ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ހިޔާވަހި ފައިނޭންސް ސްކީމްގެ ދަށުން ލޯނަށް އެދިފައިވާ ރައްޔިތުންނަށް ފައިސާ ދޫކުރުމުގެ މަސައްކަތްތައް ކުރެވިގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޚަބަރަށްޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، މެންބަރު މުޞްޠަފާ ވިދާޅުވީ ބޯހިޔާވަހިކަމަކީ މާލެ ސަރަޙައްދުގައި ދިރިއުޅުއްވާ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ކަންތައް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން އެއްވެސް ސަރުކާރަކުން ބަޖެޓުގައި ވަކި އަދަދުތަކެއް ކަނޑައަޅައިގެން މި މައްސަލައަށް ޙައްލެއް ހޯދުމަށް މަސައްކަތްކޮށްފައި ނުވާއިރު، މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ބޯހިޔާވަހިކަން އޭގެ އެންމެ ފުރިހަމަ މާނައިގައި ޙާޞިލުކޮށްދިނުން ކަމުގައި ވިދާޅުވިއެވެ.
މެންބަރު މުޞްޠަފާ ވިދާޅުވި ގޮތުގައި، މި ސަރުކާރުން ބޯހިޔާވަހިކަން މާނަކުރަނީ ޙަޤީޤީ މާނައިގައި ހިޔާވަހިކަން ލިބިފައި އޮތުން ކަމަށެވެ. އަދި ކަނޑުފަޅުން ގޯތިތަކެއް ދޫކުރުމަކީ ބޯހިޔާވަހިކަން ދިނުން ކަމުގައި އެއްވެސް ގޮތަކަށް ނުދެކެވަޑައިގަންނަވާ ކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ބޯހިޔާވަހިކަމަކީ މީހަކަށް ޢަމަލީގޮތުން ހިޔާވަހިކަން ލިބިގެންދިއުން ކަމަށާއި، މި ސަރުކާރުން މަސައްކަތްކުރަމުންދަނީ އެ މާނައިގައި އެކަން ޙާޞިލުކޮށްދިނުމަށް ކަމަށެވެ. އަދި ބަޖެޓުގެ 50 އިންސައްތަ ހިމަނާފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކައި ކަމަށްވެސް ވިދާޅުވިއެވެ.
މުޞްޠަފާ އިތުރަށް ވިދާޅުވީ، މުޅި ބަޖެޓަކީވެސް ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށާއި، މި އަހަރުގެ ބަޖެޓަށް ސަރުކާރުން ކިޔަނީވެސް ބޯހިޔާވަހިކަމުގެ ބަޖެޓު ކަމަށެވެ. އަދި މިހާރު ޕޯޓަލް މެދުވެރިކޮށް ބޯހިޔާވަހިކަމުގެ ސްކީމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އެ ލޯނުތައް ދޫކުރުމުގެ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށް މަޢުލޫމާތު ދެއްވިއެވެ.
މުޞްޠަފާ ވިދާޅުވީ، ދިވެހި ރައްޔިތުން ތިބީ އަތުގައި އެކަމަށް ބޭނުންވާ ފައިސާ ނެތުމުން ގެތައް ނޭޅި ނުވަތަ އަޅަން ފަށައިގެން ނިންމާ ނުލެވި ކަމަށެވެ. އަދި ބަޖެޓުން ފައިސާތަކެއް ދޫކުރުމަށް ކަނޑައެޅިފައިވަނީ އެކަންކަމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށާއި، އެހެންކަމުން ހުއްޓުމަކަށް އައިސްފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މުޞްޠަފާ ވިދާޅުވީ، ގެދޮރު ނެތި ތިބި މީހުންނަށް އެކަން ޙާޞިލުކުރެވޭނެ ކަމަށާއި، ދައުލަތުގެ ބަޖެޓުގެ ތެރެއިން އަލަށް މިފަދަ މަސައްކަތްތަކެއް ކުރަމުންދަނީ މި ސަރުކާރުން ކަމަށެވެ. މީގެ އިތުރުން ހުޅުމާލޭގެ 3 ވަނަ ފިޔަވަހި ހިއްކުމާއި ގިރާވަރު އަދި ގުޅިފަޅު ހިއްކުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށް ފާހަގަކުރެއްވިއެވެ.

