ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޣައިރުޤާނޫނީ ހެކި ބަލައިގަތުމުގެ އިސްތިސްނާތަކެއް ޤާނޫނުގައި ބަޔާންކުރަން ޖެހޭ

ދިވެހިރާއްޖޭގެ ސުޕްރީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނުއަސާސީއާ ޚިލާފަށް ހޯދާ ހެއްކަކީ ޣައިރުދުސްތޫރީ އަމަލެއްގެ މޭވާކަމަށްވާތީ، އެފަދަ ހެއްކަކީ “ ދި ފްރުޓް އޮފް ދި ޕޮއިޒަނަސް ޓްރީ“ ގެ ޤާނޫނީ މަބްދައުގެ ދަށުން ބަލައިގަންނަ ޒާތުގެ ހެއްކެއް ނޫނެވެ. އެހެންނަމަވެސް މިފަދަ ހެކިތައް ބަލައިގަތުމާ ގުޅޭ އިސްތިސްނާ ޙާލަތްތަކެއް ހުންނަންވާނެކަމަށް ޤާނޫނީ މާހިރުން ވިދާޅުވެއެވެ.

މަތީ މަރުޙަލާގެ ކޯޓުތަކުން މީގެ ކުރިން ނިންމާފައިވާ ނިންމުންތަކުގައި ޣައިރު ޤާނޫނީ އަމުރެއް ތަންފީޒުކޮށްގެން ހޯދާ ހެއްކަކީ އިސްތިސްނާ ޙާލަތްތަކެއްގައި ބަލައިގަނެވިދާނެ ހެކިކަމަށް ކަނޑައަޅާފައިވެއެވެ. މިސާލަކަށް ސުޕްރީމް ކޯޓުން ބެލި މައްސަލައެއްކަމަށްވާ ޕީޖީ އޮފީސް ވ އަހުމަދު ރަޝީދު ގަޒިއްޔާގައި މި މައުޟޫއަށް އަލިއަޅުވާލާފައިވެއެވެ.

އެ މައްސަލައިގައި ފަނޑިޔާރުން ވިދާޅުވާ ގޮތުގައި ޣައިރު ދުސްތޫރީ ނުވަތަ ޤާނޫނާ ޚިލާފަށް ހެކި ބަލައިގަންނަ އިސްތިސްނާ ޙާލަތްތަކުގެ ތެރޭގައި ޤާނޫނު ތަންފީޒުކުރާ ފަރާތުން ހެޔޮ ނިޔަތުގައި ކުރާ އަމަލެއްގެ ސަބަބުން ލިބޭ ހެކި ނުވަތަ ”ގުޑް ފެއިތް އެކްސެޕްޝަން“ ބަލައިގަނެވިދާނެއެވެ.

ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ބަލާއިރުވެސް، މި މައުޟޫގައި އެންމެ ބޮޑަށް ބާރު އަޅާފައިވަނީ ފުލުހުން ތަހުގީގުތައް ކުރާއިރު، ޤާނޫނާ އެއްގޮތަށް އަމަލުކޮށްގެން ހެކި ހޯދުމަށެވެ. ދައުލަތަށް ލިބިފައިވާ ބާރުތައް އެއްވެސް ސިފައެއްގައި ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށެވެ.

ސުޕްރީމް ކޯޓުގެ އެކި މައްސަލަތަކުގައި މި މައުޟޫއަށް ވާހަކަ ދައްކަވާފައިވާ ފަނޑިޔާރުން ވިދާޅުވާ ގޮތުގައި ތަހުގީގު ކުރުމަށް ލިބިދޭ ބޮޑެތި ބާރުތަކާއި، އެ ބާރުތައް ބޭނުންކުރުމުގައި ޙައްޤުތައް ނެގެހެއްޓުމުގެ ވާޖިބު ތިލަފަތުގައި އެއް ހަމައެއްގައި ދެމެހެއްޓުމަކީވެސް ފަސޭހަކަމަކަށް ނުވާނެއެވެ. ވަކިން ޚާއްސަކޮށް، މި މައުޟޫއަށް ވަކި ޤާނޫނީ ތަފްސީލުތަކެއް ނެތުމާއެކުވެސް މެއެވެ.

ދިމިޤްރާތީ އެކި މުޖުތަމައުތަކުގައި މިފަދަ ހެކި ބަލައިގަތުމާމެދު އަމަލުކުރާ ގޮތަށް ބަލާއިރު، ޔޫރަޕާއި ކޮމަންވެލްތު ޤައުމުތަކުގައި އާންމުކޮށް ޤާނޫނާ ޚިލާފަށް ހޯދާ ހެކިވެސް ޝަރީއަތަށް ބަލައިގަނެއެވެ. ނަމަވެސް އެފަދަ ޤައުމުތަކުގައިވެސް ފުލުހުން ކަނޑައެޅިގެން ޤާނޫނާ ޚިލާފުވެ، ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ޤާނޫނު ބޮލާލާ ޖަހައިގެން ހޯދާ ހެކިތަކަކީ ޝަރީއަތަށް ބަލައިގަންނަ ހެކިތަކެއް ނޫނެވެ.

ކޮމަންލޯއަށް ބަލާއިރު، ތުހުމަތު ކުރެވޭ މީހާއަށް އިންސާފުން ޝަރީއަތް ކުރުމަށްޓަކައި އެ ހެއްކަކީ ޝަރީއަތުން ބަލައިގަނެގެން ނުވާނެ ހެކިކަމުގައިވާނަމަ، އެފަދަ ހެއްކެއް ބަލައިނުގަތުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. ނަމަވެސް އެ ޙާލަތްތަކުގައި ފަނޑިޔާރުން ބަލައި، މިނެކިރަން ޖެހޭ ކަންކަންވެސް ހުރެއެވެ.

އެމެރިކާއަށް ބަލާއިރު، އެ ޤައުމުގައި އާންމު އުސޫލަކީ ޣައިރުދުސްތޫރީ ހެކި ޝަރީއަތަށް ބަލައިނުގަތުމެވެ. ނަމަވެސް އެމެރިކާގައި އިސްތިސްނާ ޙާލަތްތަކެއް ކޯޓުން ޤަބޫލުކުރެއެވެ. މިސާލަކަށް ޣައިރުދުސްތޫރީ ހެއްކެއްނަމަވެސް، އެ ހެއްކަކީ ހެޔޮ ނިޔަތެއްގައި ފުލުހުން ކުރާ އަމަލެއްގެ ނަތީޖާއިން ހޯދާ ހެކިކަމަށްވުމާއި، ޤާނޫނާ އެއްގޮތަށް އަމަލުކުރިނަމަވެސް ފެންމަތިނުވެ ނުދާނެ ހެކި ފަދަ އިސްތިސްނާ ކަންކަމަށް ކޯޓުން ރިއާޔަތް ކުރެއެވެ.

މީގެ އިތުރުން، ތުހުމަތު ކުރެވޭ މީހާ ކޯޓަށް ދޮގު މައުލޫމާތު ދޭނަމަ އެ މައުލޫމާތަށް ސުވާލު އުފެއްދުމަށްވެސް މިފަދަ ހެއްކަށް އެމެރިކާގައި ބުރަދަން ދެއެވެ. އެގޮތުން އެފަދަ މައްސަލަތަކުގައި ފަނޑިޔާރުން ގެންގުޅެފައިވާ ވިސްނުމަކީ ކޯޓަށް ދޮގު މައުލޫމާތު ދިނުމަކީ ކުށަކަށްވާއިރު، ޤާނޫނާ ޚިލާފަށް ހޯދާ ހެއްކެއްވެސް އެފަދަ ޙާލަތްތަކުގައި ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް ބޭނުން ކުރެވުމެވެ.

އޮސްޓްރޭލިއާއަށް ބަލާއިރު، އާންމުކޮށް އެފަދަ ހެކި ޝަރީއަތަކަށް ބަލައެއްނުގަނެއެވެ. ނަމަވެސް އެފަދަ ހެއްކެއް ބަލައިގަތުމަށް އޮތް މަސްލަޙަތު ބަލައިނުގަތުމަށް އޮތް މަސްލަޙަތަށްވުރެ ބޮޑުނަމަ، އެ ހެއްކެއް ބަލައިގަތުމަށް ފަނޑިޔާރަށް އިޙްތިޔާރު ދީފައިވެއެވެ.

ކެނެޑާއަށް ބަލާއިރު، އެފަދަ ހެކި ބަލައިގަތުމުގެ ސަބަބުން އިންސާފު ޤާއިމު ކުރުމަށް ހުތުރެއް ލިބިގެންދާނަމަ، އެފަދަ ހެއްކެއް ބަލައިނުގަނެއެވެ. ނަމަވެސް އެގޮތަށް ކަނޑައެޅުމުގައި 3 ކަމަކަށް ފަނޑިޔާރުން ރިއާޔަތް ކުރެއެވެ. އެއީ ޣައިރުދުސްތޫރީ އަމަލުގެ ހައްސާސްކަމާއި، އެ އަމަލުގެ ސަބަބުން ތުހުމަތުވާ މީހާގެ ދުސްތޫރީ ޙައްޤަކަށް އުނިކަން އަންނަ މިންވަރާއި، މުޖުތަމައުގެ މަސްލަޙަތެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާންމު އުސޫލަކީ ޤާނޫނުއަސާސީއާ ޚިލާފަށް ހޯދާފައިވާ ހެކި ނަމަ އެ ހެއްކަކަށް މައްސަލައެއް ނިންމުމުގައި ރިއާޔަތް ނުކުރުމެވެ. ރާއްޖޭގެ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވެސް އަދި ހެއްކާބެހޭ ޤާނޫނުގައިވެސް ޣައިރު ޤާނޫނީ ހެއްކާމެދު އަމަލުކުރަންޖެހޭ ވަކި އިރުޝާދެއް ދީފައެއް ނުވެއެވެ.

އެހެންކަމުން މި ކަންކަން ޤާނޫނެއްގައި ތަފްސީލު ކުރުމަކީ މުހިއްމު ކަމެއްކަމަށް ފަނޑިޔާރުން މިފަހުން ނިންމަވާފައިވާ މައްސަލަތަކުގައި ފާހަގަ ކުރައްވާފައިވެއެވެ.

ހަގީގަތުގައި ކުށުގެ ވެއްޓާއި، ކުށްތައް އިތުރުވަމުންދާ މިންވަރުގެ އިތުރުން، ފަރުދުންނާއި މުޖުތަމައުގެ ޙައްޤު ރައްކާތެރި ކުރުމަށްޓަކައި މިފަދަ އިސްތިސްނާތަކެއް ހުރުމަކީ މުހިއްމުކަމެއްކަމަށް ޤަބޫލު ކުރެވެއެވެ. އެގޮތުން އިސްތިސްނާ ޙާލަތްތަކެއް ކަނޑައެޅިނަމަވެސް، އެއިން ކޮންމެ ޙާލަތެއްގައިވެސް އެ މައްސަލައެއްގެ ވަށައިގެންވާ ހުރިހާ ކަމަކަށް ފުންކޮށް ރިއާޔަތްކުރަން ޖެހޭނެއެވެ.

މީގެ އިތުރުން، ފުލުހުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމާއި، ޣައިރު ޤާނޫނީ ގޮތުން ކުރާ އަމަލުތަކަށް ފިޔަވަޅު އެޅުން ފަދަ ކަންކަމުގައި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑާއި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން ފަދަ އިދާރާތަކުންވެސް މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވެ، ފާރަވެރިވާން ޖެހޭނެއެވެ. ސަބަބަކީ އެފަދަ އިސްތިސްނާތަކެއް ޤާނޫނުގައި ކަނޑައަޅާ ޙާލަތުގައިވެސް އެ ކަންކަމަކީ ގާތުން ރެގިއުލޭޓުކޮށް، ބެލެހެއްޓެންޖެހޭ ކަންކަމަށްވާތީއެވެ. ތުހުމަތުވާ މީހާގެ ޙައްޤަށްވެސް އުނިކަން އައުމުގެ ފުރުސަތު އޮތް ކަމަކަށްވާތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: