މި ރަމަޟާން މަހު ދޮގާއި ފިތުނަ އުފެއްދުމަށް މަސައްކަތް ކުރާ ކޮންމެ ބަޔަކާއި ދުރުހެލިވެ ހުލްގުހެޔޮ އިންސާނެއްގެ ގޮތުގައި ކާމިޔާބު ހަޔާތެއް އުޅުމުގެ އަޒުމު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ރަމަޟާން މަހުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުއްވައި ރައީސް ފޮނުއްވި ހިތާބުގައ ވިދާޅުވީ ދިވެހި ރައްޔިތުންނަށް ހިޔާވަހިކަން ކަށަވަރުކޮށްދީ ދިރިއުޅުމުގެ މުހުތާދުތައް ފުއްދައިދީ އުފާފާގަތިކަން އިތުރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ސްޕީޑު އަވަސް ކުރެވޭނެކަމަށެވެ.
ރައީސްގެ ހިތާބުގައި ވަނީ އަހަރަކު އެއްފަހަރު ބައްދަލުވާ، ރަމަޟާން މަހު އެންމެންގެ އުޅުމާއި ގުޅުންތަކަށް އަންނަ ހެޔޮ ބަދަލު މުޅި ހަޔާތުގައި ވެސް ދެމެހެއްޓުމަށް އަޒުމު ކަނޑައެޅުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި މިއީ ކޮންމެ ކުއްޖަކާއި ޒުވާނުން ރިވެތި ނަމޫނާ ދައްކައި ހަރުދަނާ ސިފަތައް އުނގަންނައިދޭ މަހެއްކަމުގައި ހެދުމަށް އެދިވަޑައިގެން ހިތްވަރުދެއްވި އެވެ.
މީގެއިތުރުން ދުންފަތުގެ އިސްތިއުލާލު ކުރުން ފަދަ ނަފުސަށް ގެއްލުން ހުރި ނުކިއްސަރު އާދަތަކާއި ދުރުހެލިިވުމަށް ރަމަޟާން މަހު ފިޔަވަޅު އެޅުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ. އަދި ވިދާޅުވީ ދޮގާއި ފިތުނަ އުފެއްދުމަށް މަސައްކަތް ކުރާ ކޮންމެ ބަޔަކާއި ދުރުހެލިވެ ހުލްގުހެޔޮ އިންސާނެއްގެ ގޮތުގައި ކާމިޔާބު ހަޔާތެއް އުޅުމުގެ އަޒުމު ކަނޑައެޅުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާކަމަށެވެ.
ރައީސް ވަނީ ކީރިތި ގުރުއާން އެ މަހެއްގައި ބާވައިލެއްވި، އަދި ލައިލަތުލްޤަދްރީގެ މަތިވެރި ދަރުމަ އެމަހެއްގައި ހިމެނިފައިވާ ރަމަޟާން މަހަކީ ނިޢުމަތާއި ރަޙްމަތުން ފުރިގެންވާ މޫސުމެއްކަން ހަނދުމަފުޅުކޮށް އަރުވަމުން އެމަނިކުފާނު ވަނީ، ރަމަޟާންމަހު ހިފާ ރޯދަ އާއި، އަޅުކަމަށް ދޭ ސަމާލުކަމާއި، އަނެކުންނަށް ދޭ މަދަދާއި ކެތްތެރިކަމާއި އިޙްސާންތެރިކަމުގައި ދެމިތިބުމަކީ ޖިސްމަށާއި ރޫޙަށް ލިބިދޭ އަގުހުރި ތަރުބިއްޔަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދިވެހިންގެ ސިލްމާ ސަލާމަތާއި ކާމިޔާބު ގުޅިފައި ވަނީ މާތްވެގެންވާ އިސްލާމް ދީނާއި ކަމަށެވެ.
ފަލަސްތީނުގެ އަހުލުވެރީންނާއި، ހަނގުރާމައާއި އަނިޔާވެރިކަމާއި ހައިހޫނުކަން ބަރުދާސް ކުރަމުންދާ މިނޫންވެސް މުސްލިމު މުޖްތަމަޢުތަކާއި ޢާއިލާތަކަށް ކުޅަދާނަވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދޭން ވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

