯކޮށް ލައިސެންސް ހިފަހައްޓާފައިވާކަމަށެވެ. ނޫސްވެރިންގެ އިތުރު ސުވާލުތަކަށް ފުލުހުން އެއްވެސް ޖަވާބެއް ނުދެއެވެ.
އެކްސިޑެންޓު ހާދިސާއަށް ހަފްތާއެއް ފަހުން އަނެއްކާވެސް ފުލުހުން އާންމު ކުރި ބަޔާނެއްގައި ބުނީ މި ހާދިސާ ތަހުގީގު ކުރަމުންދާކަމަށެވެ. މި ބަޔާނުގައި ފުލުހުން ބުނެފައި ވަނީ ބިދޭސީ މީހާ އެކްސިޑެންޓުވެ ވެއްޓޭ ވަގުތު، ފަހަތުން އައި އެހެން ސައިކަލެއް އޭނާގެ ގައިގައި ޖެހޭކަމަށެވެ.
ފުލުހުން ބުނީ ހާދިސާގެ ސީސީޓީވީ ފުޓޭޖު ދިރާސާ ކުރިއިރު، ބިދޭސީ މީހާ ވެއްޓުނު ވަގުތު ފަހަތުން އައި ސައިކަލު އޭނާގެ ބޮލާއި ދިމާލުގައި ޖެހޭ މަންޒަރު ފާހަގަކުރެވުނު ކަމަށެވެ. އަދި ފަހަތުން އައި އެ ސައިކަލު ޓޯކޮށް، ލައިސެންސް ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުންކަމަށް ބުންޏެވެ.
ފުލުހުން ބުނީ އެކްސިޑެންޓަށް ފަހު ސައިކަލު ދުއްވަން އިންމީހާ، އެ ތަނުގައި މަޑުކުރިކަމަށެވެ. އަދި އޭނާ ސައިކަލު ދުއްވި ސްޕީޑު ދެނެގަތުމަށް މަސައްކަތް ކުރަމުންދާކަމަށް ވެއެވެ.

