އެއް ނަމްބަރު ފާލަން ފުރި އެއްވެސް އުޅަނދަކަށް ބަނދަރަށް ގާތް ނުކުރެވޭތާ އެއްތައް ދުވަހެއް ވެއްޖެއެވެ. އެއް ނަމްބަރު ފާލަމަކީ އެއްމެ ގިނައިން މީހުން ދަތުރުފަތުރު ކޮށްހަދާ އެއް ފާލެމެވެ. އެހެން ނަމަަވެސް އެތަނުގެ ހާލަތަކީ ބާރުބޮޑު ދުވަސްތަކުގައި ނުވަތަ ވަކި ގަޑިތަކެއްގައި އެ ބަނދަރަށް ވަންނަ އުޅަނދުތަކަށް އެތަނަށް ގާތް ނުކުރެވުމެވެ.
ރައްޔިތުން ދަތުރު ކުރުމަށް އުޅެންޖެހޭ ހާލަތަކީ އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިގެން ފުރާ ލޯންޗާއި ހިސާބަށް ދިއުމެވެ. ސީދާ ބަނދަރުން ލޯންޗަށް އެރޭނެ އެއްވެސް ގޮތެއް ނެތެވެ. މީހުން ގިނަވާ ވަގުތުތަކުގައި ޓްރެފިކްވެސް އެ ސަރަހައްދުގައި ބޮޑުވެ މަގުތަކުގައި ދުއްވާ އުޅަނދުތަކަށްވެސް އޭގެން އަސަރު ކުރެއެވެ.
މާލޭގެ އެންމެ ގިނަ އުޅަނދުތައް ގާތް ކުރާ މި ބަނދަރު ކައިރީގައި ދަތުރުވެރިން އުޅެންޖެހޭ މިހާލަތަކީ އަބަދުވެސް ކަން އޮތް ގޮތެވެ. މީގެ ކުރިންވެސް މި ތަނުގެ ހާލަތަކަށް ބަދަލެއް ނާދެއެވެ. ރައްޔިތުންގެ ޝަކުވާ އޮތީ ހަމަ އެގޮތުގައެވެ. ބަނދަރު ތެރޭގައި ލޯންޗުތައް ބަރި ޖަހާފައި އޮންނައިރު އެއް ލޯންޗުން އަނެއް ލޯންޗުން ބޮޑެތި ދަބަސްތަކާއި ލަގެޖުތައް ހިފައިގެން ދިޔުން ނޫން ގޮތެއް އެމީހުންނަށް ނެތީއެވެ.
އެތަކެއް ވެރިކަން ތަކެއް ދިޔައިރު މި ފާލަމުން ދަތުރުފަތުރު ކުރާ މީހުންނަށް ލިބުނު އެއްވެސް ފަސޭހައެއް ނެތެވެ. ޖެހިގެން ހުރި އިއްޒުއްދީން ފާލަންވެސް އެތައް ފަހަރަކު ބަދަލުކޮށްފިއެވެ. އެހެންނަމަވެސް ވެރިންނަށްވެސް ނުފެނުނު މަންޒަރަކީ އިޒުއްދީން ފާލަމާއި ޖެހިގެން އޮތް ރައްޔިތުން ފުރާ ފާލަމުގެ ހާލަތެވެ.
މާލޭގައި ލަފާފުރުމުގެ ކަންކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. ދުވަސްވީ މީހުންނާއި، ކުޑަ ކުދިންނާއި މެދުއުމުރުގެ މީހުންވެސް ދަތުރުފަތުރު ކުރަން އޮތް ގޮތަކީ ހަމަ މީއީއެވެ. ވާރޭ ވެހޭނަމަ އެތަނުގައި ޓްރެފިކާއި އަދި މީހުން ގިނަ ވުމުން ލަފާފުރުމަށް އިތުރަށް ދަތިވެއެވެ.
ފާލަމުގެ ލަފާފުރުމުގެ ކަންކަން ރަނގަޅު ކުރުމަށް ނުވަތަ ރައްޔިތުން އެ ކުރާ ޝަކުވާތަކަށް ޖަވާބުދާރީ ވުމަށްވެސް އެއްވެސް ބަޔަކު މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. މާލޭގެ ޖެޓީ ތަކުގެ ހާލަތު މިޔަށްވުރެ ރަނގަޅުވާނެ ދުވަހަކަށް ހުރިހާ ރައްޔިތުންވެސް ދަނީ އިންތިޒާރު ކުރަމުންނެވެ.

