މި އަހަރުގެ ޕީކް ސީޒަންގައި ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ކެނޑިގެން ނުދާނެކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން އާންމުކޮށްފައިވާގޮތުން އެ ކުންފުނިން ހުޅުވާފައިވާ ހުޅުމާލެ އިންޖީނުގެ އެނެކްސް 2 އަކީ ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީކޮށް ހުޅުވާފައިވާ ތަނެކެވެ. މި އިންޖީނުގެ ހުޅުވުމުގެ ގޮތުން ރަސްމިއްޔާތެއް ބޭއްވިއިރު ގައުމީ ދިދަ ނެގުމުގެ މަސައްކަތްތައް ކުރެވިފައިވާކަން ފާހަގަކޮށްފައިވެއެވެ. ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ އެމްޑީ ހުސައިން ފަހުމީކަމަށްވާއިރު ދިވެހި ދިދަ ނެންގެވީ ޑީއެމްޑީ އައިޝަތު މުޒްނާއެވެ.
އެ ކުންފުނީގެ އެމްޑީ ފަހުމީވަނީ އިންޖީނުގޭގައި ބަހައްޓާފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން އެއް ޖެނެރޭޓަރު ސްޓާޓުކޮށްދެއްވާފައެވެ. ފަހުމީ ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމުގެ މަތިވެރި ރޫހާއެކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުން ނިންމާލާފައިވަނީ ބޮޑު މަސައްކަތެއްކަމަށެވެ. އެގޮތުން 48،000 އަކަފޫޓޫގެ ބިމެއް ސާފުކޮށް 200 އެއްހާ ޓަނުގެ ކުނި އެތަނުން ނަގައި، އެ ބިން އެއްވަރުކުރުން އަދި ފިއުލް ލައިން އެޅުމާއި ހުޅުމާލޭ މައި އިންޖީނުގެއާއި ހަމަޔަށް އިންޖީނުތަކުގެ ކޭބަލްތައް ގެންގޮސް ގްރިޑާއި ގުޅާލުމުގެ ބުރަ މަސައްކަތްތައް ކޮށްފައިވާކަމަށް ފާހަގަކުރެއްވިއެވެ.
ފަހުމީ ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ މަސައްކަތް ފެށި ހިސާބުން، އިންޖީނުތައް ގެނައުމާއި، އެ ހުރިހާ މަސައްކަތެއް ކުރިއަށްދިޔަގޮތް ގާތުން ބައްލަވާފައިކަމަށެވެ. އެގޮތުން މަސައްކަތުގައި ދިމާވެދާނެ ހުރަސްތައް ބައްލަވައި، އެހުރަސްތައްނައްތާލުމަށް ކުރެވިދާނެ ކަންކަމާއި މެދު ލަފަޔާއި އިރުޝާދު ދެއްވަމުންގެންދެވުމުގެ އިތުރުން އިންޖީނުގޭގެ ބިން ހޯދުމަށް ބޭއްވި ބައެއް ބައްދަލުވުންތަކުގައި ރައީސް ބައިވެރިވެވަޑައިގެންނެވިކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވިކަމަށާއި އެ ހުރިހާ ކަމަކަށްޓަކައި އެމަނިކުފާނަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރޯދަ މަހުގައިވެއް އައްވާއި، ވާރެއަށް ބެލުމެއްނެތި އެއްވެސް ފަސްޖެހުމެއްނެތި ސްޓެލްކޯގެ މުވައްޒަފުން މަސައްކަތްކޮށްފައިވަނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި، އެކަމަށްޓަކައި ކުންފުނީގެ މުއައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާކަމަށެވެ. އަދި ސްޓެލްކޯއިން އަތޮޅުތެރޭގައި ހިދުމަތްދޭ 33 ރަށުގައިވެސް ރޯދަމަހާއި ޕީކް ސީޒަނަށް ތައްޔާރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަންވެސް ހިއްސާކުރެއްވިއެވެ.
ފަހުމީ ވިދާޅުވީ، މި ރޯދަމަހު ސްކޫލްތައް ބަންދުވުމާއި، ފަހު 10 ގައި އޮފީސްތައް ބަންދުވާތީ މި އަހަރުގެ ޕީކް ރޯދަމަހު ނުފެށުނު ކަމުގައިވި ނަމަވެސް، މި ރޯދަމަސް ނިމިގެން ހޫނު މޫސުމާއެކު ޕީކް ސީޒަން ފެށޭނެކަމަށެވެ. ފަހުމީ ވިދާޅުވީ، ސްޓެލްކޯ އަބަދުވެސް އޮންނާނީ ދުރު މުސްތަގުބަލަށް ވިސްނައި، ދުރާލާ ތައްޔާރަށް ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭން ބޭނުންވެވަޑައިގަންނަވާކަމަށެވެ. އެމްޑީ ވިދާޅުވީ، މި ޕީކް ސީޒަންގައި ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ/
ސްޓެލްކޯއިން މައުލޫމާތު ދީފައިވާގޮތުން ހުޅުމާލޭ އިންޖީނުގެ އެނެކްސް – 2 ގެ ގޮތުގައި މި ހުޅުވިގެންދިޔަ އިންޖީނުގޭގައި 1.6 މެގަވޮޓްގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެތަނުން މި ވަގުތު 7 ޖަނަރޭޓަރުސެޓް ވަނީ ކޮމިޝަން ކުރެވިފައިކަމަށްވާއިރު އަދި އިތުރު ފަސް ޖަނަރޭޓަރު ސެޓް ގެނެވި މި ރޯދަމަސް ނިމުމުގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ވަނީ ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ. އެހެންކަމުން ހުޅުމާލެ އިންޖީނުގެ އެނެކްސް – 2 ގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެކަން ފާހަގަކޮށްފައިވެއެވެ.

