ރަމަޟާން މަހުގެ ތެރޭގައި އިމިގްރޭޝަންއިން ހިދުމަތްދެމުންދާ ގަޑިތަކަށް ބަދަލު ގެނެސްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
މިކަމާއި ގުޅިގެން މައުލޫމާތު ދެމުން އިމިގްރޭޝަން އިން ބުނީ، ރަމަޟާން މަހުގެ ތެރޭގައި އިމިގްރޭޝަންއިން ދޭނީ ޕާސްޕޯޓުގެ ޚިދުމަތާއި، ވިސާގެ ޚިދުމަތްތަކާއި، އެންފޯސްމެންޓް އެންޑް ކޮމްޕްލަޔަންސްގެ ޚިދުމަތުގެ އިތުރުން ސީޕޯޓްގެ ޚިދުމަތްކަމަށެވެ.
ރަމަޟާން މަހުގެ ތެރޭގައިވެސް އިމުގާ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓުގެ ޚިދުމަތަށް 24 ގަޑިއިރު ހުށަހެޅޭނެއެވެ. 65 އަހަރުން މަތީގެ މީހުންނަށާއި އެމަޖެންސީ ޙާލަތްތަކުގައި ޕާސްޕޯޓް ބޭނުންވާ މީހުންނަށް އިމިގްރޭޝަނަށް ހާޒިރުވެ އަދި އޮންލައިންކޮށް ކޮންމެ ދުވަހަކު ހެނދުނު 09:15 އިން 12:00 އާ ދެމެދުގެ ވަގުތެއްގައި ޕާސްޕޯޓަށް ހުށައެޅެއެވެ. ހަމަ އެ ވަގުތު، ކިއުބީއިން މެދުވެރިކޮށް ޕާސްޕޯޓަށް ހަވާލުވުމަށް ނަންބަރު ދޫކުރުން ކުރިއަށްދާނެކަމަށްވެސް އިމިގްރޭޝަންއިން މައުލޫމާތުދެއެވެ.
މެޑިކަލް އެމަރޖެންސީ ހާލަތެއްނަމަ، 9555333 ގުޅާ ޕާސްޕޯޓަށް އެދެވޭނެއެވެ.
މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ އޮފީސްތަކުންވެސް ހިދުމަތްދޭނެކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެގޮތުން އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ހއ. ދިއްދޫ އަދި ލ. ފޮނަދޫން ކޮންމެ ދުވަހަކު ހެނދުނު 09:15 އިން 12:00 އާ ދެމެދުގެ ވަގުތުތަކުގައި ހިދުމަތްދޭނެކަމަށް ވަނީ ބުނެފައެވެ. އަދި . ކުޑަހުވަދޫއިން ކޮންމެ ހަފްތާއެއްގެވެސް ހޯމަ ދުވަހު، ރ. އުނގޫފާރުން ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި ދުވަހު، ހއ. އިހަވަންދޫއިން ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި ދުވަހު އަދި ށ. ފޮނަދޫއިން ކޮންމެ ހަފްތާއެއްގެވެސް އަންގާރަ ދުވަހު ހަމަ އެ ގަޑިތަކުގައި ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރަމުންދާނެކަމަށް ބުންޏެވެ.
މި ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު އެންފޯސްމެންޓް އެންޑް ކޮމްޕްލަޔަންސްގެ ޚިދުމަތުގެ އިތުރުން ސީޕޯޓްގެ ޚިދުމަތްވެސް ދޭނެއެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 13:00 އަށް އެންފޯސްމެންޓް އެންޑް ކޮމްޕްލަޔަންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން ސީޕޯޓްގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ހަވީރު 17:00އަށް އަދި ރޭގަނޑު 21:30އިން 00:00 އަށް ލިބޭނެއެވެ. އަދި ހުކުރު ދުވަހު މެންދުރު 14:30 އިން ހަވީރު 17:00އަށް އަދި ރޭގަނޑު 21:30 އިން 00:00 އަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުންޏެވެ.

