75 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަދި ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފި އެވެ.
2025 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެ ރަށަކާއި އެކަށޭނެ ކުނި މެނޭޖު ކުރާނެ ނިޒާމެއް ގާއިމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވެފައި ވެއެވެ.
އެގޮތުން އެ އަމާޒަށް ވާސިލުވުމަށް ޓޫރިޒަމް އެންޑް އެންވައިރޮމެންޓް މިނިސްޓްރީން ކުރިޔަށް ގެންދާ ”މަގޭ ސާފު ރާއްޖެ ޕްރޮގްރާމް“ ގެ ތެރެއިން އެމްޓީސީސީއާއި، އާރުޑީސީ އަދި ފެނަކައާއި ހަވާލުކޮށްފައި ވަނީ ޖުމްލަ 75 ރަށެއްގެ ކުންޏާއި ވަސީލަތްތައް މެނޭޖު ކުރާ މަރުކަޒުތައް ގާއިމު ކުރުމާއި އަޕްގްރޭޑު ކުރުމުގެ ކޮންޓްރެކްޓެވެ.
މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، ނިމުނު ހަފްތާގައި 34 ރަށެއްގެ ކުންޏާއި ވަސީލަތްތައް މެނޭޖު ކުރާ މަރުކަޒުތައް ގާއިމު ކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި ވަނީ ހަވާލުކޮށްފަ އެވެ. މިއާއި އެކު މިއަދު ހަވާލު ކުރި 75 ރަށާއި އެކު ޖުމްލަ 109 ރަށެއްގައި ވޭސް މެނޭޖްމަންޓް އިންފްރާސްޓްރަކްޗަރ ގާއިމު ކުރުމުގެ ނުވަތަ އަޕްގްރޭޑު ކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ހަަތަރު ކުންފުންޏަކާއި ވަނީ ހަވާލު ކުރެވިފަ އެވެ.
މީގެއިތުރުން މި ޕްރޮގްރާމްގެ ތެރެއިން ކުނި މެނޭޖްކުރުމުގެ އިންފްރާސްޓްރަކްޗަރ ގާއިމު މިކުރެވޭ 109 ރަށުގެ އިތުރުން ބާކީ ހުރި ރަށްރަށުގައި ވަނީ މިފަދަ އިންސްޓްރަކްޗަރ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި، މިނިސްޓްރީން ގަބޫލުކުރާ މިންގަނޑަށް ގާއިމުކުރެވިފަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ ރަށްރަށަކީ ބޭރުގެ އެހީގައި މިނިސްޓްރީން ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެ މަސައްކަތް މިހާރު ކުރެވެމުންދާ ރަށްރަށާއި ޕްރޮކިއުމަންޓް މަރުހަލާގައި ހުރި ރަށްތަކެވެ. އެހެންކަމުން ރޭވިފައިވާގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް، މި އަހަރު ފަހު ކުއާޓަރގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް މައުލޫމާތު ދިނެވެ.
ރަށްރަށުގައި ގާއިމު މިކުރެވޭ ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތަކަށް ބޭނުންވާ އިކްވިޕްމަންޓާއި ކުނި އުފުލާނެ އުޅަނދުތައް ވެސް އެފަދަ ތަކެތި މިހާރު ފޯރުކޮށްދެވިފައި ނުވާ ރަށްރަށަށް މި އަހަރުގެ ތެރޭގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

