ޒަމާނުއްސުރެ ރާއްޖޭގައި އާއްމު ރައްޔިތުން ކުރާ ޓެކްސީ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަދެ، ޓެކްސީ ޑްރައިވަރުންނާ ވާދައަށް ސަރުކާރުން ނިކުތުމަކީ ސަރުކާރުގެ ސިޔާސަތުތަކުގައި މިސްރާބެއް ނެތްކަން ދޭހަވާކަމެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަރުކާރު ވާންޖެހޭނީ އާއްމު ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށް، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ރެގިއުލޭޓްކޮށްދޭ ފަރާތަށް ކަމަށެވެ. އާއްމު ހުރިހާ ވިޔަފާރިއެއްގައި ސަރުކާރާ ވާދަކުރަން އާއްމުންނަށް ޖެހުމަކީ ދެކޮޅު ޖެހޭ ގޮތެއް ނޫން ކަމަށާއި ކޮންމެ ކަމެއްގައިވެސް ފެނިގެން މިދަނީ ސަރުކާރުގެ އަމާޒެއް ނެތްކަމާއި، ދައުލަތް ހިންގާނެ ފައިސާ ހޯދާނެ ގޮތެއް ނޭނގިގެން އުޅޭ މަންޒަރު ކަމަށް ޝާހިދު ވިދާޅުވިއެވެ.
ވަކިން ޚާއްސަކޮށް، ސަރުކާރުން ޓެކްސީގެ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ސަރުކާރާއި، ސަރުކާރު ހިންގާ ޕާޓީގެ އިސް ބޭފުޅުން ދައްކަވާ ވާހަކަތައް ދިމާނުވުމަކީ ސަރުކާރަށް ވާންވީ ގޮތާއި ވަމުންދާ ގޮތް ނޭނގޭ ކަމުގެ ހެއްކެއް ކަމުގައި ޝާހިދު ވިދާޅުވިއެވެ. ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފް ކުރުމަށް ނިންމުމާއި ގުޅިގެން އިދިކޮޅުގެ ލީޑަރުން އެކަމަށް ދަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ޓެކްސީ ޑްރައިވަރުންނަށް ދިން ޔަގީންކަމާ ހިލާފުވެ، ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމަކީ އާމްދަނީ ހޯދުމަށް އެ މަސައްކަތް ކުރަމުންދިޔަ އެތައް ބަޔަކަށް ލިބިގެންދިޔަ ބޮޑު ގެއްލުމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ ވިދާޅުވެފައެވެ.
ފައްޔާޒް ވިދާޅުވީ އެމްޓީސީސީގެ ޓެކްސީ ލައިނާއެކު އަމިއްލަ ވިޔަފާރިތަކަށް ގެއްލުން ނުވާނެ ކަމަށް ސަރުކާރުން ބުނަމުންދަނީ އޮޅުވައިލުމަށް ޓަކައި ކަމަށެވެ. ޓެކްސީ ކުރާ ފަރާތްތަކާއި މަޝްވަރާކޮށްގެން ހައްލު ހޯދެން އޮތް ކަމެއްގައި ސަރުކާރުން މިފަދަގޮތަކަށް އަމަލުކުރުމަކީ ކަންބޮޑުވާ ކަމެއްކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ސަރުކާރަށް ފެންނަ އިރަށް ކޮންމެ ފަދަ ވިޔަފާރިއެއްގެ ތެރެއަށް ވެސް ވަނުމަކީ އޮވެގެން ވާނެ އިހުތިޔާރެއް ނޫން ކަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވިއެވެ.
ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް އެމްޓީސީސީއާ އެކު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުދަ ދުވަހު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ސޮއިކުރުމަށް މީރުމާ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، ޓެކްސީގެ ހިދުމަތަކީ މިހާރު އާންމުންގެ އަސާސީ ބޭނުމަކަށް ވާތީ، އެ ހިދުމަތުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އެ ހިދުމަތް ހޯދުމުގައި މިހާރު ހުރި ދަތިތަކެއް، ލުޔެއް ހޯދައިދޭން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

