ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ވެރިކަމާއި ހަވާލުވިއިރު ގައުމުގެ ހާލަތު އޮތީ ރަނގަޅަށްކަމަށާއި ދަތިތަކެއް ކުރިމަތިވެފައިވަނީ ކަންކަން މެނޭޖުކުރަން ނޭނގޭތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޔައުގޫބް ވިދާޅުވީ، ކޮވިޑްގެ ހާލަތުގައި މުޅި ދުނިޔެ އޮތީ ހުއްޓުމަކަށް އައިސްފައިކަމަށެވެ. ނަމަވެސް އެމްޑީޕީގެ ވިސްނުންތެރި ސިޔާސަތުތަކާއި އެއްކޮށް ތިން އަހަރުގެ ތެރޭގައި އެ ހާލަތުން އަރައިގަނެވުނުއިރު ކޮވިޑުގެ ކުރިން އޮތް ހާލަތަށްވުރެ ވެސް ރަނގަޅު ހާލަތަކަށް ގައުމު ގެންދެވުނުކަމަށް ވިދާޅުވި އެވެ.
ޔައުގޫބް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރަށް ގައުމު ހަވާލުކުރީ ރަނގަޅު ހާލަތުގައި އޮއްވާކަމަށާއި ނަމަވެސް ކަންކަން ބަލަހައްޓަން ނޭނގޭނަމަ އެ ހާލަތު ނުދެމެހެއްޓޭނެކަމަށް ސިފަކުރެއްވިއެވެ. މިސާލެއްގެ ގޮތުގައި ރަނގަޅަށް ހިފަހައްޓަން ނޭނގޭ ކުއްޖެއްގެ އަތަށް ބިއްލޫރި ތަށްޓެއް ދިނުމުން ވެއްޓި ތަޅައިގެންދާނެކަމަށް އިޝާރާތްކުރައްވާ ވިދާޅުވީ، މިހާރު އޮތް ސަރުކާރާއި ހަވާލުކުރިއިރު އެ ތަށި ހުރީ ރަނގަޅަށްކަމަށެވެ.
ގައުމަށް ދަތި ހާލަތެއް ދިމާވެފައިވަނީ އިގްތިސާދާއި އެހެން އެއްވެސް ކަމެއްވެސް މޭނޭޖުކުރަން ނޭނގޭ ބޭފުޅަކާއި ވެރިކަން ހަވާލުކުރެވިފައިވުމުންކަމަށް ޔައުގޫބް ވިދާޅުވިއެވެ. ޔައުގޫބް ވިދާޅުވީ، ގައުމު ހަވާލުކުރިއިރު ރަނގަޅު ހާލަތެއްގައި ނެތްނަމަ ހަގީގަތުގައި މީގެ އެތައް މަހެއް ކުރިން ގޯސް ހާލަތަކަށް ވެއްޓިގެންދިޔައީސްކަމަށާއި މިއަދާއި ޖެހެންދެން ވެސް މުސާރަ ދިނުމާއި ކަންކަން ކުރިއަށް ގެންގޮސް މެނޭޖުކުރެވިފައި ވަނީ އެމްޑީޕީ ސަރުކާރުން އިގްތިސާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ގެނެސްފައިވާ މުހިންމު ބަދަލުތަކާއި އަޅުއްވާފައިވާ ރަނގަޅު ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ.
އޭނާ ވިދާޅުވީ، ނިމިދިޔަ ދައުރުގައި ފިޔަވަޅުތަކެއް އަޅާފައިނުވާނަމަ މުސާރަ ދިނުމާއި އެފަދަ ކަންކަން ނުކުރެވޭނެކަމަށާއި އިގްތިސާދަށްވުރެވެސް ބޮޑަށް ފާހަގަކުރެވެނީ މާލީގޮތުން ދަތިތަކެއް ހުރުންކަމަށެވެ.

