އާރްމްޑް ފޯސަސް އޮފް ޔޫރަޕް އުފެއްދުމުގެ ވަގުތު އައިސްފައިވާކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން އެމެރިކާއަށް ޔޫކްރެއިން ދިފާއުކުރުމުގައި އިތުބާރު ނުހިފިދާނެކަމުގެ ބިރު ހީވުމާއިއެކު ޒެލެންސްކީ ވަނީ އައު މަގެއް ހިޔާރުކުރެއްވުމަށް ގަސްތުކުރައްވާކަން އިއުލާނުކުރައްވާފައިކަމަށެވެ. އެގޮތުން ޔޫރަޕުގެ ގުޅިފައިވާ އަސްކަރިއްޔާއެއް އުފެއްދުމުގެ ވަގުތު އައިސް ޖެހިފައިވާކަމަށް އޭނާ ވިދާޅުވިކަމަށް ރިޕޯޓުތަކުގައިވެއެވެ.
އޭނާ މި ވާހަކަތައް އިއުލާނު ކުރެއްވިއިރު ޖަރުމަނުވިލާތުގެ ޗާންސެލަރު އޯލާފް ޝޯލްސްވަނީ އެ ގައުމުގެ އިންތިހާބީ މަސައްކަތްތަކުގެ ތެރެއަށް އެމެރިކާގެ އައު ވެރިން ވަންނަމުންދާކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އެ ގައުމުގެ ނައިބުރައީސް ޖޭޑީ ވޭންސްވަނީ ޑިމޮކްރެސީގެ މަސައްކަތްތައް އޮތް ގޮތާއިމެދު ޔޫރަޕުގެ ލީޑަރުންނަށް ފާޑުވިދާޅުވެފައިކަމަށާއި މައިގަނޑު ގޮތެއްގައި އެ ފާޑުކިޔުންތައް އަމާޒުކުރެއްވީ ފާރ ރައިޓް ޕާޓީގެ ލީޑަރުންނަށް ކަމަށެވެ.
ޒެލެންސްކީ އަދި ޝޯލްސް މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ދެއްކެވި ވާހަކަތަކުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ކުއްލިގޮތަކަށް ނިންމެވި ކަންކަމުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނަށް ބޮޑެތި ލޮޅުންތައް އައުމުގެ ފުރުސަތު އޮތްކަން ހިމެނެއެވެ. ޔޫރަޕިއަން ޔުނިއަންގެ ލީޑަރުންދަނީ އެމެރިކާއިން އެތައް އަހަރެއް ވަންދެން ގެންގުޅެމުން އައިސްފައިވާ ސިޔާސަތުތައް ބަދަލުކޮށް ރަޝިއާ ދެމެދު މުއާމަލާތްތަކެއް ކުރުމަށް ޓްރަމްޕު ވިސްނަވަމުންދިއުމާއިއެކު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޓްރަމްޕު އެގޮތަށް ނިންމެވީ ރަޝިއާ ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ އުންމީދުގައެވެ. ޔޫރަޕުގެ ބާރު އިތުރުކުރުމަށް އެދޭކަން ހިއްސާކޮށް ޒެލެންސީ ވިދާޅުވީ، ރަޝިއާއިން އެ ގައުމު ހިފުމަށްޓަކައި ފެށި މަސައްކަތްތަކުގެ ސަބަބުން އެއް ކަމެއް ސާފުވެގެންދާކަމަށެވެ. އެގޮތުން ގުޅިފައިވާ އަސްކަރިއްޔާއެއް އުފެއްދުމުގެ ބިންގަލެއް ފެނިފައިވާކަމަށް ފާހަގަކުރެއްވިއެވެ. މި ހިޔާލަކީ ޔޫރަޕުގެ ގައުމުތަކުގެ ވެރިންގެ ދެމެދު ޒަމާންތަކުގެ މަތިން ބަހުސްކުރެވެމުންދާ އެއް މައުޟޫއެވެ. އޭނާ ވިދާޅުވީ، އެކަން ކުރުމަށްޓަކައި ވަގުތު އައިސް ޖެހިފައިވާކަމަށް ދެކިވަޑައިގަންނަވާކަމަށާއި އެއީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

