ބަހަކީ އިލްމު ވާރުތަކޮށްދޭ އަސާސީ ވާސިތާކަމަށާއި ބަހާއި ސަގާފަތާއި ތިމާވެށި ދެމެހެއްޓިނިވި ގޮތެއްގައި ގުޅިި ސިންދަފާތުތައް ދެމެހެއްޓުމާއި ހިއްސާކުރުމުގައި ތައުލީމު މުހިންމު ދައުރެއް އަދާކުރާކަމަށް ދިވެހި ބަހުގެ އެކެޑެމީން ބުނެފިއެވެ.
ދުނިޔޭގެ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ބަހުގެ އެކެޑެމީން އާންމުކޮށްފައިވާ ބަޔާނުގައި އެ މުވައްސަސާއިންވަނީ ޔުނެސްކޯއިން މި އަހަރަށް ކަނޑައަޅާފައިވާ ޝިޔާރު ދިވެހި ބަހަށް ތަރުޖަމާކޮށްފައެވެ. އެގޮތުން މި އަހަރުގެ ޝިޔާރަކީ ”ދެމެހެއްޓިނިވި ތަރައްގީއަށްޓަކައި ބަސް މުހިންމު އެއްޗަކަށް ހަދާށެވެ“ މި ޝިޔާރުކަމަށާއި މިއީ ބައިނަލްއަގުވާމީ މާދަރީ ބަހުގެ ރިހި ޔޫބީލް ފާހަގަކުރާ ދުވަސްކަމަށް ބުނެފައިވެއެވެ.
އެކެޑެމީން ބުނެފައިވާގޮތުން ބަހަކީ އުނގެނުމާއި ދެމެހެއްޓިނިވި ތަރައްގީއަށް ކޮންމެހެން ބޭނުން އެއްޗެއްކަން މި އަހަރުގެ ޝިޔާރުން ރަމްޒުކޮށްދޭކަމަށެވެ. އަދި އެއީ މުޖުތަމައުގެ އުޅުންތަކާއި ގުޅުންތައްވެސް ރަމްޒުކޮށްދޭ އެއްޗެއްކަމަށާއި ދުނިޔޭގެ މުއްސަނދި ސަގާފީ ބަހަވީ އަދި ހަޔަވީ ސިންދަފާތުތަކާއި އެތަކެތީގެ މެދުގައިވާ ގުޅުންތަކުގެ މައްޗަށް ދުނިޔެ ދަނީ ހޭލުންތެރިވަމުންކަމަށެވެ. އެހެންކަމުން މި ތަފާތުކަން ކުޑަވަމުންދާއިރު ސިންދަފާތު ހިމާޔަތްކޮށް ރައްކައުތެރިކުރުމުގެ ބޭނުންތެރިކަން ބަލައިގަތުން މުހިންމުކަމަށް ބުނެފައިވެއެވެ.
މީހުން ބަސްމޮށެއުޅޭ 8324 ބަސް އޮންނަކަން ޔުނެސްކޯގެ މައުލޫމާތުތަކުން އެނގޭކަން އެކެޑެމީން ފާހަގަކޮށްފައިވެއެވެ. މީގެ ތެރެއިން 7000 ބަސް މިހާރުވެސް ބޭނުންކުރާއިރު ބަދަލުވަމުންދާ މި ދުނިޔޭގައި މި ސިންދަފާތު ނުރައްކަލަށް ހުށައެޅި ގިނަ ބަސްތައް ގެއްލެމުންދާކަމަށް ދިވެހި ބަހުގެ އެކެޑެމީން ބުނެފައިވެއެވެ.
އެ މުއައްސަސާއިން ބުނެފައިވާގޮތުން، ބަހަކީ އިލްމު ވާރުތަކޮށްދޭ އަސާސީ ވާސިތާކަމަށެވެ. އަދި ބަހާއި ސަގާފަތާއި ތިމާވެށި ދެމެހެއްޓިނިވި ގޮތެއްގައި ގުޅި ސިންދަފާތު ދެމެހެއްޓުމާއި ހިއްސާކުރުމުގައި ތައުލީމު މުހިންމު ދައުރެއް އަދާކުރާކަަމަށާއި އެމީހަކުގެ އެންމެ ރަނގަޅަށް ބޭނުންކުރާ ވިސްނޭ ބަހަކުން ތައުލީމު ހާސިލުކުރުމުގެ ހައްގު ކޮންމެ މީހަކަށްވެސް ލިބިގެންވާކަން ކަށަވަރުކުރުމަށްޓަކައި އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަމަށެވެ.

