ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރމަން ކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު ނާޞިފް، އެ މަޤާމުން ވަކިކޮށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރމަން ކަމުގެ މަޤާމަށް އައްޔަނުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ނާސިފް ވަކިކޮށް އެހެން ކުންފުންޏަކަށް ބަދަލުކުރި ސަބަބެއް ބަޔާންކޮށްފައެއް ނުވެއެވެ. ދާދި ފަހުންވެސް ޕީސީބީން ވަނީ މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޑރ. ވިޓާލީ ލިއުބިމޮވް މަގާމުން ވަކިކޮށްފައެވެ.
ޑރ. ލިއުބިމޮވް މިފްކޯގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ މީގެ ތިން މަސް ކުރިން، 2023 ވަނަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ރާއްޖެއިން ބޭރުން މީހަކު ހޯދުމަށް ކުރެވުނު އިޢުލާނަކާ ގުޅިގެންނެވެ.
މިފްކޯއަކީ ދިގު މުއްދަތެއް ވަންދެން ގެއްލުމުގައި ހިންގަމުން އަންނަ ކުންފުންޏެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، އެ ކުންފުނީގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހުރި ކަމަށް ގިނަ ބަޔަކު ތުހުމަތުކުރަމުން ދެއެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މިފްކޯގެ ތެރޭގައި އޮތް ކޮރަޕްޝަން މުލުން ލުހެލާނެ ކަމަށެވެ. އަދި ބޭރުގެ ސީއީއޯއެއް އައްޔަންކުރެއްވި ސަބަބަކީވެސް އެއީ ކަމަށް ރައީސް ވިދާޅުވިއެވެ.
ޑރ. ލިއުބިމޮވް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ވިދާޅުވެފައިވަނީ މިފްކޯއަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި، އެފަދަ ނުފޫޒެއް ފޯރުވަން މަސައްކަތްކުރާ ފަރާތްތަކުގެ ނަން އާންމުކޮށް ހާމަކުރައްވާނެ ކަމަށެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރެއްވި ސަބަބާ ގުޅޭގޮތުން ޕީސީބީއިން އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

