މިއަހަރުގެ ފިތުރު އީދަށް 36 ރަށަށް ފޯރުކޮށްދޭ އީދު ބޮކީގެ އަގު 28 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓަރ ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ މިއަހަރުވެސް އީދަށް ރަށްތައް ދިއްލާލުމަށް ބޮކިތައް ގެންނަން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ބޮކި ފޯރުކޮށްދީފައިވާ ރަށްތަކަށް އެ ބޮކިތައް ފޯރުކޮށް ނުދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ކޮންމެ އަތޮޅަކުން 2 ރަށަށް ބޮކި ދިނުމަށް ނިންމީ އެރަށެއްގެ އާބާދީގެ ބޮޑުމިނަށް ބަލައިފައި ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ 28 މިލިއަން އެކަމަށް ހޭދަވި ނަމަވެސް އެއީ އަލުން ބޭނުންކުރެވޭނެ އެއްޗެހި ކަމަށާއި އަދި ރައްޔިތުން އެކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެ ބޮކިތައް އަލުން މާލެއަށް ނުގެންނާނެ ކަމަށާއި މިފަހަރު ބޮކިތައް ހަވާލު ކުރަނީ މުޅިން އައު ރަށްތަކަށް ކަމަށެވެ.
”ދިވެހިންނަކީ ވަރަށް ބޮޑަށް އީދު ފާހަގަކުރާ ބަޔަކަށް ވުމުން، މިކަން މާލޭގައި ތައާރަފުކުރުމުން ޑިމާންޑު ވަރަށް ބޮޑުވި. އެކަން ތައާރަފުކުރުމުން މިދިޔަ އަހަރު ރަށްތަކުން ވެސް ރިކުއެސްޓް ކުރި އިތުރަށް ލައިޓު ބޭނުންވާތީ“
މިނިސްޓަރ ވިދާޅުވީ އީދަށް ބޮކިތައް ގެންނަނީ ދެ ކަމަކަށް ފޯކަސްކޮށްގެން ކަމަށެވެ. އެއް ކަމަކީ އިސްލާމީ ޝިޔާރު ފާޅުކުރުމާއި ތަކުބީރު އިވުމަށް ކަމަށެވެ. އަދި އިސްލާމީ ވަހުދަތު ރައްކާތެރިކުރުމަށް ރައީސް ދެއްވާ އިސްކަމާއި އަހަންމިއްޔަތުކަށް އަދި ދިވެހީގެ ތެރޭގައި ލޯތްބާއި އިހުތިރާމު އޮތްކަން ފާހަގަވާ ކަމެއް ކަމަށެވެ.
މީގެއިތުރަށް މިނިސްޓަރ ވިދާޅުވީ މާލެއަށް އީދު ބޮކިތައް ތައާރަފްކުރުމާއި ގުޅިގެން އެހެން ރަށްތަކުންވެސް އެކަމަށް ރިކުއެސްޓު ކުރި ކަމަށެވެ. އަދި ރައްޔިތުންގެ ހިތްހަމަޖެހުމަށް ކުރާ ހޭދައަކީ އޭގެ ޒާތުގައި މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

