އެމްޑީޕީގެ ވެރިކަމުގެ ފަހު އަހަރާއި، މިދިޔަ އަހަރު ދަރަނި އަނބުރާ ދެއްކުމަށް ކުރި ހޭދަ ހުރީ އެއް މިންވަރެއްގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައިރު ރާއްޖޭގެ ޖުމްލަ ދަރަނި 120 ބިލިއަނުން މައްޗަށް އަރާއިރު، އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ގިނަ ގޮންޖެހުންތައް ދިމާވި އެއް ސަބަބަކީ އެއީ އެވެ. އަދި ތަކެތީގެ އަގު އިންތިހާއަށް އުފުލި، އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުން ސަރުކާރުން ހަރަދު ކުޑަ ކުރުމަށް ގިނަ ފިޔަވަޅުތައް އިއުލާނު ކުރި އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ގިނައިން ދައްކަވަމުން ގެންދަވާ ވާހަކައަކީ ވާރުތަވެގެން އައީ 120 ބިލިއަން ރުފިޔާގެ ދަރަންޏެވެ. އެތެރޭގެ ދަރަނި ވެސް އިންތިހާއަށް އިތުރު އިރު ރައީސް ވިދާޅުވީ ކުންފުނިތަކުން ރައްޔިތުން ލައްވައި މަސައްކަތް ކުރުވުމަށް ފަހު ނުދީ ހުރި ފައިސާގެ އަދަދު އެކަނި ވެސް 09 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ.
ބައެއް ކުންފުނިތަކުގެ ވެރިން ވަނީ މަގާމާ ހަވާލުވުމަށް ފަހު، ހާލަތު ގޯސްކަމަށާއި ދަރަނީގެ އަދަދުތައް އަންދާޒާ ކުރެވުނު މިންވަރަށް ވުރެ އިތުރުކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ފެނަކަ ކުންފުނި ފާހަގަކުރެވެ އެވެ.
ދަރަނީގެ ހާލަތާއި ގުޅޭގޮތުން ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ޝަމްހީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ގޯސް އިގްތިސާދީ ފިޔަވަޅުތަކެއް އެޅިކަމަށް ބުނެ ދައްކަނީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. ޝަމްހީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން އެކުލަވާލި ރީފޯމް އެޖެންޑާގެ ދަށުން ގިނަ ފިޔަވަޅުތައް ތަންފީޒު ކުރެވި އައީ ދަރަނިތައް ދައްކަމުން ކަމަށެވެ.
ދަރަނި ދެއްކުމުގައި އެމްޑީޕީން ލުއި ގޮތްތައް ހޯދިއިރު، ރައްޔިތުންނަށް ދަތިވާ ގޮތަށް އެޅި އެއްވެސް ފިޔަވަޅެއް ނެތްކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން މިވީ އަހަރެއްގެ ތެރޭގައި، ދަރަނީގެ ވާހަކަ ދައްކަވައި އެ އަނބުރާ ދެއްކުމަށް ސަރުކާރުން އުފުލަން ޖެހުނު ބުރަކަމަށް ތަކުރާރުކޮށް ވާހަކަ ދައްކަވަނީ ނާގާބިލުކަން ފޮރުވުމަށްކަމަށް ޝަމްހީދު ވިދާޅުވި އެވެ. ޝަމްހީދު ވިދާޅުވީ އަހަރަކަށް ވުރެ ގިނަ ދުވަސް ދަރަނިތައް ދެއްކުމަށް ހޭދަކުރުމުން، އެހެން ދަތިތައް ދިމާވިކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށެވެ.
އެގޮތުން ޝަމްހީދު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރާއި، އެމްޑީޕީގެ ފަހު އަހަރު ދަރަނި ދެއްކުމަށް ހޭދަ ކުރ ދާދި އެއް އަދަދެއް ކަމަށެވެ. ޝަމްހީދު ވިދާޅުވީ އެ މައުލޫމާތުތައް ފިނޭންސް މިނިސްޓްރީ އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ފެނަން ހުންނާނެ ކަމަށެވެ.
މި ސަރުކާރުން ބުނަނީ ތިމަންނަމެން ދަރަނިތައް ދައްކާށޭ އެންމެ ގިނަ ފައިސާ ހޭދަކުރީ.. އެކަމަކު ތިބޭފުޅުން ފިނޭންސް މިނިސްޓްރީ އާންމު ކުރާ ސްޓެޓިސްޓިކްސް ބަލާލީމަ އެނގޭނެ 2023 ގައި ހަރަދު ކުރިވަރަށް ގާތްގަނޑަކަށް 2024 ވަނަ އަހަރު ވެސް ދަރަނިތައް ދައްކަން ހޭދަކޮށްފައި ވަނީ.. އިތުރު ފައިސާއެއް ދައްކައިގެނެއް އަދިއެއް ނޫޅޭ.. މި އަހަރު ވެސް އެބޭފުޅުންގެ ވިސްނުމުގައި ނެތް ދަރަނިތައް ދައްކާކަށް..
ދަރަންޏާއި ގުޅުވައި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ތުހުމަތު ކުރައްވައި، ޝަމްހީދު ވިދާޅުވީ މި އަހަރު އަދާކުރަން ޖެހޭ ދަރަނިތައް ދެއްކުމަށް ވެސް ރައީސް މުއިއްޒު އެއްވެސް މަސައްކަތެއް ނުކުރައްވާކަމަށެވެ. ޝަމްހީދު ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުން ހުރީ ދައްކަން ޖެހޭ ދަރަނި ފަސްކޮށް ދިނުމަށް އެދި ހުށަހެޅުމަށެވެ.
ސަރުކާރުން މަސައްކަތް ކުރަނީ ކިރިޔާވެސް ފަސްކުރެވޭ ދަރަންޏެއް ނަމަ އެ ގައުމަކާއި ވާހަކަ ދައްކައިގެން ލަސް ކުރުމަށްކަމަށް ޝަމްހީދު ވިދާޅުވި އެވެ. ޝަމްހީދު ވިދާޅުވީ ރަނގަޅު މާލީ ހާލަތެއް ނެތްކަމަށް ބުނެ ދަރަނި ފަސް ކުރުމަކީ އޮތް ހައްލުކަމަށް ދެކިގެން ނުވާނެކަމަށެވެ. އަދި މިއީ ކޮންމެވެސް ދުވަހަކުން އަނބުރާ ދައްކަން ޖެހޭ އަދަދުތަކެއްކަމަށް ވާތީ ވެ، ނެތް ހާލަތެއް ރައްޔިތުންނަށް ދެއްކުމުގެ ބޭނުމެއް ނެތްކަމަށް ޝަމްހީދު ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް ފެނިގެން ދިޔައި މިދިޔަ އަހަރު ވެސް ދައްކަން ބަޖެޓު ކުރި އަދަދު ވެސް މި ސަރުކާރުން ނުދައްކައި ފަސްކޮށްލިތަން..
ދަރަނީގެ ހާލަތާއި ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އޮތް ކަންބޮޑުވުމަކީ ވެސް އެއީ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު މިދިޔަ ފަސް އަހަރު ވައްޓާލާފައި އޮތީ ރައީސް ވިދާޅުވި ގޮތުގައި އަޑި ނޭނގޭ ފުން އަނދަވަޅަކަށެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ގައުމު ވައްޓާލާފައި އޮތް ހާލަތު އެނގި ސާފުވީ މަސައްކަތާއި ހަވާލުވެ، ރަނގަޅު މަގުން ކަންކަން ކުރިޔަށް ގެންދެވޭނެ މަގެއް ހޯދުމުގެ ތެރެއިންނެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު އެންމެ ބޮޑަށް ގޯސްވީ، ހައްދެއް ނެތި ފައިސާ ޗާޕު ކުރުމުގެ ސަބަބުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭގެ މައްޗަށް ލޯނުތައް ނަގަމުން ދިޔައީ އެއްވެސް ޕްލޭނެއް ނެތިކަމަށެވެ.

