45 ފަސިންޖަރުންނާއިއެކު ދަތުރުކުރި ލޯންޗެއް ފެތުމަށް ދިމާވި ސަބަބު ތަހުގީގުކުރުމަށް ނިންމާފައިވާކަން ފުލުހުންގެ މުއައްސަސާއިން ހާމަކޮށްފިއެވެ.
ފުލުހުންގެ މުއައްސަސާއިން މައުލޫމާތު ދީފައިވާގޮތުން ހުވަން ގެ ނަން ދެވިފައިވާ ލޯންޗެއް މާލެއިން ދިގުރަށަށް ދަތުރުކުރަމުންދަނިކޮށް ދިމާވި ހާދިސާއެއްގެ ސަބަބުން ފެތެމުންދާކަމުގެ މައުލޫމާތު އެ މުއައްސަސާއަށް ލިބިފައިވަނީ މިއަދު ހެނދުނު 7:57 ގައިކަމަށެވެ. މި އުޅަނދުގައި އެވަގުތު 45 ފަސިންޖަރުންގެ އިތުރުން ކުރޫއިންގެ ގޮތުގައި 3 މީހަކު ތިބިކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މި މައުލޫމާތުތައް ލިބުމާއިއެކު އެމެޖެންސީ ރެސްޕޮންސް ޓީމުތައް ވަގުތުން ފޮނުވިކަމަށާއި އެފިޔަވަޅުތަކުގެ ސަބަބުން 4 ކުޑަކުދިންވެސް ހިމެނޭގޮތަށް ދަތުރުކުރަމުންދިޔަ އެންމެން ސަލާމަތްކުރެވިފައިވާކަމަށެވެ. މިހާރު ފަސިންޖަރުންނާއި ކުރޫއިންވެސް ދިގުރަށަށް ގެންގޮސްފައިވާއިރު އެންމެންގެވެސް ސިއްހީ ހާލަތު ރަނގަޅުކަމަށް މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާ ދިމާވުމަށް މެދުވެރިވި ސަބަބު ބެލުމަށްޓަކައި ތަހުގީގުތަކެއް ކުރިއަށްދާކަން އެ މުއައްސަސާއިން ހާމަކޮށްފައިވާއިރު ރެސްކިއު މަސައްކަތްތަކުގައި ހަރަކާތްތެރިވި ޓީމުގެ އިތުރުން އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށްވެސް އެ މުއައްސަސާއިންވަނީ ތައުރީފްކޮށްފައެވެ.

