ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރަސްމީ ގަޑީގައި ކާރުކޮޅުގައި މީހުން އުފުއްލަވަން އުޅުއްވިކަމަށް ބުނެ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ.
މައްސަލައިގައި ބުނެފައިވަނީ، ފަނޑިޔާރު ރަސްމީ ގަޑީގައި ކާރުކޮޅުގައި އުޅުއްވީ ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި އޮއްވައި ކަމަށެވެ. އަދި އަޑުއެހުމަށް ހާޒިރުވެވަޑައިނުގެން އެ ދުވަހު ގަސްތުގައި ލަސްކުރެއްވިކަން ފާހަގަކޮށް މައްސަލައިގައި ބުނެފައިވަނީ، އެ ދުވަހު ފަނޑިޔާރު އުޅުއްވީ ރަސްމީ މަސައްކަތް ދޫކޮށް އެއާޕޯޓަށް މީހުން އުފުލަން ކަމަށެވެ.
އެ ދުވަހު ފަނޑިޔާރު އަޑުއެހުމަށް ހާޒިރުވެވަޑައިގެންނެވީވެސް އަޑުއެހުން ފަށަން ތާވަލުކޮށްފައިވާ ގަޑި ފާއިތުވެދިޔަ ފަހުންކަމަށް މައްސަލައިގައި ބުނެފައިވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ފަނޑިޔާރު ވަޑައިގެންނެވީ ޖޭއެސްސީން ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންކަމަށްވާ މަހާޒް އަލީ ޒާހިރާއި، އަޒްމިރަލްދާ ޒާހިރު އަދި ހުސްނުއްސުއޫދު ސަސްޕެންޑުވެސް ކުރިފަހުންނެވެ.
ކަން އެހެން އޮތުމުން އެ މައްސަލަ ބަލައިދިނުމަށް އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށަހެޅި މި މައްސަލައިގައި ވަނީ އެދިފައެވެ.
ސަންގުޓީވީއަށް އެނގިފައިވާ ގޮތުގައި އެ ދުވަހު އަޑުއެހުމަށް ވަޑައިގެންނެވުމުގެ ކުރިން ފަނޑިޔާރު ވަނީ އެއާޕޯޓުގައި ހުރި މީހަކު ކާރުކޮޅުގައި ތަނަކަށް ގެންގޮސްދެއްވާފައެވެ.
ފަނދިޔާރު އަލީ ރަޝީދު ހުސައިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ 2020 ވަނަ އަހަރުއެވެ. އޭގެ ކުރިން އަލީ ރަޝީދު ހުސައިން ހުންނެވީ ކްރިމިނަލްކޯޓު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެންނެވެ.

