މޫސުމީ ކާރިސާތަކަކީ ސިޔާސީ މަޝްވަރާތަކަށް އިންތިޒާރުކޮށް، މަޑުކުރާނެ ކަމެއް ނޫންކަމަށާއި، ތޫފާނީ ބާރު ގަދަވުމަކީ އިޤްތިޞާދީ އޮއިވަރާ ގުޅިފައި އޮތް ކަމަކަމަށް ނުވާ ފަދައިން، ފިނިހޫނުމިން މަތިވުމަކީ ސަރަޙައްދީ އިމަކަށް ބަލައިގެން މެދުވެރިވާ ކަމެއް ނޫންކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މި ފަދައިން ވިދާޅުވީ ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި މިހާރު ކުރިއަށްދާ ”ވޯލްޑް ގަވަމަންޓްސް ސަމިޓް 2025″ގެ ހަވާސާގައި މިއަދު ކުރިއަށްދާ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ފޯރަމްގައި ތަޤުރީރު ކުރައްވަމުންނެވެ.
މި ފޯރަމްގައި ނައިބު ރައީސް ވަނީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށާއި، ކާރިސާތައް މެނޭޖްކުރުމަށްޓަކައި، ޙަރަކާތްތެރި ލީޑަރޝިޕެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި ބޮޑެތި އިޤްތިޞާދުތަކުން ވެފައިވާ މޫސުމީ ބަދަލުތަކުގެ ވަޢުދުތަކަށް އިޙްތިރާމްކޮށް، އެޤައުމުތަކުގެ ޢަމަލުތައް އެއްގޮތް ކުރަން ޖެހޭކަން ފާހަގަކުރައްވައި، ދުނިޔޭގެ ހަމަޖެހުން ބަރޯސާވަނީ ފަރުދީ ޢަމަލުތަކުގެ މައްޗަށް ނޫންކަމާއި، އިތުބާރުގެ މައްޗަށްކަން ޤަބޫލުކުރަން ޖެހޭކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ، ސަރުކާރުގެ ކޮންމެ ނިންމުމެއްގެ މައިގަނޑު އަސާސަކަށް ވާންޖެހޭކަމުގައި ވިދާޅުވިއެވެ. އިޖުތިމާއީ، އިގްތިސާދީ އަދި މާލީ ގޮތުން ކަމުގައި ވިޔަސް، ކޮންމެ ނިންމުމެއް ނިންމުމުގެ ކުރިން، މޫސުމާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަކީ ކޮބައިކަން ފުރަތަމަ ސުވާލު ކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމަޢަށް ގޮވާލެއްވީ ހަމައެކަނި ވައުދުތަކަކަށް ނޫން ކަމަށާއި، ފިޔަވަޅު އެޅުންވެސް އެގޮވާލެއްވުމުގައި ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، ހަމަ އެކަނި ވަޢުދުތަކެއް ވުމުގެ ބަދަލުގައި، ޢަމަލީ ގޮތުން ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ ބައިނަލްއަގުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން މި ފަހަކަށް އައިސް ދިވެހި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި މިކަންކަމަށް ޙައްލުހޯދައި، ކާރިސީ ހިރާސްތައް ކުޑަކުރުމަކީ މިހާރުން މިހާރަށްވެސް އިސްކަންދޭ ކަމެއް ކަމަށާއި، ދިވެހި ރައްޔިތުން ގެންދަވަނީ މި ރޮނގުން ވަރަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންކަމަށްވެސް ފާހަގަކުރެއްވިއެވެ.
ކޮޕް-28 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވި ބޮޑު އަމާޒު، ނުވަތަ 2028 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިން ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އުފެއްދުމަށް ދިވެހި ރާއްޖެއިން ހިފާފައި އޮތް ވަރުގަދަ އަމާޒުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އަދި 2024 އިން 2033 އަށް ކަނޑައަޅާފައިވާ ހަކަތައިގެ މަގުޗާޓު ފަދަ މަޝްރޫޢުތައް ފުރިހަމަވެ، ދިވެހިރާއްޖެ އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރާ މި ދަތުރުގެ ސަބަބުން ފޮސިލް ފިއުލަށް ބަރޯސާވުން ކުޑަވެ، ހަކަތައިގެ ރައްކާތެރިކަން އިތުރުވެފައިވާކަމަށް ފާހަގަކުރެއްވިއެވެ.

