ދިރާގުން ކުރިއަށްގެންދިޔަ ފޯރިގަދަ ”ވިން އަ ސްޕީޑްބޯޓް“ ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ބޯޓު ހަވާލުކޮށްފިއެވެ.
އަލް ޝާލީ މެރިން ބޯޓްޔާޑުގައި ބޭއްވި ހާއްސަ އިވެންޓުގައި، މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ކަމުގައިވާ ގއ. ވިލިނގިއްޔަށް އުފަން ހުސައިން ފަޔާޒްއާ ވަނީ އަލް ޝާލީ މެރިން މަޖެލަން 32 ބޯޓާއިއެކު ޔަމަހާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނު ވެސް ހަވާލުކޮށްފައެވެ. މި އަގު ހުރި އިނާމް ހަވާލުކުރުމަށް ބޭއްވި އިވެންޓުގައި، ފަޔާޒް އާއި އޭނާގެ އާއިލާގެ އިތުރުން، ދިރާގުގެ މެނޭޖްމަންޓާއި މުވައްޒަފުން، އަލް ޝާލީ މެރިން އަދި އެލިއާ އިންވެސްޓްމަންޓްސް ޕވޓ ލޓޑގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެފައެވެ.
ފަޔާޒް ބުނެފައިވަނީ މި ޕްރޮމޯޝަންގައި ފުރަތަމަ ބައިވެރިއިރު، މި އިނާމް ލިބިދާނެކަމަށް އުންމީދު ނުކުރާ ކަމަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވީ އޭނާގެ ހަގު ފިރިހެން ދަރިފުޅު މި ކަމަށް ޝައުގުވެރިވާތީ، ދަރިފުޅު ހިތްހަމަޖައްސައިދޭން ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެންކަމުން، މި ބޯޓު ލިބިނުކަން އެނގުމުން ފުރަތަމަ ގަބޫލުކުރަން ދަތިވި ނަމަވެސް ވަރަށް އުފާވިކަމަށް ބުންޏެވެ. އަދި، ދިރާގުން ކަސްޓަމަރުންނަށް މި ފަދަ ޕްރޮމޯޝަންތައް ބާއްވައި، ތަފާތު އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތުތައް ހޯދައިދެމުންދާތީ އެކަމަށްޓަކައި ދިރާގަށް ޝުކުރު އަދާ ކުރިއެވެ. ފަޔާޒްއަކީ ވޭތުވެދިޔަ 16 އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ދިރާގުގެ ގިނަ ޚިދުމަތްތައް ބޭނުންކުރަމުންދާ ލޯޔަލް ކަސްޓަމަރެކެވެ.
ގިނަ އަދަދެއްގެ ކަސްޓަމަރުން ބައިވެރިވި، ރާއްޖޭގައި އެންމެ މަގުބޫލުކަން ހޯދައިފައިވާ ”ވިން އަ ސްޕީޑްބޯޓް“ ޕްރޮމޯޝަންއަކީ ދިރާގުގެ ކަސްޓަމަރުންނަށް ތަފާތު، ބޭނުންތެރި އަދި އަގުހުރި އިނާމުތައް ހޯދައިދިނުމުގެ މަގުސަދުގައި އެ ކުންފުނިން 16 ސެޕްޓެންބަރު 2024 އިން 16 ޑިސެންބަރުގެ 2024 ގެ ނިޔަލަށް ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ. މި ބޯޓަކީ އާއިލާއާ އެކު ވަގުތު ހޭދަކޮށްލަން ނުވަތަ މަސް ދަތުރު ދިޔުން ފަދަ އެކިއެކި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ވެސް ބޭނުންކުރެވިދާނެ ބޯޓެކެވެ. ދިރާގުން ވަނީ ވޭތުވެ ދިޔަ އަހަރު ވެސް މި ފަދަ ބޮޑު ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސް، ނަސީބުވެރި ފަރާތަކަށް ޓެސްލާ ކާރެއް ދީފައެވެ.
ދިރާގުން ދަނީ ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް މި ފަދަ ހާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ދިރާގުގެ ކަސްޓަމަރުންނަށް ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެހީތެރިވަމުންނެވެ.

