ޖަނަވާރު ރައްކާތެރިކުރުމުގެ ބިލުން ރާއްޖޭގެ މާހައުލަށް ނުގުޅޭ ފަދަ ޖަނަވާރުތައް ރާއްޖެއަށް އެތެރެ ކުރުމުގެ ފުރުސަތު ހުޅުވިގެން ގޮސްފާނެކަމަށް ބެލެވޭތީ، އިލްމީ ގޮތުން އިތުރު ދިރާސާތަކެއް ކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެ އެވެ.
ދެމެހެއްޓެނިވި، ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި ވިއްސައި އާލާކުރުމާއި ވިޔަފާރި ކުރުމުގެ ކަންކަން ކުރުމަށް މަގުފަހިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ގާނޫނާއި ހިލާފުވާނަމަ ބޮޑެތި ޖުރިމަނާތައް ހިމަނާފައި ވެއެވެ. މިއީ ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި، ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި ވިއްސައި އާލާކުރުމާއި ވިޔަފާރި ކުރުމުގެ ކަންކަން ކުރުމަށް މަގުފަހިކުރުމަށް ޖަނަވާރު ގެންގުޅުމުގައިއާއި ބެލެހެއްޓުމުގައި އަމަލު ކުރަން ޖެހޭ އުސޫލާއި މިންގަނޑުތައް ބަޔާންކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލެކެވެ.
ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރިފާއު ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި އޮޅުކޮށްގެން ޖަނަވާރު ގެންގުޅުން އާންމުވެފައިވާކަމަށެވެ. އެހެންކަމުން ޒަމާނާއި އެއްގޮތަށް ގާނޫނުތައް ވުޖޫދުކޮށް، އިސްލާހު ގެންނަން ޖެހޭކަމަށް ރިފާއު ވިދާޅުވިއެވެ.
ރިފާއު ވިދާޅުވީ މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ވަކި ފަސިލިޓީއެއް ގާއިމުކޮށް، ވެޓިނަރީގެ ހިދުމަތް ގާއިމު ކުރުމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާކަމަށެވެ. އަދި ވިދާޅުވީ ޖަނަވާރަށް ބޭނުންވާ ހިމާޔަތާއި ރައްކާތެރިކަމާއި، އަދި ވެކްސިން ނުވަތަ ބޭސްފަރުވާ ލިބޭނެ ގޮތް ހަމަޖެއްސުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.
ޕެޓްގެ ގޮތުގައި ޖަނަވާރު ގެންގުޅޭ ޒުވާނުން ސޯޝަލް މީޑިއާގައި ހަދާފައިވާ ކޮމިއުނިޓީ ގުރޫޕުތަކުގައި، ފާޅުކުރާ ކަންބޮޑުވުންތައް ފެނި އެކަން ބަލައިގަންނަކަމަށް ފާހަގަކުރައްވައި ރިފާއު ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ އެ ކަންބޮޑުވުންތަކަށް ހައްލު ގެންނަން ކަމަށެވެ.
މާލޭގެ މަގުތަކުގައި ބުޅާތައް ގިނަވެގެން ދިޔަ ވަގުތުވެސް އަޅުގަނޑުމެންނަށް ހަމަ ފާހަގަވޭ ޒުވާން ކުދިން ގޮސް ނިކުމެ އެއަށް ކާންދިނުމާއި އަޅާލިއުން ފާހަގަވެގެން ދިޔަ..
ރިފާއު ވިދާޅުވީ މިފަދަ ގާނޫނެއް އަންނައިރު، އިންސާނުންގެ ރައްކާތެރިކަމަށް ވެސް އިސްކަން ދޭން ޖެހޭކަމަށެވެ.އަދި މިފަދަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން، ފަންނީ ލަފާ ހޯދަން ރިފާއު ހުށަހެޅުއްވި އެވެ.
ރާއްޖޭގެ މާހައުލަށް ނުގުޅޭ ފަދަ ޖަނަވާރުތައް ރާއްޖެއަށް އެތެރެ ކުރުމުގެ ފުރުސަތު މި ގާނޫނުގެ ދަށުން ހުޅުވިގެން ގޮސްފާނެކަމަށް ބެލެވޭތީ، އިލްމީ ނަޒަރަކުން އިތުރު ދިރާސާތައް ކުރުމަށް ރިފާއު އެދިވަޑައިގަތެވެ.
ބިލުގައި ބުނެފައި ވަނީ ރާއްޖެއަށް އެތެރެ ކުރެވޭނީ ދިވެހިރާއްޖޭގައި ގެންގުޅުން މަނާކޮށްފައި ނުވާ ޖަނަވާރު ކަމަށެވެ. އަދި ބައެއް ޖަނަވާރުތައް ރާއްޖެއަށް އެތެރެ ކުރުމަށް ހާއްސަ ހުއްދައެއް ނަގަން ޖެހެއެވެ. އޭގެ ތެރޭގައި ހިމެނެނީ ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަޤުވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމާއި ބެގޭ ގާނޫނުގައި ހިމެނޭ ޖަނަވާރާއި ނުރައްކާތެރި ޖަނަވާރު އަދި ރާއްޖޭގައި އާންމުކޮށް ނޫޅޭ ޖަނަވާރާއި އޮޅުކޮށްގެން ގެންގޫލެން ހުއްދަ ނެތް ޖަނަވާރެވެ.

