ފެންބޮޑުވެ ނަޖިސް ބޭރުވުމުގެ ސަބަބުން 4 ގެއަކުން 40 މީހަކު ރައްކާތެރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
މާލެއަށް ކުރި ވިއްސާރައާ ގުޅޭ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެންޑީއެމްއޭއިން ބުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ، މާލެއަށާއި އަތޮޅުތެރޭގެ ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގޭގެއަށް ފެންވަންނަމުން ދާތީ، މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، މި ހާދިސާއާއި ގުޅިގެން ފެންބޮޑުވެ ނަޖިސް ބޭރުވުމުގެ ސަބަބުން 4 ގެއަކުން 40 މީހަކު ރައްކާތެރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުންވެސް ވަނީ އެ އިދާރާއިން ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކޮށްފައެވެ. އެގޮތުން އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ކ.ހުރާ، ކ.ގުރައިދޫ، ކ.ހިންމަފުށި، ކ.ތުލުސްދޫ ކ.މާފުށި، އދ.މާމިގިލި، ދ.މީދޫ، އަދި ފ.ނިލަންދޫ ގައި ފެން ހިންދުމުގައި ސިފައިން ދަނީ ހަރަކާތްތެރި ވަމުންދާ ކަމަށެވެ.
އަދި މާލޭ ސިޓީގެ ފެންބޮޑުވެފައިވާ ސަރަހައްދުތައް އާންމު ހާލަތަށް ގެނެވިފައިވާތީ، ފެން ހިންދުމުގެ މަސައްކަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
މި އޮޕަރޭޝަންގައި 16911 ޓަނުގެ ފެން ހިންދާފައިވާ ކަމަށާއި، އަދި މާލޭ ގެ 131 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 976 ވެލި ބަސްތާ ޖަހާދީފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

