ޓޫރިޒަމްގެ ހިދުމަތް ދިނުމަށް ދޫކޮށްފައިވާ ފަޅެއް، ނުވަތަ ރަށެއްގެ މަސައްކަތް އެއްބަސްވުމާއި އެއްގޮތަށް ކުރިޔަށް ނުގެންދާތީ، އެ ބާތިލު ކުރާ ހާލަތެއްގައި ތަން ކުއްޔަށް ނަގާފައިވާ ފަރާތަށް ސަރުކާރުން އެއްވެސް ބަދަލެއް ދޭން ނުޖެހޭނަކަމަށް ހިމަނައި ޓޫރިޒަމްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށައެޅި އިސްލާހު މަޖިލީހަށް ބަލައިގަނެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފިއެވެ.
މި އިސްލާހު މަޖިލީހަށް ބަލައިގަތީ 43 މެންބަރުންގެ ވޯޓާއިއެކުއެވެ. އިސްލާހާއި ދެކޮޅަށް ވޯޓުދެއްވީ 9 މެންބަރެކެވެ.
ޓޫރިމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ މީހުން ދިރިއުޅޭ ރަށްތައް ނުވަތަ ސިޓީތަކުގައި އެ ރަށެއް ނުވަތަ ސިޓީއެއްގެ ބިނާވެށީގެ ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތީން ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ ބިން ކަނޑައަޅާނީ އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުން ކަމަށެވެ. އިސްލާހުގައި ބުނާ ގޮތުން މީހުން ދިރިއުޅޭ ރަށްތައް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުގެ އިހުތިސާސްގައި ހިމެނޭ ފަޅު ރަށްތަކާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
މީގެއިތުރުން ގާނޫނުގެ 4 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ޓޫރިޒަމްގެ ބޭނުމަށް ކަނޑައަޅާ ސަރަހައްދުތަކުގައި ތަރައްގީ ކުރެވޭނީ، ޓޫރިސްޓު ގެސްޓްހައުސް ނުވަތަ ޓޫރިސްޓު ހޮޓެލް ކަމަށެވެ. ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލު ކުރުމަށް ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެދަށުން ނުވަތަ ސަރުކާރުން ކަނޑައަޅާ އެނޫންވެސް މުހިންމު ސިޔާސަތެއްގެ ދަށުން ދުރާލާ އިއުލާނުކޮށްފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުއެއް ހަވާލު ކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫއުއަކަށް ހަރަދުކުރާ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓު ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ރަށް ނުވަތަ ފަޅުން ބިން ދޫކުރެވޭނެކަމަށެވެ.
އިސްލާހުގައި ވަނީ ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލު ކުރުމަށް ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން ނުވަތަ ސަރުކާރުން ކަނޑައަޅާ އެ ނޫން ވެސް މުހިންމު ސިޔާސަތެއްގެ ދަށުން ދުރާލައި އިއުލާނުކޮށްފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުއެއް ހަވާލު ކުރެވޭ ފަރާތަކަށް ނުވަތަ މަޝްރޫއުއަކަށް ހަރަދު ކުރާ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ދޭން ވާނީ ގާނޫނު ބުނާ ގޮތުގެ މަތީންކަމަށެވެ.
ބިލުގައި ބުނެފައި ވަނީ ރިސޯޓެއް ތަރައްގީ ކުރުމަށް ބިމެއް ދޫކުރެވޭނީ ކުއްޔަށް ހިފާ ތާރީހުން ފެށިގެން 50 އަހަރުގެ މުއްދަތަކަށް ކަމަށެވެ. އަދި މުއްދަތު އިތުރުކޮށްދޭން އެދިއްޖެ ނަމަ، އުސޫލަށް ބަލައި މުއްދަތު އިތުރުކޮށްދިނުމަށް ފަހު މުއްދަތު އިތުރު ކުރާ ކޮންމެ ތާރީހަކަށް އެއްފަހަރާ އެއްލަކަ ޑޮލަރު ދައްކަންވާނެކަމަށް އިސްލާހުގައި ވެއެވެ. އެކަމަކު ހަ މަސް ދުވަހުގެ މުއްދަތަކަށް ފަހު ފައިސާ ދައްކައި ހަލާސް ކުރުމަށް އެއްބަސްވާނަމަ ކޮންމެ އަހަރަކަށް ދެލައްކަ ޑޮލަރު އެއްފަހަރާ ދައްކަންވާނެއެވެ.

