ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، މެމްބަރުންގެ އާއިލާތަކަށް ރާއްޖެއިން ބޭރުން ލިބޭ ހިލޭ ބޭސްފަރުވާގައި ރީއިންބާސް ކުރަން ނުޖެހޭ ގޮތަށް އިންޝުއަރެންސް ކާޑެއް ބޭނުން ކުރާ ގޮތަށް އެދެން ނިންމައިފި އެވެ.
ބޭރު ގައުމުތަކުން ބޭސްފަރުވާ ކުރުމުގައި، ރީއިމްބާސް ކުރަން ޖެހުމުގެ ސަބަބުން ދަތިތައް ދިމާވާކަމަށް ބުނެ މެމްބަރުން ވަނީ ޝަކުވާކޮށްފަ އެވެ. އަދި މެމްބަރުންނަށް ލިބިގެންވާ އެކި އިމްތިޔާޒްތަކާއި ގުޅުވައި، އިތުރު ލުއިތައް ހޯދުމާއި ގުޅުވައި ވެސް ވާހަކަ ދައްކަވާފައި ވެއެވެ.
މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައި ވަނީ، މެމްބަރުން އެދުނު ގޮތަށް ބޭސްފަރުވާ ކުރުމުގައި ރީއިބްބާސް ކުރަން ނުޖެހޭ ގޮތަށް އެލައިޑް އިންޝުއަރެންސްގައި އެދުމަށެވެ. އެލައިޑުގައި އެގޮތަށް އެދެން ނިންމާފައި ވަނީ އާސިއާން ގައުމުތަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުނާއި، އެ މެމްބަރެއްގެ އާއިލާގެ ސިއްހީ އިންޝުއަރެންސް ދިނުން އެ ކުންފުންޏަށް ހަވާލުކޮށްފައިވާތީ އެވެ. އެއީ އާއިލާގެ މެމްބަރުންގެ ތެރެއިން އަނބިމީހާ ނުވަތަ ފިރިމީހާއާއި، ދަރިންގެ ތެރެއިން 18 އަހަރު ނުފުރޭ ކުދިންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި މެމްބަރުން ޝަކުވާކޮށްފައި ވަނީ، ރާއްޖެއިން ބޭރުން ބޭސްފަރުވާއަށް އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހި ޖުމްލަ އެ އަދަދު އެލައިޑުން ނުލިބޭކަމަށް ބުނެއެވެ.
މެމްބަރުންގެ އިންޝުއަރެންސާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ ދައުލަތުގެ ބަޖެޓަށް އިތުރު ހަރަދެއް ނުކޮށް ނުވަތަ ބުރައެއް ނާންނަ ގޮތަށް މެޑިކަލް އިންޝުއަރެންސް ހަރުދަނާ ކުރަން ޖެހޭކަމަށެވެ. އަދި އެލައިޑުގެ މެމްބަރުންގެ ހެލްތް އިންޝުއަރެންސް އިތުރު މުއްދަތަކަށް ދަންމާލުމަށް ހުށަހެޅުއްވި އެވެ.
މައްސަލަ ހައްލު ކުރުމަށް ދީދީ ދެން ހުށަހެޅީ ރީއިބްމާސް ކުރަން ނުޖެހޭ ނިޒާމެއްގެ ތެރެއިން، އިންޝުއަރެންސް ކާޑެއް މެމްބަރުންނަށް ހާއްސަކޮށް ތައާރަފު ކުރުމަށެވެ. އެ ހުށަހެޅުމަށް ކޮމިޓީގެ އެހެން މެމްބަރުން ތާއީދުކޮށް ވަނީ ފާސްކޮށްފައެވެ.
އެ ކާޑު ފަރުމާ ކުރުމަށް ނިންމާފައި ވަނީ، ވަކި ލިމިޓެއް ކަނޑައަޅައި އެ ކާޑުން ރާއްޖެއިން ބޭރުގައި ކުރާ ބޭސްފަރުވާއަށް ފައިސާ ދެއްކޭ ގޮތަށެވެ.
މި މައްސަލައިގައި މީގެ ކުރިން އޮތް ކޮމިޓީގެ ބައްދަލުވުމުގެ ބޮޑު ބައެއް ކުރިޔަށް ގެންގޮސްފައި ވަނީ މެމްމަރުންގެ މައިކު ކަނޑާލުމަށް ފަހު އެވެ. އެހެންވެ ރައްޔިތުންގެ މަޖިލީހުގެ ޔޫޓިއުބް ޗެނަލުން ލައިވް ކުރި އެ ބައްދަލުވުމުގައި ގިނަ މެމްބަރުން ދެއްކެވި ވާހަކަ ސާފެއް ނޫނެވެ. އެކަމަމު ކޮންމެ މެމްބަރެއްގެ ވާހަކައިން ވެސް ދޭހަވި ގޮތުގައި މަޖިލިސް މެމްބަރުންނަށް ބޭސްފަރުވާ ކުރުމުގައި މިހާރު ބޮޑެތި ދަތިތައް ދިމާވެއެވެ.
އެގޮތުން ތިމަރަފުށި ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒު ވިދާޅުވީ ރާއްޖެއިން ބޭރުގައި ހެލްތް އިންޝުއަރެންސް ލިބުމުގައި އޭނާއަށް ދަތިވިކަމަށާއި އޭނާއަކީ މަޖިލިސް މެމްބަރެއްކަމަށްވުމާއި އެކު އެ މައްސަލަ ދިމާވެގެންވާނެކަމަށް ގަބޫލު ނުކުރާކަމަށެވެ. އަދި ވިދާޅުވީ ރީއިމްބާސް ކުރަން ޖެހޭ ގޮތަށް އުސޫލު އޮތް ނަމަވެސް މެމްބަރުންގެ އަތުން ކުރާ ހޭދަ ފަހުން ނުލިބޭއިރު މިއީ އުފުލަން ޖެހޭ އިތުރު ތަކުލީފެއްކަމަށެވެ.
މީގެއިތުރުން ބޭސްފަރުވާއަށް ފަހު އެނބުރި އައިސް އެ ފައިސާ ހޯދަން އުޅެން ޖެހި، ވަގުތު ބޭކާރުވެގެންދާކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭނާ އެންމެ ފަހުން އާއިލާއާއި އެކު ކުރި ދަތުރުގެ ބޭސްފަރުވާގެ ލިޔެކިއުންތައް އެލައިޑަށް ހުށަހެޅުމުން ރިޖެކްޓު ކުރިކަމަށެވެ.
އެއީ އިންޑިއާއަށް އަޅުގަނޑު ކުރި ދަތުރުގައި.. އަނެހްނުންގެ މެޑިކަލް ހުރިހާ އެއްޗެއް ހުށަހެޅިން… ރިޖެކްޓުކޮށްލީ.. އަޅުގަނޑު ބުނިން ވަޓްސްއަޕްކޮށްފަ.. އަޅުގަނޑަކީ މެމްބަރެކޭ.. މިހެން ހުށަހަޅާ އެއްޗެހި ރިޖެކްޓެއް ނުކުރެވޭނެއޭ.. އަޅުގަނޑު ވެސް ވަރަށް ބޮޑު ހަރަދެއްކޮށްފައޭ އައި..
ކޮމިޓީ ބައްދަލުވުމުގައި ހާޒިރުވެ ތިބި މެމްބަރުން ވިދާޅުވަމުން ގެންދެވީ، މެމްބަރުންނަށް އޮންނަ އިނާޔަތްތައް ހަރުދަނާކޮށް ފުރިހަމަވާން ޖެހޭކަމަށެވެ. އަދި އޮންނަ އުސޫލުގެ ތެރެއިން އެ ނިޒާމުތައް ތަންފީޒު ވާނެ ގޮތެއް ހޯދަން ޖެހޭކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ޖުމްލަ 82،000 ރުފިޔާ ލިބެއެވެ. އަދި އޭގެ އިތުރުން ބޭސްފަރުވާއާއި އެކު ހެލްތް އިންޝުއަރެންސަށް މަހެއްގެ މައްޗަށް 24،000 ރުފިޔާ ލިބޭނެ އެވެ.
މީގެއިތުރުން ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހާއްސަ އެކި އިމްތިޔާޒްތައް ލިބިގެންވެއެވެ.

