ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އޮންނަނީ މަޖިލީހުގެ ވެރިކަމެއް ނޫން، ގާނުނުގެ ވެރިކަން: އަލީ ހުސެއިން

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެގެ މެންބަރު އަދި ވަކީލު އަލީ ހުސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި އެންމެ މަތީގައި އޮންނަނީ ގާނޫނުއަސާސީ ކަމަށާއި، ރައްޔިތުންގެ މަޖިލީހަކީވެސް ގާނޫނުއަސާސީގެ ދަށުން އުފެދިފައިވާ މުއައްސަސާއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، ”ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފަށް ގާނޫނުއަސާސީއަށް އިސްލާހެއް ގެނައި މިއީ ފުރަތަމަ ފަހަރު“ ކަމަށް އަލީ ހުސެއިން ފާހަގަކުރެއްވިއެވެ.

އަލީ ހުސެއިން އިތުރަށް ވިދާޅުވި ގޮތުގައި، އެންމެ ފުރަތަމަ ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުން އެ މަސައްކަތް ކުރިއިރު ވަކި ހާއްސަ އޮނިގަނޑެއް އޮންނާނެ ކަމަށާއި، އެ އޮނިގަނޑާ އެއްގޮތަށް ހާއްސަ މަޖިލީހުގެ ޖަލްސާތައް ބޭއްވި ކަމަށާއި، އަދި އެކަމާ ގުޅިގެން ފުޅާ ދާއިރާއެއްގައި ބަހުސްތަކެއްވެސް ކުރެވުނު ކަމަށް ވިދާޅުވިއެވެ.

ހާއްސަ މަޖިލީހުން ރައްޔިތުންގެ މަޖިލީހަށް ދީފައިވަނީ ”ޑެރިވޭޓިވް ޕަވަރ“ އެއް ކަމަށްފާހަގަކުރައްވަމުން، އަލީ ހުސެއިން ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ގެންނައިރު އަސްލު ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފު އެއްވެސް އިސްލާހެއް ނުގެނެވޭނެ ކަމަށެވެ.

މި ބަހުސް މި ވަގުތު ކުރިއަށް މިދަނީ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހަކާ ގުޅިގެން ގާނޫނީ ދާއިރާގެ މާހިރުންގެ މެދުގައި ފެށިފައިވާ ބަހުސްގެ ތެރެއިންނެވެ.

”ދެން ބަލަންވީ އޮނިގަނޑުގައި ހިމެނެނީ ކޯޗެއްތޯ؟ އޭޗިސް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، ފުރަތަމ ބާބުގައި އެބަހުރި އޭޗިސް. ގާނޫނުއަސާސީ ކޯއްޗެއް ކަން. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ، ދިވެހިރާއްޖޭގެ ސަރަހައްދު. މިހުރީ އަޅުގަނޑުމެންނަށް ނުކުޅެވޭނެ އެއްޗިސް. ރައްޔިތުންގެ ބާރު. އަނެއްކާ ގާނުނު ހެދުމުގެ ބާރާއި، ރައްޔިތުންގެ ބާރާއި، އަދުލު އިންސާފުގެ ބާރާއި، ގާނޫނުއަސާސީގެ ސިޔާދަތާއި، މިހުންނަނީ މިއީ އޮނިގަނޑު އިނގޭތޯ. މީޗިސް އަކާއި ނުކުޅެވޭނެ. ދައުލަތުގެ ދީން. މއިީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑު. ދެން ހުންނާނީ އަސާސީ ސިފަތަށް. އަޅުގަނޑު މިދަންނަވަނީ އަސާސީ ސިފަތަކުގައިވެސް އަދި އަސާސީ އޮނިގަނޑުގައިވެސް ހިމެނޭ ކަމެކޭ ގާނޫނު ހެދުމުގެ ބާރަކީ. ދިވެހިރާއްޖެގެ ގާނޫނު ހެދުމުގެ ބާރު ލިބިގެން ވަނީ ރައްޔިތުންގެ މަޖިލީހަށްށޭ. އެހެންވީމަ އެބާރު ބޭނުން ކުރާ މީހުންނަށް އެހެން ބާރަކުން ނުފޫޒު ފޯރުވިގެން ނުވާނެ“

އަލީ ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބާރު ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހަށް މި ގާނޫނުއަސާސީއަށް ހިތުހުރި އިސްލާހެއް ހިތުހުރި ބަދަލެއް ނުގެނެވޭނެ ކަމަށެވެ. އިތުރަށް ވާހަކަދައްކަވަމުން އަލީ ވިދާޅުވީ ޖޭއެސްސީގެ ކޮމްޕޮސިޝަން އެހެން އޮތުމުން އޭރެއްގައި އޮންނަ ސަރުކާރަކަށް މަޖިލިސް ލިބިއްޖެ ނަމަ ޖޭއެސްސީ އޮޔުމުގެ ބޭނުމެއް ނެތް ކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ އެންމެ ވަރުގަދަ ހަރުގެ ކަމަށާއި، ޖޭއެސްސީ އެހެން ބާއްވާ ކަމަށްވާނަމަ، ހުރިހާ ސިޔާސީ ޕާޓީތަކުގެ ރައީސުން ޖޭއެސްސީއަށް ލިޔަސް އެއްވެެސް މައްސަލައެއް ނޯންނާނެ ކަމަށް އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ޖުޑިޝަރީ މިނިވަން ކުރުމަށް އަބަދުވެސް ގޮވާލައްވާ ކަމަށާއި، ވަކިން ހާއްސަކޮށް ޖޭއެސްސީގެ ކޮމްޕޮސިޝަން ބަދަލުކުރުމަށް ވެސް ގޮވާލެއްވި ކަމަށް އަލީ ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ ޖޭއެސްސީގެ ކޮމްޕޮސިޝަން މިހާރު އޮތް ގޮތަށް އޮންނަނަމަ ރާއްޖޭގެ ޖުޑިޝަރީ ދުވަހަކުވެސް މިނިވަން ނުވާނެ ކަމަށެވެ.

”މިހާރު ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ މެމްބަރާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ބަންޑާރަ ނައިބާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، ރައްޔިތުން މަޖިލީހުން ކަނޑައަޅައި މެމްބަރާއި، މިއީ ތިބޭ ބަޔަކީ. މީގަ އަނެއްކާ ހެއްވާ ކަމަކީ ޖޭއެސްސީގެ ރައީސް ކަމަށް އާދެވިދާނެ މަޖިލީހުގެ ރައީސް އަކަށްވެސް. ޖޭއެސްސީގެ ގާނޫނު އަނެއްހެން ހުރަހެއް ނާޅާ. މިއީ ބޮޑު ޖޯކެއް. އެވާހަކަ އަޅުގަނޑު މިދައްކަނީ. ޖޭއެސްސީގެ ކޮމްޕިސިޝަން މިއޮތީ، މިއީ ބައެއް ގައުމުތަކުގައި ޕްރެކްޓިސްކޮށް ފެއިލްވެފައިވާ ސިސްޓަމެކޭ ރާއްޖެ ނެގެސްފައި މިއޮތީ. އެހެންނަމަވެސް ގާނޫނުއަސާސީ ފަރުމާ ކުރެއްވި ބޭފުޅުން އޭތި ޑިފެންޑު ކުރައްވާނެ“

ޖޭއެސްސީއަށް މެމްބަރުން ހޮވަން ޖެހޭނީ، ރައީސުލްޖުމްހޫރިއްޔާ ހޮވާ ގޮތަށް އެންމެންގެ ވޯޓަކުން ހޮވަން ކަމަށް އަލީ ވިދާޅުވިއެވެ. އަލީ އިތުރަށް ވިދާޅުވީ ކައުންސިލް އިންތިހާބު އޮންއިރު، ޖޭއެސްސީއަށާއި، އޭސީސީއަށް ވެސް މެމްބަރުން ހޮވަންވީ ރައްޔިތުން ކަމަށެވެ. އެމީހުން މިނިވަން ކަމާއެކު މަސައްކަތް ކުރާނީ އޭރަށް ކަމަށް އަލީ ވިދާޅުވިއެވެ. އަދި އޭގެން މީހަކުވެސް ވަކި ކުރެވެން ޖެހޭނީ ރައްޔިތުންގެ މަޖިލީހުންވެސް މެމްބަރަކު ވަކި ކުރެވޭނެ ގޮތަށް ކަމަށް އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކަށްވެސް ސުޕްރީމް ކޯޓަށް ބަސް ބުނެވޭނެ ކަމަށެވެ. އޭގައި ބަލަން ޖެހޭ ކަންކަން ހުންނަ ކަމަށާއި، ރައްޔިތުންގެ މަޖިލީހުން ކަމެއް ނިންމާފައިވަނީ ކިހިނެއްތޯ ބަލަން ޖެހޭ ކަމަށް އަލި ވިދާޅުވިއެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއް ސުޕްރީމް ކޯޓަށް ނުގެންދެވިދާނެ ކަމަށާއި، އެއީ ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ނިންމުން ނިންމާ ތަނަކަށް ވާތި ކަމަށް އަލީ ވިދާޅުވިއެވެ.

މީގެއިތުރަށް އަލީ ވިދާޅުވީ ދިވެހިރާއްޖޭގައި އެންމެ މަތީގައި އޮންނާނީ، ރައްޔިތުންގެ މަޖިލީސް ނޫން ކަމަށާއި ގާނޫނުއަސާސީ ކަމަށެވެ. އެކަން ގަނޫނުއަސާސީގައިވެސް ސާފުކަން ބަޔާން ކުރާ ކަމަށާއި، ހުރިހާ ތަނެއްވެސް މީހުންވެސް އަންނަނީ ގާނޫނުއަސާސީގެ ދަށުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: