އިޒްރޭލުން ގާޒާއަށް އެހީވެއްދުން ހުއްޓުވައި އެހީ ފޯރުކޮށްދޭ މަގުތައް ބަންދު ކުރުވައިފިއެވެ.
ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނގުރާމަ ހުއްޓާލުމާ ގުޅޭ (ސީސްފަޔަރ) އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ހޮނިހިރު ދުވަހު ހަމަވެފައިވާއިރު، މިހާރު އަނެއްކާވެސް ޙަމާސްއާ އިޒްރޭލާ ދެމެދު ވަނީ ދެބަސްވުންތަކެއް އުފެދިފައެވެ.
ޙަމާސްގެ ތަރުޖަމާނަކާ ޙަވާލާދީ ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލާ އެމެރިކާއިން ގެންދަނީ ގާޒާ ބްލެކްމެއިލް ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ނަމުގައި އެތައް ގޮތަކުން ހުރަސްތައް އަޅަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ޙަމާސްއިން ވަނީ އެންމެ ކުރިންވެސް އެއްބަސްވެވިފައިވާ ގޮތަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހި ކުރިއަށް ގެންދިއުމަށް ޙަމާސްއިން ތައްޔާރުކަމަށް ފާހަގަކޮށްފައެވެ.
ހަމާސްގެ މަންދޫބެއް މީޑިއާތަކަށް ދިން މަޢުލޫމާތުގައި ބުނެފައިވަނީ، އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ނުފެށި ލަސްވަމުންދަނީ އިސްރާއީލުގެ ސަބަބުން ކަމަށެވެ. ”އިސްރާއީލުން ބޭނުންވަނީ ޣައްޒާގައި ތިބި ގައިދީން ހޯދުމަށާއި އަލުން ހަނގުރާމަ ފެށުމަށް“ ކަމަށް ހަމާސްއިން ތުހުމަތުކޮށްފައިވެއެވެ.
އިސްރާއީލާއި ހަމާސްއާ ދެމެދު ވެފައިވާ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ މުއްދަތު އިތުރުކުރުމަށް އިސްރާއީލުން ހުށަހެޅުމުން، ހަމާސް ޖަމާއަތުން އެކަމަށް ދެކޮޅު ހަދައިފިއެވެ. މި އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފެށުމަށް އޮތް މުއްދަތު ގާތްވަމުން އަންނައިރު، އިސްރާއީލުގެ ފަރާތުން އެއްވެސް މަޝްވަރާއެއް ނުކުރާކަމަށް ހަމާސްއިން ބުނެފައިވެއެވެ.

