ޒުވާނުންގެ އިޖްތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތްތައް ކުރުން މުހިންމުކަން ފެނިގެންދާ ރަށްތަކުގައި ކައުންސިލުތަކުން އެދިފައި ނެތްނަމަވެސް ޕްރޮގްރާމްތައް ހިންގުމުގެ ވިސްނުން ގެންގުޅޭކަމަށާއި އެ މަސައްްކަތްތައް ކުރިއަށް ގެންދިއުމަށް އަހަރީ ޕްލޭނެއް އެކުލަވާލާފައިވާކަމަށް ޔޫތު މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރު އަލީ ޝަހީމް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޔޫތު މިނިސްޓްރީގެ ސީނިއާރ ޕޮލިޓިކަލް ޑިރެކްޓަރ ޝަހީމް ވިދާޅުވީ، އެ މިނިސްޓްރީ ވަކި ވުޒާރާއެއްގެ ގޮތުގައި ކަނޑައެޅިގެން އައުމާއިއެކު ވަރަށް ގިނަ ޒިންމާތަކެއްވެސް އެ މިނިސްޓްރީގެ އިހުތިސާސްގެ ދަށުގައި ހިމެނޭކަމަށެވެ. އެހެންކަމުން ކޮންމެ ހަފްތާއެއް އަދި މަހެއްގެ މައްޗަށް ބެލިނަމަވެސް ޒުވާނުން ބާރުވެރިކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އައިސްފައިވާކަން ފެނިގެންދާނެކަމަށެވެ.
ޝަހީމް ވިދާޅުވީ، ޔޫތު ޑީޕާޓްމެންޓުގެ ތެރޭގައި ސްކިލް ޑިވެލޮޕްމެންޓާއި ޔޫތު އެމްޕަވަރމެންޓާއި ޔޫތު ހެލްތު އެންޑް ވެލްބިއިންގެ ދާއިރާއަށް ސަމާލުކަން ދީގެން މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އޭނާ ވިދާޅުވީ، ހެލްތް އެންޑް ވެލްބިއިންގެ ތެރޭގައި މައިގަނޑު ގޮތެއްގައި ކުރެވޭ މަސައްކަތްތަކަކީ ޒުވާނުންގެ ގޮތުގައި ކަނޑައެޅިފައިވާ އުމުރުފުރައިގެ އިޖްތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުންކަމަށެވެ. އަދި މެންޑޭޓުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ޒިންމާއަކީ ހެލްތް އެންޑް ވެލްބިއިންގް މަސައްކަތްތަކުގައި ޒުވާނުންނަށް ބޭނުންވާ ކައުންސިލިންގްވެސް ފޯރުކޮށްދިނުންކަމަށާއި އެހެންކަމުން ޒުވާނުންގެ ތެރެއިން ކައުންސިލިންގްއަށް އެދުމުން އެ ހިދުމަތްތައް ލަސްނުކޮށް ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު އަމާޒެއްކަން ހިއްސާކުރެއްވިއެވެ.
އޭނާ ވިދާޅުވީ، މިފަދަ އެހެނިހެން މަސައްކަތްތައްވެސް ކުރެވޭއިރު ބެލެނިވެރިންނަށް ހާއްސަކޮށްގެންވެސް ޕްރޮގްރާމްތައް ކުރިއަށް ގެންދާކަމަށާއި ޔޫތު ގުރޫޕުތަކާއިއެކު ސެޝަންތައް ކުރިއަށް ގެންދާއިރު އޭގެ އިތުރަށް ޒުވާނުންނަށް ކޮންމެހެން ބޭނުންވާނެ މައުލޫމާތުތައް ފޯރުކޮށްދިނުމަށްޓަކައި އެއިރެއްގެ ހާލަތަށް ރިއާޔަތްކޮށް ޕްރޮގްރާމްތައް ރާވައިގެންވެސް ހިންގާކަން ފާހަގަކުރެއްވިއެވެ.
ޝަހީމް ވިދާޅުވީ، ރަށްތަކަށް ގޮސްގެންވެސް ޔޫތު މިނިސްޓްރީން ޕްރޮގްރާމްތައް ހިންގަމުންދާކަމަށާއި ކައުންސިލުތަކުން ރިކުއެސްޓުކުރުމުން އެދޭ ގޮތެއްގެ މަތިން ޕްރޮގްރާމްތައް ހިންގާފައިވާނެކަމަށެވެ. އަދި އެފަދަ ރިކުއެސްޓެއް ނައިނަމަވެސް މުހިންމުކަމަށް ޔޫތު މިނިސްޓްރީއަށް ފެނިގެންދާ ރަށްތަކުގައިވެސް މި އަހަރުގެ ތެރޭގައި ޕްރޮގްރާމްތައް ހިންގުމަކީ ގެންގުޅޭ މުހިންމު ވިސްނުމެއްކަމަށާއި އެކަމަށްޓަކައި އަހަރީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްތައްވެސް ކުރެވިފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންގޮސްފައިވާނީ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައްކަމަށާއި އެ މަސައްކަތްތައް ނިންމާލުމަށްފަހު މި މަހުގެ ތެރޭގައި އަމަލީ ސިފައެއްގައި ޕްރޮގްރާމްތައް ފެށިފައިވާކަމަށް މައުލޫމާތު ދެއްވިއެވެ. އަދި ޖުމުލަ ގޮތެއްގައި ބަލާއިރު ޒުވާނުންގެ އިޖްތިމާއީ ދުޅަހެޔޮކަމަށްޓަކައި ވަށާޖެހޭ ގޮތެއްގައި ގިނަ މަސައްކަތްތަކެއް ރާވާފައިވާނެކަމަށް ހިއްސާކުރެއްވިއެވެ.

