މިއަހަރުގެ ފުރަތަމަ ބައިގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ޗައިނާގެ ފަތުރުވެރިންގެ އަދަދު 50,000 އަށްވުރެ އިތުރުވެއްޖެއެވެ.
މި މަޢުލޫމާތު ޓޫރިޒަމް މިނިސްޓްރީން ޢާންމުކުރި ތަފާސްހިސާބުތަކުން ހާމަވެފައިވެއެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ޗައިނާއިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 50,979 އަށް އަރާފައިވެއެވެ.
މިއަހަރުގެ މިހާތަނަށް ޖުމްލަ 303,447 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. އެގޮތުން، ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 279,234 ފަތުރުވެރިންނެވެ.
ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރެއިން ދެވަނައިގައި ވަނީ ރަޝިޔާއެވެ. ރަޝިޔާއިން 28,997 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިންވަނައިގައިވާ އިނގިރޭސިވިލާތުން 27,917 ފަތުރުވެރިން އަދި ހަތަރުވަނައިގައިވާ އިޓަލީވިލާތުން 27,901 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ފާއިތުވި އަހަރަކީ ދިވެހިރާއްޖެއަށް 2 މިލިއަން ފަތުރުވެރިން އަހަރެއްގެ ތެރޭގައި ޒިޔާރަތްކުރި ފުރަތަމަ އަހަރެވެ. މި އަހަރު ސަރުކާރުގެ އަމާޒަކީ 2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރުވުމެވެ.

