ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ފުނޑުފުނޑުކޮށް ނުފޫޒު ފޯރުވުމަށްޓަކައި ދިވެހި ރައްޔިތުން ސަރުކާރަށް އެއްވެސް ފުރުސަތެއް ނުދޭނެކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީ ބުނެފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދެއްކުން ހުއްޓާލުމަށް ގޮވާލައި އާންމު ކުރި ބަޔާނުގައި އެމްޑީޕީން ބުނެފައި ވަނީ ރާއްޖޭގެ ޖުޑިޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި އެ ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބާރުއަޅަމުން ގެންދާކަމަށް ބަޔާނުގައި ވެއެވެ.
އެމްޑީޕީން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވި ސިޓީގައި ވެސް، ސަރުކާރުން ދުސްތޫރީ މައްސަލަ ވަކި ގޮތަކަށް ނިންމަން ބޭނުންވާކަން ބަޔާންކޮށްފައިވާކަމަށެވެ. އެހެންވެ ބަޔާނުގައި ވަނީ އެކަން ތަހުގީގުކޮށް ފަނޑިޔާރުގެ މިނިވަން ކުރުމަށް ދައުލަތުގެ އިދާރާތަކަށް ގޮވާލާފަ އެވެ.
ބަޔާނުގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހު ބާތިލު ކުރުމަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހުތިސާސް ސުޕްރީމް ކޯޓަށް ލިބިގެންވާކަމަށް ނިންމުމުން އެ ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބަލަން ފެށި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ޖުޑިޝަލް ސާވިސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކަމަށެވެ. މިއީ އެއްވެސް އަސާސެއް ނެތި، ސަރުކާރުގެ ބަހަކަށް ނުފޫޒުން ބަލަމުންދާ މައްސަލަތަކެއްކަމަށް ވެސް ބަޔާނުގައިވެއެވެ.
އެމްޑީޕީން ބުނީ ސަރުކާރަށްމިއަދު ބާރެއް އޮތުމުން، ނުފޫޒުގެ މައްސަލަތައް ނުބެލޭނެކަމަށް ރައީސް މުއިއްޒަށް ގަބޫލު ކުރެވުނު ނަމަވެސް މުޅި ރާއްޖޭގެ ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކުރުމަށް ކުރާ މަސައްކަތަށް ރައްޔިތުން ޖަވާބު ދޭނެކަމަށެވެ.
މީގެއިތުރުން ފަނޑިޔާރުންގެ މަސައްކަތްތަކާއި ބެހި، ނުފޫޒު ފޯރުވުމަކީ ގާނޫނުއަސާސީގެ 141 ވަނަ މާއްދާއާއި ހިލާފުކަމެއްގެ ގޮތުގައި ބަޔާނުގައި ވެއެވެ. އަދި ބުނީ މިއީ ރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ދައުލަތުގެ އިދާރާތަކަށް ގޮވާލާކަމަށެވެ.
ދައުލަތުގެ ތިން ބާރު ވެސް ރައީސުލްޖުމްހޫރިއްޔާގެ އަތަށް މަހައިލާފައިވާކަމަށް ތުހުމަތު ކުރައްވައި ބަޔާނުގައި ބުނެފައި ވަނީ، ވެރިކަން ކުރާ މައިޕާޓީ ހިންގަމުންދާ ޣައިރު ދުސްތޫރީ ގާނޫނީ އަމަލުތަކާއި ދެކޮޅަށް ތެދުވެ އެ ކަންކަމާއި އެކު މެދުކެނޑުމެއް ނެތި އިހުތިޖާޖު ކުރުމަށް ރައްޔިތުންނަށް ގޮވާލާކަމަށެވެ.

