ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށައަޅައިފައިވާ ދުސްތޫރީ މައްސަލައިގައި ސުޕްރީމް ކޯޓުން ދެއްވާފައިވަނީ ރަސްމީ 10 ދުވަހުގެ މުއްދަތެއް ކަމަށާއި ބަންޑާރަނައިބުގެ އޮފީހުން ކުރަންޖެހޭ ކަންކަން ވާނީ ކޮށްފައި ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ ކޮންމެ ސަބަބަކާ ގުޅިގެން އެފަދަ ކަމެއް ކުރިނަމަވެސް ފާޅުގަ ފެންނަން ހުންނަ ކަންކަމުގަވެސް އެވަރަށް ދޮގު ހަދައި އޮޅުވާލުމަކީ ތިމާމީހާގެ ނިޔަތް ސާފުވެގެންދާ ކަމެއް ކަމަށެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ދެއްވާފައިވަނީ ރަސްމީ 10 ދުވަހުގެ މުއްދަތެއް ކަމަށާއި އަދި އެމުއްދަތުގެ ތެރޭގައި އޭޖީ އޮފީހުން ކުރަންޖެހޭ ކަންކަން ވާނީ ކޮށްފައި ކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ އެމުއްދަތު ހަމަވަނީ 28 ފެބްރުއަރީ 2025 އަކަށްނޫން ކަމަށާއި ރަސްމީ ދުވަސް ގުނަންޖެހޭ ގޮތް ވަކީލު އަލީހުސެއިނަށް ކިޔައިދެއްވަން ޖެހެވަޑައިނުގަންނަވާނެ ކަމަށެވެ.
މީގެއިތުރަށް އޭޖީ ވިދާޅުވީ މި ރަމަޟާން މަހު ދޮގު ވާހަކަތައް ފަތުރައި، ފިތުނަފަސާދަ އުފެއްދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ކޮންމެވެސް ހެޔޮ އަމަލެއް ކުރުމުގައި ޝާމިލްވުމަށް ނަސޭހަތްތެރިވާކަމަށެވެ.

