ރާއްޖޭގެ ޒުވާނުންނަކީ ގޭންގްތަކަށް ގޮސް ހުސްވެފައި ތިބި ބައެއްގެ ގޮތުގައި ތާއަބަދު ސިފަ ކުރުމުގެ ޖާގައެއް ނޯންނާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެހެން ވިދާޅުވީ އަހާ ފޯރަމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ،
މިނިސްޓަރ ޝަހީމް ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއް ކަމަށާއި، އިސްލާމީ ޤައުމުތަކާ އަޅާބަލާއިރު ރާއްޖެއަކީ ނުހަނު އެއްބައިވަންތަ ޤައުމެއް ކަމަށެވެ. އެގޮތުން އިސްލާމީ ތަސައްވުރާއި ފިކުރަށް ބަލާއިރު، ރާއްޖޭގެ އެތެރޭގައި ދީނީ ގޮތުން މާ ބޮޑު ބައިބައިވުމެއް ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ދިވެހިންނަކީ މެދުމިނުގެ ފިކުރެއް ދަމަހައްޓައި އެއަށް ތަބާވާ ބައެއް ކަމަށެވެ.
ދިވެހިންނަކީ ވަރަށް މެދުމިނުގެ ފިކުރެއް ދަމަހައްޓާ، އެއަށް ތަބާވާ ބައެއް، ހައްދުފަހަނަ އެޅުމާ، މި ބާވަތުގެ ކަންކަމަކީ ރާއްޖޭގެ އެތެރޭގައި މާ އާންމުކޮށް އޮތް ކަންކަމެއް ނޫން، ނަމަވެސް ބައެއް ފަހަރު ވަކިވަކި ފަރުދުންގެ މިފަދަ ފިކުރުތައް ފާހަގަ ކުރެވޭ،
މިނިސްޓަރ ވިދާޅުވީ، ދީނީ އެކި ކަންކަމާ ގުޅުވައި ރާއްޖޭގެ ނަން ކިލަނބު ކުރަން މަސައްކަތް ކުރާ ފަރާތްތަކުން ދައްކަނީ ޙަގީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ކޮންމެ މުޖުތަމައެއްގެ ތެރޭގައިވެސް މައްސަލަތައް ހުންނާނެ ކަމަށާއި، ނަމަވެސް އެއީ ތާއަބަދު އެކަންކަން އޮންނާނެ ގޮތެއް ނޫން ކަމަށެވެ. މިސާލަކަށް ރާއްޖޭގެ ޒުވާނުންނަކީ ގޭންގްތަކަށް ގޮސް ހުސްވެފައި ތިބި ބައެއްގެ ގޮތުގައި ތާއަބަދު ސިފަ ކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކަކީވެސް މުޖުތަމައު ސަލާމަތްކޮށް، ޒުވާނުންނަށްވެސް ފަހި ގޮތްތައް މަގުފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ މިސާލެއްގެ ގޮތުން ވޭޕް މަނާކުރުން ފަދަ ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކަށް މިނިސްޓަރ އަލިއަޅުވާލެއްވިއެވެ.
މީގެ އިތުރުންވެސް ދައުލަތުގެ ހިންގުން ހަރުދަނާކޮށް، ދީނީ ޝިއާރުތައް އަށަގެންނެވުމަށްޓަކައި ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

