ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅުގެ ދަށުން، ރާއްޖޭގެ 110،127 ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިފައިވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި ޙަރަކާތްތެރިވި މުވައްޒަފުންގެ އަގުވަޒަންކުރުމަށް ރޭ މާލޭ ޕަބްލިކް ވާރކްސް ޔުނިޓްގައި ބޭއްވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިހާތަނަށް މާލޭގެ 49،416 ގޭބިސީއަށާއި އަތޮޅުތެރޭގެ 60،711 ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިފައިވާ ކަމަށެވެ.
މާލޭ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ސިޓީސް މިނިސްޓްރީން ކަމަށްވީ ނަމަވެސް، މި މަސައްކަތް ކާމިޔާބު ކުރެވުނީ ސަރުކާރުގެ ކުންފުނިތަކާއި، ސިފައިންނާއި އަދި ފުލުހުންގެ ޚާއްޞަ އެހީތެރިކަމާ އެކުގައި ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަތޮޅުތެރޭގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ރަށްރަށުގެ ކައުންސިލްތަކުންނެވެ.
މިނިސްޓަރ އާދަމް ޝަރީފު ވަނީ މި އަހަރުގެ ރޯދަ ހަދިޔާ ބެހުމުގައި ޙަރަކާތްތެރިވި އެންމެހައި ފަރާތްތަކަށް ރައީސް މުޢިއްޒުގެ ނަންފުޅުގައިވެސް ޝުކުރު އަދާކުރައްވާފައެވެ. އަދި ސަރުކާރުން މި އަހަރު ރޯދަ ހަދިޔާގެ ގޮތުގައި ދެއްވާ މަސްދަޅު ކޭސް ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުގައި މިހާރު ވަނީ ބަހައި ނިންމާފައެވެ.

