މާލޭގައި ބިދޭސީން ދިރިއުޅޭ އަދި ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރިކުރާ ތަނަކުން ގަވާއިދާ ހިލާފަށް އުޅެމުން އައި 32 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން އެކްސްގައިކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ މީހުން ހައްޔަރުކުރީ ފެބްރުއަރީ މަހުގެ ތެރޭގައި އިމިގްރޭޝަން ވޮޗަށް ލިބިފައިވާ ރިޕޯޓަކާ ގުޅިގެން ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ ޕޯސްޓުގައިވާ ރިޕޯޓުގައި ބުނެފައިވަނީ ޑެކް އަޅައިގެން ހަތަރު ފްލޯއަށް ހަދާފައިވާ މއ. ހިތިލާގެ ދެ ގެއަކަށް ގިނަ އަދަދެއްގެ ގަނޑުކުރި މަހާއި ތަރުކާރީ އާއި އެހެނިހެން ކާނާގެ ބާވަތްތައް ސަޕްލައިކުރާ މަންޒަރު އަބަދުވެސް ފެންނަ ކަމަށާއި ގިނަ އަދަދެއްގެ ގޭސް ސިލިންޑަރު ވެސް އެތަނަށް ގެންދާ ކަމަށެވެ.
ގިނަ އަދަދެއްގެ ބަތް ޕާރުސަލު އެތަނުން ގެންދާ ކަމަށާއި އެ ވަގުތާ ދިމާކޮށް ޑެލިވަރީ ސައިކަލުތައް ވެސް ގޭގެ ބޭރުގައި ހުންނަ ކަމަށް އާންމު ފަރާތަކުން އިމިގްރޭޝަނަށް އަންގާފއިވާ ކަމަށް ވަނީ ބުނެފައެވެ. އެ ރިޕޯޓާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އިމިގްރޭޝަނުގެ އޮފިސަރުން އެ ގެއަށް ވަދެ ބެލި ބެލުމުން އެ ތަނަކީ އެއް ފަހަރާ ގިނަ މީހުންނަށް ކައްކާ ތަނެއް ކަމާއި އަދި އެތަނުގައި ބިދޭސީން ހުރުމުގެ އިންތިޒާމު ވެސް ހަމަޖައްސަފައި ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.
އިމިގްރޭޝަނުން ބުނީ އެތަނުގައި އުޅޭ 76 ބިދޭސީންގެ ލިޔެކިޔުންތައް ބެލިއިރު އޭގެ ތެރެއިން 32 ބިދޭސީންނަކީ ސައްހަ ވިސާ ނެތި ނުވަތަ ވަޒީފާ ދިން ފަރާތަށް ފިލައިގެން ދިރިއުޅެމުން އަންނަ މީހުން ކަމަށެވެ. ގަވާއިދާ ހިލާފަށް އުޅެމުން އަންނަ އެތައް ބަޔަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ގެންދަނީ ޑީޕޯޓް ކުރަމުންނެވެ.

