ނިމިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަ އިތުރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޓްރެފިކް އެކްސިޑެންޓުގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ 267 މައްސަލައެކެވެ. ނަމަވެސް މި އަހަރުގެ ފެބްރުއަރީގައި 293 މައްސަލައެއް ރެކޯޑުކުރެވިފައިވާކަން ތަފާސްހިސާބުތަކުން ފެނިގެންދެއެވެ.
2024 ވަނަ އަހަރާއި އަޅާ ބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވައްކަމުގެ މައްސަލަތައް ރެކޯޑުކުރެވިފައިވާ މިންވަރު ދަށްކަން ހިސާބުތަކުން ދައްކައެވެ. އެގޮތުން ނިމިދިޔަ އަހަރުގެ މި މުއްދަތުގައި 271 މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވާއިރު މި އަހަރު ރެކޯޑުކުރެވިފައިވަނީ 196 މައްސަލައެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި މަސްތުވާތަކެއްޗާއި ގުޅުންހުރި 126 މައްސަލައެއް ފުލުހުންގެ މުއައްސަސާއަށް ހުށައެޅިފައިވާއިރު މި އަހަރުގެ ފެބްރުއަރީ މަހުގައި ހުށައެޅިފައިވަނީ 119 މައްސަލައެއްކަމަށް ބުނެފައިވެއެވެ.
މުދަލަށް ގެއްލުންދީގެން ހުށައެޅިފައިވާ މައްސަލަތައްވެސް މަދުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ފެނިގެންދެއެވެ. ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި އެފަދަ 53 މައްސަލައެއް ހުށައެޅިފައިވާއިރު މި އަހަރު ހުށައެޅިފައިވަނީ 48 މައްސަލައެކެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި މާރާމާރީގެ 60 މައްސަލައެއް ހުށައެޅިފައިވާކަން ފުލުހުންގެ ހިސާބުތަކުން ދައްކާއިރު މި އަހަރު ހުށައެޅިފައިވަނީ 45 މައްސަލައެވެ. ނިމިދިޔަ އަހަރު ފޭރުމުގެ 48 މައްސަލައެއް ރެކޯޑުކުރެވިފައިވާއިރު މި އަހަރުގެ ފެބްރުއަރީ މަހުގައި ރެކޯޑުކުރެވިފައިވަނީ 16 މައްސަލައެވެ.
ޖިންސީ ކުށްތަކުގެ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތައްވެސް މަދުވެފައިވާކަން ފުލުހުންގެ ހިސާބުތަކުން ދައްކައެވެ. އެގޮތުން ނިމިދިޔަ އަހަރު ޖިންސީ ކުށްތަކުގެ ގޮތުގައި ފެބްރުއަރީ މަހުގައި 26 މައްސަލައެއް ހުށައެޅިފައިވާއިރު މި އަހަރު ރެކޯޑުކުރެވިފައިވަނި 12 މައްސަލައެވެ. މި އަހަރުގެ ފެބްރުއަރީ މަހުގައި ގެވެށި އަނިޔާގެ 15 މައްސަލައެއް ހުށައެޅިފައިވާއިރު ނިމިދިޔަ އަހަރުގެ މި މުއްދަތުގައި 22 މައްސަލައެއް ހުށައެޅިފައިވެއެވެ.

